ހަބަރު

ހައްޔަރުކޮށްފައި ތިބި ބޭފުޅުންގެ އަނބިން އެއް މޭޒަކަށް

Feb 28, 2018
19

ތަފާތު އެކި ތުހުމަތުތަކުގައި ހައްޔަރުކޮށްފައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ދިފާއީ އެކި މުއައްސަސާތަކަށް ހިންގަވައި އެ ބޭފުޅުންގެ ދިފާއުގައި އެންމެ ބޮަޑަށް މަސައްކަތް ކުރައްވަނީ އެ ބޭފުޅުންގެ އަނބިއަނބިކަނބަލުންނެވެ. ބައެއް ބޭފުޅުން ދޫކޮށްލުމަށް ހަރު އަޑުން ގޮވަމުން ދަނީ ވެސް އެ ކަނބަލުންނެވެ.

އެފަދަ ގިނަ ކަނބަލުންތަކެއް މިއަދު ވަނީ އެއް މޭޒަކަށް އަރައި، އެކުގައި ވަގުތު ހޭދަކޮށްފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ އައިމިނަތު ނާދިރާ ވިދާޅުވީ، ދޫނިދޫ އާއި މާފުށީގައި ހައްޔަރުކޮށްފައި ތިއްބެވި ބޭފުޅުންގެ އަނބިކަނބަލުންނަކީ އާދަޔާ ހިލާފު ހިތްވަރުގަދަ ކަނބަލުންތަކެއް ކަމަށެވެ. ލާމަސީލް މިސާލުތަކެއް ކަމަށެވެ.

ހަވީރުގެ ސަޔަކަށް އެ ކަނބަލުން ބައްދަލުކޮށްފައިވާއިރު މި ބައްދަލުވުމުގައި ހައްޔަރުގައި ހުންނެވި މުހައްމަދު ނަދީމްގެ އަނބިކަނބަލުން ޔުމްނާ މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދު ބައިވެރިވަޑައިގަތެވެ.

އޭގެއިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އަނބިކަނބަލުން މަރިޔަމް ރީމް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމާއި މެޖިސްޓްރޭޓް އަހުމަދު ނިހާންގެ އަނބިކަނބަލުން ފަހުމާ އަހުމަދާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އައިމިނަތު މާޝާ ވެސް ބައިވެރިވަޑައިގަތެވެ. އަދި މިފަދަ އެއްވެސް ކަމެއްގައި މީގެކުރިން ބައިވެރިވަޑައިނުގަންނަވާ އަހުމަދު ފާރިސް މައުމޫންގެ އަނބިކަނބަލުންނާއި ކުރީގެ ޕީޖީ މުހުތާޒުގެ އަނބިކަނބަލުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.