ހަބަރު

ބޯޓު މައްސަލާގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފި

Feb 28, 2018
3

އުތުރު ކޮރެއާގެ ބޯޓަކަށް ރާއްޖޭގެ ދިދަ ޖަހާފައިހުރި ޓޭންކަރެއް ކައިރިކޮށްގެން އުޅެފައިވާތީ އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއަކީ އުތުރު ކޮރެޔާއާ ގުޅޭ އދ. ނިންމުންތައް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއްދޭ ގައުމެއް ކަމަށެވެ.

ނިއުކްލިއަ ހަތިޔާރު އުފައްދަން މަސައްކަތް ކުރާތީ އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އުތުރު ކޮރެއާގެ އުޅަނދުތަކާ ކަނޑުމަތީ މުއާމަލާތްކުރުމަކީ މަނާ ކަމެކެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާކަމަށް ބުނާ އުޅަނދަކާއި، އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދަކާއި ދެމެދު ކަނޑުމަތިން ގަވާއިދާ ހިލާފު މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާ މައުލޫމާތު ތަކަކީ ހަގީގަތާއި ހިލާފު މައުލޫމާތު ތަކެއް ކަމަށެވެ.

ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެއާއި، ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

"މި ޢަމަލު ހިންގި ކަމަށް ބުނާ ދިވެހި ރާއްޖޭގެ ދިދަ ނަގާފައިވާ "ޝިން ޔުއާން 18" ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން، އަދި ދިވެހި ރާއްޖެއަކީ އުތުރު ކޮރެއާ އާއި ގުޅޭ ގަރާރުތައް ވެސް ހިމެނޭ ގޮތަށް އ.ދ ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތައް ތަންފީޒު ކުރެއްވުމަށް އަބަދުވެސް ހާއްސަ ސަމާލުމެއްދެއްވާ ގައުމެއް،" ބަޔާނުގައިވެ އެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ދިދަ ނަގައިގެން ދަތުރުކުރި "ޝިންޔުއާން 18" ނަކަށްކިޔާ އުޅަނދަކުން އުތުރު ކޮރެއާގެ އުޅަނދަކަށް ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް މުދާ ބަދަލުކޮށްފައިވާ ކަމަށް ބުނާތީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވެސް ވަނީ އެއީ ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް އުޅަނދެއް ނޫން ކަމަށް ބުނެފަ އެވެ.

ބަޔާނުގައި ބުނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެފައިވާ "ޝިންޔުއާން 18" އުޅަނދަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ ބޭރުގެ ފަރާތްތަކުގެ އުޅަނދުފަހަރު ރާއްޖޭން ބޭރުގައި ދުއްވުމަށް ރަޖިސްޓްރީކުރުމަށް ފުރުސަތުދޭ ގައުމެއް ނޫން ކަމަށްވާތީ އެ އުޅަނދުގައި ދިވެހި ދިދަ ބޭނުން ކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ޖަޕާނު ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ފެނުނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ޗައިނާގެ ޝަންހާއީގެ އިރުމަތިން 250 ކިލޯމީޓަރު ބޭރުންނ ކަމަށެވެ. ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ފެނުނު އިރު ދެއުޅަނދު އޮތީ ކައިރިކޮށްގެން ކަމަށާއި ދެ އުޅަނދުގެ ލައިޓްތައް ވެސް ދިއްލާފައިވާ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ ޓޭންކަރެއް ކަމަށް ޖަޕާނުން ބުނާ އުޅަނދުން އެއްޗެއް ބަރުކުރި އުތުރު ކޮރެއާގެ އުޅަނދަކީ އެމެރިކާއިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެއް ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެ އުޅަނދު ފެނުނު އިރު އޮތީ އޭގެ ނަން ފޮހެލައިފަ އެވެ. ދެ އުޅަނދުން ހިންގާފައިވާ މުއާމަލާތަކީ ސަލާމަތީ މަޖިލީހުގެ ގަރާރާ ހިލާފު އަމަލެއްކަން އެ މައްސަލަ ބެލުމުން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ޖަޕާން ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަޕާނު ފޮރިން މިނިސްޓްރީގެ ހަބަރުގައި ދެ އުޅަނދުގެ ފޮޓޯތައް ވެސް ޖަހާފައި ވެއެވެ.