ހޮލީވުޑް

އޮސްކާއަށް އާ ކެޓަގަރީއެއް އިތުރުކޮށްފި

އޮކްސާ އެވޯޑު ދެމުން އަންނަ އެކަޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސްއިން، އެ އެވޯޑަށް ބޮޑެތި ބަދަލުތަކެއް ގެންނަ ނިންމައި އެކަން އިއުލާނުކޮށްފި އެވެ. އެންމެ ބޮޑު ބަދަލަކަށް ފާހަގަކުރެވުނީ އެވޯޑު ދެމުން އަންނަ ކެޓަގަރީތަކަށް އާ ކެޓަރީއެއް އިތުރުކުރުމެވެ.

އިތުރުކުރި ކެޓަގަރީއަކީ "އައުޓްސްޓޭންޑިން އެޗީވްމަންޓް އިން ޕޮޕިއުލާ ފިލްމް" އެވެ. މި ކެޓަގަރީގެ ބޭނުމަކީ ބޮކްސް އޮފީހުގައި ނާކަމީޔާބީއާއި ކުރިމަތިވާ ފިލްމުތަކާއި އަދި އޮސްކާގެ އެހެން ބޮޑެތި ކެޓަގަރީތަކަށް ނޮމިނޭޓުނުވާ ފިލްމުތަކަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މި ކެޓަގަރީގެ ތަފްސީލު ފަހުން އާންމުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިހާރު އޮސްކާ އެވޯޑް ދެމުން އަންނަނީ 24 ކެޓަގަރީއަކުންނެވެ.

މީގެ އިތުރުން ގެނައި ބަދަލުތަކުގެ ތެރޭގައި އެވޯޑު ހަފްލާގެ ދިގުމިން ތިން ގަޑިއިރަށް ކުރުކުރަން ވަނީ ނިންމާފަ އެވެ. ލައިވްކޮށް ގެނެސްދޭ މި އެވޯޑުގެ ވަގުތު ކުޑަކުރުމުގެ ގޮތުން ބައެއް އެވޯޑު ކެޓަގަރީތައް އިޝްތިހާރުގެ ވަގުތުތަކުގައިވެސް އެވޯޑު ދިނުމަށް ވަނީ ނިންމާފަ އެވެ. ރެކޯޑުކުރުމަށްފަހު އިޝްތިހާރުގެ ވަގުތު ނިމުމާއެކު އެބައިތައް ބްރޯޑްކާސްޓުކުރާނެ އެވެ.

އެކަޑެމީން ވަނީ ދާދިފަހުން އާ ރައީސްއެއްވެސް އިންތިހާބުކޮށްފަ އެވެ. މިހާރު އެ އެކަޑެމީގެ ރައީސްއަކީ މަޝްހޫރު ސިނެމަޓޯގުރާފަރު ޖޯން ބެއިލީ އެވެ. އަންހެނުންނާއި ތަފާތު ސަގާފަތްތަކުގެ މީހުންގެ ބައިވެރިވުން އިތުރުކުރުމަށް އޮސްކާގެ ޖޫރީއަށް މި އަހަރު ވަނީ 928 އާ މެމްބަރުން ނަގާފަ އެވެ.

އެވޯޑު ބަލާ މީހުންގެ އަދަދު އިތުރުކުރުމަށްވެސް ގިނަ ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފަ އެވެ. އޮސްކާ އެވޯޑު އޮންނާނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ޑޮލްބީ ތިއޭޓަރުގަ އެވެ.