ކުޅިވަރު

އަންހެން ބާސްކެޓްގައި ސައިކްލޯން ބާރުގަދަ ކޮށްފި

އަންހެން ބާސްކެޓްބޯޅައިގައި، ސައިކްލޯން ބާސްކެޓްބޯޅަ ކުލަބު އެނބުރެމުން ދަނީ "ސައިކްލޯން" ނުވަތަ ނަގުލު ރޯޅިއެއްހާ ބާރު މިނުގަ އެވެ. މިދިޔަ ތިން އަހަރުވެސް އަންހެން ބާސްކެޓްގައި އެންމެ ގިނަ ކާމިޔާބު ހޯދީ، ސައިކްލޯންއެވެ.

މިދިޔަ އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕް ފައިނަލުގައި އެ ޓީމަށް ކުރިމަތިވި ނާކާމިޔާބާއެކު، މި އަހަރުގެ މުބާރަތަށް އެ ޓީމު ނިކުތީ ބާސެކެޓްގެ އެ ތަށި ގެނެސް އެ ޓީމުގެ ހަރުގައި ބެހެއްޓުމަށެވެ. ފައިނަލުގައި ޖިބްލީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި މިފަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕްގެ ތަށި އެ ޓީމުން އުފުލާލި އެވެ.

އެ ކާމިޔާބަށް ފަހު، އެ ޓީމު އޮތީ ވަރުގަދަ އަޒުމެކެވެ. އަންހެން ބާސްކެޓްގައި އެންމެ ވަރުގަދަ ނުފޫޒެއް އޮތް ޓީމަށް ވުމެވެ.

"މިހާރު ސައިކްލޯއަކީ އަންހެން ބާސްކެޓްގައި އެންމެ ގިނަ ކާމިޔާބު ހޯދާ ޓީމު ހާއްސަކޮށް މިދިޔަ ދެ އަހަރު އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބު ހަމަ ވަރަށް ރަނގަޅު،" ސައިކްލޯންގެ ކޯޗު އަހްމަދު ނަޒީފް ބުންޏެވެ. "ދެން މިއޮތީ ގައުމީ މުބާރާތް އެއީ އަޅުގަނޑުމެންނަށްވެސް އެންމެ މުހިންމު މުބާރާތް، އެ މުބާރަތަށް ވަރަށް ރަނގަޅަށް ތައްޔާރު ވާނަން."

މުބާރާތްތަކަށް ތައްޔާރު ވުމުގެ ގޮތުން، ކޮންމެ އަހަރަކުވެސް ޓްރެއިނިން ޓްއާއެއްގައި ރާއްޖެއިން ބޭރަށް ދިއުމަކީ އެ ޓީމު ތާވަލުގައި ހިމަނައި ލިޔެވިފައި އޮންނަ ކަމެކެވެ. މި އަހަރު އެ ޓީމުން މަސައްކަތް ކުރަނީ ޓްރެއިނިން ކޭމްޕަށް އިންޑިއާގެ ބެންގަލޫރަށް ދިއުމަށެވެ. ނަމަވެސް މިފަހަރު ސްކޫލު ޗުއްޓީ އަންނަ ގޮތުން އެކަމަށް ހުރަސްތައް ކުރިމަތިވާ ކަމަށް ނަޒީފް ބުންޏެވެ.

ސައިކްލޯންގައި ވަރުގަދަ ސްކޮޑެއް އެބައޮތެވެ. ހަމައެޔާއެކު ކުރިމަގަށްޓަކައި ޓީމެއް ބިނާ ކުރަން ކުރަން ޖެހޭ މަސައްކަތް ވެސް އެޓީމުން ދަނީ ކުރަމުންނެވެ. އަންހެން ޑިވިޝަންގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އުފެދިގެންދެ އެވެ. ސައިކްލޯންއިން ވެސް ކުރިމަގަށް ޓީމެއް ބިނާ ކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދޭކަން ނަޒީފް ފާހަގަ ކުރި އެވެ. ނަޒީފް ބުނީ އަންހެން ބާސްކެޓް ޑިވްލަޕްމެންޓުން ނަތީޖާވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އެކަމަށް އޮތީ މާބޮޑު މައްސަލައެކެވެ.

"ފިރިހެން ބާސްކެޓަށް އޮންނަ ވަރުގެ އަހަމިއްޔަތެއް އަންހެން ބާސްކެޓަށް ނޯވޭ،" ކަންބޮޑުވުމާއެކު ނަޒީފް ބުންޏެވެ. "ކުޅެން އެންމެ ފަސޭހަ ގަޑިވެސް މި ލިބެނީ ފިރިހެން ޑިވިޝަނަށް، ތިބޭފުޅުން [ނޫސްވެރިން] ވެސް ބާސްކެޓްގެ ޚަބަރުތައް ކަވަރު ކުރުމުގައި އަންހެން ޑިވިޝަނަށް ދޭ އެކްސްޕޯޝާ ވެސް އޮންނަނީ ވަރަށް ކުޑަކޮށް، އަންހެން ޑިވިޝަނަށް އެބަބޭނުންވޭ ރަނގަޅު އެކްސްޕޯޝާއެއް. އަންހެން ބާސްކެޓަށް އެބަ ބޭނުންވޭ ޓެކްނިކަލީވެސް އަހަމިއްޔަތު ކަމެއް."

ނަޒީފް ބުނީ ސައިކްލޯން އަބަދުވެސް އޮންނާނީ އަންހެން ބާސްކެޓަށް ހާއްސަ ޓީމެއްގެ ގޮތުގައި ކަމަށެވެ.