ހޮލީވުޑް

އޮސްކާގެ ޖޫރީއަށް 928 އާ މެމްބަރުން

އެކަޑެމީ އޮފް މޯޝަން ޕިކްޗާސް އާޓްސް އަދި ސައިންސް އިން ކޮންމެ އަހަރަކު ދެމުން އަންނަ އޮސްކާ އެވޯޑުގެ ޖޫރީއަށް މި އަހަރު 928 އާ މެމްބަރުންނަށް ދައުވަތުދީ، މިހާތަނަށް އެންމެ ގިނަ މެމްބަރުންނަށް ދައުވަތު ދިން ފަހަރުގެ ރެކޯޑު ގާއިމްކޮށްފި އެވެ.

އަލަށް ނެގި މެމްބަރުންގެ ތެރޭއިން ގާތްގަނޑަށް ދެބައި ކުޅަ އެއް ބަޔަކީ އަންހެން ފަންނާނުންނެވެ. މީގެ ތެރޭގައި ބޭރު އެކި ގައުމުތަކަށް ނިސްބަތްވާ ފަންނާނުންގެ އަދަދުވެސް ގިނަ އެވެ. އެކަޑެމީގެ އަމާޒަކީ ވެސް 2020 ވަނަ އަހަރު އަންނަންވާއިރަށް އަންހެނުންނާއި ތަފާތު އެކި ނަސްލުތަކުގެ މީހުންނާއި މެދުގައި އޮންނަ ތަފާތު ކުރުންތައް ނައްތާލައި ހުރިހާ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމެވެ.

ޖިންސީ ފުރައްސާރަ އާއި ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ހޮލީވުޑްގައި މިހާރު ކުރިއަށްދާ ކެމްޕެއިނުތައް ކަމަށްވާ #އޮސްކާސޯވައިޓް އާއި #މީޓޫ މޫވްމަންޓާއެކު އޮސްކާއަށް ވެސް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެ ގޮތުގައި އޮސްކާގައި ބަސް ކިޔުމުގެ ބާރު ހަމައެކަނި އޮންނަނީ ދޮން މީހުންނަށް ކަމަށް ބުނެ ވާހަކަތައް ދެކެވެ އެވެ.

އޮސްކާގެ ޖުރީއަށް އަލަށް ދައުވަތު ދިން މީހުންގެ ތެރޭގައި ފްރާންސާއި މެކްސިކޯގެ އަންހެން ސިނެމަޓޯގުރާފަރުން ވެސް ހިމެނެ އެވެ.

އަލަށް ދައުވަތުދިން ހޮލީވުޑްގެ އެކްޓްރެސުންގެ ތެރޭގައި ޖަޑާ ޕިންކެޓް ސްމިތް، އެމީ ޝޫމާ، އޭން ޑޯޑް އަދި ކްރިސްޓީން ބަރަންސްކީ ހިމެނެ އެވެ. އަދި މަޝްހޫރު އަންހެން ކޮމެޑިއަނުން ކަމަށްވާ ޓިނެފީ ހަދީޝް އަދި ސޭރާ ސިލްވާމަން ހިމެނެ އެވެ. ފިރިހެން ތަރިންގެ ތެރޭގައި އެފްރިކަން-އެމެރިކަން ކޮމެޑިއަން ޑޭވް ޗެޕޭލް، އެކްޓަރު ޑެނިއެލް ކަލުއްޔާ އާއި ތިމޮތީ ޝެލްމެޓް ހިމެނެ އެވެ.

މީގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވެސް މިފަހަރު ޖުރީއަށް ދައުވަތު ދީފައިވެ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ މާދުރީ ދިކްޝިތު، ޝާހުރުކް ޚާން، އަނިލް ކަޕޫރް، މަނީޝާ ކޮއިރަލާ އަދި އަލީ ފަޒާލްގެ އިތުރުން އެހެން ބައެއް ތަރިންވެސް ވަނީ ނަގާފަ އެވެ. މި ތަރިންގެ އިތުރުން ތަފާތު ޓެކްނިކަލް މަސައްކަތްތައް ކުރާ ފަންނާނުންނަށްވެސް ދައުވަތު ދިނެވެ.

ދައުވަތުދިން ހުރިހާ މީހުން ދައުވަތު ގަބޫލު ކޮށްފިނަމަ އޮސްކާގެ ޖޫރީގައި ހިމެނޭ އަންހެނުންގެ އަދަދު 28 އިން 31 ޕަސެންޓަށް އުފުލިގެންދާނެ އެވެ. އަދި ތަފާތު ނަސްލުތަކުގެ މީހުންނަށް އޮތް ފުރުސަތު 13 އިން 16 ޕަސެންޓަށް އުފުލިގެންދާނެ އެވެ.

ޖުރީއަށް މެމްބަރުން ނެގުމުގައި ބަލަނީ ފިލްމީ ދާއިރާގައި މަސައްކަތްކޮށްގެން އާންމުންގެ ބޮޑު ތަރުހީބެއް ހޯދަމުން އަންނަ މީހުންނަށެވެ. ކޮންމެ އަހަރަކު ދެމުން އަންނަ އޮސްކާ އެވޯޑްސް ކާމިޔާބުކުރާ ފަރާތްތައް ނިންމާނީ މި ޖުރީގައި ހިމެނޭ މެމްބަރުންގެ ވޯޓުންނެވެ.

އަލަށް އިތުރު މިކުރި 928 މެމްބަރުންނާއެކު އޮސްކާގެ ޖޫރީގައި ހިމެނޭ މެމްބަރުންގެ އަދަދު 9300 އަށް އުފުލިގެންދާނެ ކަމަށް ނިއު ޔޯކް ޓައިމްސްގައި ބުނެފައިވެ އެވެ.