ވިޔަފާރި

އުރީދޫގެ އާ ހިދުމަތްކާއެކު މޮބައިލް ވޯލްޑް ކޮންގްރެސްގައި ރާއްޖެ!

Mar 1, 2018
1

ސްޕެއިންގައި ބޭއްވި މޮބައިލް ވޯލްޑް ކޮންގްރެންސްގައި އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ދެމުން ގެންދާ ހިދުމަތްތައް ދައްކާލައިފި އެވެ.

އުރީދޫން ބުނީ މޮބައިލް ވޯލްޑް ކޮންގްރެސްގައި އުރީދޫގެ ޑިޖިޓަލް ކަސްޓަމާ އެކްސްޕީރިއަންސް ސޮލިއުޝަންތަކާއި އުރީދޫ ނެކްސްޓް އަދި މަގޭ ޕްލޭން އަށް އަލަށް ގެނެވޭނެ ހިދުމަތްތައް ދައްކާލައިވާ ކަމަށެވެ.

އުރީދޫ ގްރޫޕުން ވޯލްޑް ކޮންގްރެސްގައި ބައިވެރިވެފައިވަނީ "ޑިޖިޓަލް ހިދުމަތްތަކާއި އެކު އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް" ޝިއާރުގެ ދަށުންނެވެ.

އުރީދޫ ގްރޫޕްގެ ޗީފް އެކްޒެކްޓިވް އޮފިސަރު (ސީއީއޯ) ޝައިޚް ސައުދު ބިން ނާސިރު އަލް ޘާނީ ވިދާޅުވީ އުރީދޫގެ މަގުސަދަކީ ދިރިއުޅުމަށް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ފަސޭހަތައް ގެނެސްދިނުން ކަމަށެވެ.

"އާއްމު ދިރިއުޅުމާއި ވިޔަފާރީގެ ކަންކަމުގައި، ޑިޖިޓަލް ހިދުމަތްތަށް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގައި، އުރީދޫ އަކީ ބައިނަލްއަގްވާމީ މައިދާނުގައިވެސް އެންމެ ކުރީ ސަފުގައި ގުނާލެވޭ ކުންފުންޏެއްކަން ސާބިތުކޮށްދިނުމަށް ވަރަށް ރަނގަޅު ފުރުސަތެއް މޮބައިލް ވޯލްޑް ކޮންގްރެސް އިން ފޯރުކޮށްދޭ،" ނާސިރު އަލް ޘާނީ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ އުރީދޫގެ ކަސްޓަމަރުންނާއި ކުރަން ޖެހޭ ކޮންމެ މުއާމަލާތެއްވެސް ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އޮންލައިންކޮށް ކުރުމުގެ ފުރުސަތު ފުޅާކުރުމަށް އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަކީ ތަފާތު އެކި ރަށްރަށުގައި ދިރިއުޅޭ ބަޔަކަށް ވީ ހިނދު، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެންމެ އަވަސް ހިދުމަތް ލިބުމަކީ ވަރަށް މުހިއްމު ކަމެއް. މިގޮތުން، ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ އެންމެ މަގްބޫލު އަދި ކުޅަދާނަ ކުންފުނިތައް ބައިވެރިވާ މޮބައިލް ވާރލްޑް ކޮންގްރެސް ފަދަ އެއްވުމެއްގައި، ޑިޖިޓަލް ކަސްޓަމާ އެކްސްޕީރިއަންސްގެ ދާއިރާ އިން އުރީދޫ ހޯދާފައިވާ ކުރިއެރުންތައް ހިއްސާކޮށް، އުރީދޫ ނެކްސްޓް އަދި މަގޭ ޕްލޭން ފަދަ ޕްލެޓްފޯމްތަކުގައި ދެން ތައާރަފްކުރެވޭނެ ހިދުމަތްތައް ދައްކުވާދެވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ޝަރަފެއް،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ އިން ވަނީ އެކުންފުނީގެ މަގޭ ޕްލޭން ޕްލެޓްފޯމްގެ އައު އަޕްޑޭޓް ހާމަކޮށް، "އާޓިފިޝަލް އިންޓެލިޖެންސް ބޭސްޑް ޕްރިޑިކްޓިވް ޓެކްނޮލޮޖީގެ" އެހީގައި ހިމަނާފައިވާ އައު ހިދުމަތްތައް ދައްކުވާދީފަ އެވެ.

މަގޭ ޕްލޭންގައި، އަލަށް ތައާރަފްކޮށްފައިވާ ޚިދުމަތްތަކަކީ:

- އުރީދޫގެ ޑޭޓާ، އެސްއެމްއެސް، ކޯލް، އަދި އައިޑީޑީ އެޑްއޯން ތައް، ގާތްތިމާގެ މީހުންނަށް ހަދިޔާކުރެވުން
- އެ ބޭފުޅަކު ހިޔާރުކުރަށްވާ ބަޖެޓަކަށް އެންމެ އެކަށީގެންވާ ޕްލޭންތައް ބަލާލެވުން
- އާޓިފިޝަލް އިންޓެލިޖްންސް ޓެކްނޮލޮޖީގެ އެހީގައި، މަގޭ ޕްލޭން މެދުވެރިކޮށް ހިޔާރުކުރައްވާ އެންމެ މަގުބޫލު ޕްލޭންތައް ބަލާލެވުން

އުރީދޫ ނެކްސްޓް އަކީ، އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިންގްގެ އެހީގައި މަސައްކަތް ކުރާ އޭޕީއައި ޕްލެޓްފޯމް އެކެވެ. ސިލިކަން ވެލީގެ ޓެކް ކުންފުންޏެއް ކަމަށްވާ ފާސްޓް ފޯވާޑް އާއެި ގުޅިގެން ތައާރަފްކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، ކަސްޓަމަރުން ގިނަ ވަގުތުތަކެއް ހޭދަކުރާ ސޯޝަލް މީޑިއާ ޗެނަލްތަކުގައި އުރީދޫ އާއި ބެހޭ މައުލޫމާތު ހޯދައި، އުރީދޫގެ ހިދުމަތްތައް ހިޔާރުކުރެވެއެވެ. އުރީދޫ މޯލްޑިވްސް ކަސްޓަމަރުން މިހާރު އުރީދޫ ނެކްސްޓް މެދުވެރިކޮށް ހިދުމަތް ހޯދަނީ ފޭސްބުކް އިން ކަމަށްވާއިރު، މޮބައިލް ވަރލްޑް ކޮންގްރެސްގައި މިއަދު ތައާރަފްކޮށްފައިވާ އުރީދޫ ނެކްސްޓްގެ އައު ވާޝަން ވައިބާގައި ވެސް ބޭނުންކުރެވޭނެ އެވެ. މި ހިދުމަތް އުރީދޫ މޯލްޑިވްސް ކަސްޓަމަރުންނަށް މާރޗް މަހުގެ ތެރޭގައި ލިބިގެންދާނެ އެވެ.