ހަބަރު

ފަސް ނުޖެހި ފުލުހުން ހައްގު ބަސް ބުނަންޖެހޭ: އަމީތު

Feb 28, 2018
8

ރޭ ރައީސް ވަނީ ފުލުހުންތަކެއް ވަކިކޮށްފައިވާކަން ހާމަކުރައްވައި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ސަލާމަތީ ހިދުމަތްތަކުގެ ބައެއް އޮފިސަރުން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި، ސަލާމަތީ ހިދުމަތްތަކުން އެމަނިކުފާނަށް ފިކުރަށް ފުރުސަތު ދިނުމަށް ގޮވާލައްވާފައިވާފަ އެވެ.

މިއަދު އިދިކޮޅު ޕާޓީތަކުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީތު ވިދާޅުވީ، ފުލުހުން އަމަލުކުރަންވީ އެ ބޭފުޅުން އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ ގާނޫނުތަކަށް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަންގަވާހާ ގޮތަކަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ފުލުހުންގެ ތެރޭގައި ކަންބޮޑުވުންތައް އެބަހުރިކަން، ހައްގު ބަސް ބުނި ބައެއް ފުލުހުން ވަނީ ގާނޫނާ ހިލާފަށް ހިފާ ހައްޔަރުކޮށްފަ، އަޅުގަނޑުމެން މި ދަންނަވަނީ ފަހަތުގަ ތިބި ފުލުހުން ވެސް ތެދުވެ ހައްގުގެ ބަސް ބުނުމަށް، އެ ބޭފުޅުން ހައްގު ބަސް ބުނަން ފަސްޖެހިއްޖެނަމަ ހަމަ މި އަނިޔާ އެ ބޭފުޅުންގެ ކަރުގަ ހިފާފާނެ، އެ ދުވަސް އެ ބޭފުޅުންނާ ބައްދަލުކުރަންދެން އެއްވެސް ފުލުހަކު މަޑުކޮށްގެން ނުވާނެ،" އަމީތު ވިދާޅުވި އެވެ.

ގާނޫނީ އިމުތެ ތެރެއިން އެއްވެސް ފުލުހަކު މަސައްކަތް ކުރާނަމަ އެ ފުލުހަކާމެދު އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވެވޭނެ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ގެއްލުނު ގޮތަށް ސަލާމަތީ ހިދުމަތްތަކަށް އޮތް އިތުބާރު ވެސް ގެއްލިފައިވާ ކަމަށެވެ. އަމީތު މިހެން ވިދާޅުވީ ރޭ ރައީސް ދެއްކެވި ވާހަކަފުޅަށް އިޝާރަތް ކުރައްވާ އެވެ. ގާނޫނާ ހިލާފު އެއްވެސް އަމުރަކަށް ފުލުހުން ތަބާވާން ނުޖެހޭއިރު އެފަދަ އަމުރުތަކަށް ތަބާވާންޖެހޭ ކަމަށް ދެކެ ބައެއް ފުލުހުން ކަންބޮޑުވުންތައް އެބަހުރި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ. އެހެންވެ އެ ފުލުހުން ހައްގު ބަސް ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ބަންދުގައި މިހާރު ވެސް އެތައް ބަޔަކު ތިބިކަން ފާހަގަކުރައްވަމުން އަމީތު ވިދާޅުވީ، ދޫނިދޫގައި މިހާރު ކަންކަން ފާލުން ނައްޓާފައިވާ ކަމަށެވެ. ދޫނިދޫ މިހާރު އޮތ ގާތްގަނޑަކަށް ފުރި ކަމަށް ވެސް މީގެ ދެ ދުވަސް ކުރިން ހައްޔަރުކުރި އަމީތު ވިދާޅުވި އެވެ.

އަމީތު ވަނީ ދޫނިދޫގައި ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވިކަން ހާމަކުރައްވާފަ އެވެ. އެގޮތުން އަހުމަދު ފާރިސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ރައްޔިތުން ކުރައްވާ އިސްލާހީ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފަ ކަމަށް ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ފުލުހުން ހިތުހުރިހާ ގޮތެއް ހަދަމުންދާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް އަމީތު ފާޅުކުރެއްވި އެވެ. އަމީތު ވިދާޅުވީ އޭނާއާއެކު ހައްޔަރުކުރި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ފޯނު އެ ގަރާރުގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ހައްޔަރުކުރީ އެ ގަރާރުގެ ދަށުން ނޫން ކަމަށެވެ.

ހިތަށް އެރި ފަރަހަކު ނޫނީ މީހެއްގެ މުދަލެއް ހިފަހައްޓަންވީ ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލުކުރާ ކަމަށް ބުނުމަކީ އެއްވެސް ގާނޫނެއްގައި ލިޔެފައިވާ ހަމައެއް ނޫން ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.