ބޭންކް އޮފް މޯލްޑިވްސް

28 ދުވަހުން އަހަރެންގެ ބޭންކް ހިތްތަކުގެ ފުނަށް!

ނޮވެމްބަރު 11، 1982 ގައި އުފައްދައި މިހާރު 35 އަހަރުގެ މާޒީއެއް ރާއްޖެއަށް ދޫކޮށް ރާއްޖޭގެ އަސްދަނޑިން ބޭރަށް ދާން ހިފާފައިވާ ދިވެހި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީހުގައި އިއްޔެ އަކީ ސަބަބަކާލައިގެން ވަރަށް ތާރީހީ ދުވަހަކެވެ. ދިވެހި ބޭންކުގެ އޭޓީއެމްތަކުން ފައިސާ ނެގޭ އަދި ޖަމާކުރެވޭ އަދަދު އިތުރު ކުރީ އެވެ. މިހާތަނަށް ކާޑު ޖަހައިގެން ނެގެމުން އައި 10،000ރ. ބަދަލުގައި މިހާރު މިއަދު ފެށިގެން ދުވާލަކު 25000ރ. ނެގޭނެ އެވެ. އަދި ކުރިން އޭޓީއެމް މެދުވެރިކޮށް 25،000ރ. ޖަމާ ކުރެވޭ އުސޫލަށް ގެނައި ބަދަލާއެކު މިހާރު ބައިލައްކަ ރުފިޔާ ޖަމާ ކުރެވެ އެވެ. އަދި ދުވާލަކު 640 ޑޮލަރު ނެގޭ ގޮތަށް އޮތް އޮތުން ދުވާލަކު 1600 ޑޮލަރަށް ބަދަލުވެ ޑޮލަރުގެ ޖަމާ 3200 ޑޮލަރަށް ބަދަލުވީ އެވެ. މިއީ އެންމެ ވާހަކައެކެވެ. މިއަށްވުރެ ބޮޑު ވާހަކައަކީ ފެބުރުއަރީ ނިންމާލި އިރު ދިވެހި ބޭންކުގެ "އަހަރެންގެ ބޭންކް ޕްރޮގްރާމް" ގެ ތެރެއިން އެ ބޭންކުގެ ވަނީ އިޖްތިމާއީ ޒިންމާގެ ތެރެއިން ރާއްޖޭގެ "ހުރިހާ ގޭ ބިސީއެއް" ގެ އޮޅި ގިރާކޮށްފަ އެވެ. މިއަށް ދޭ ނަމަކީ "ރެސްޕޮންސިބަލް ބިޒްނަސް" ގެ ތެރެއިން ދިވެހިންގެ ހިތުގެ ފުނަށް ވާސިލުވުމެވެ. އަހަރެންގެ ބޭންކުގެ ޕްރޮގްރާމްގައި ފެބުރުއަރީ މަހުގެ ކޮންމެ ދުވަހަކު ހަރަކާތެއް ހިންގައިގެން ދިވެހި ބޭންކު ވަނީ ރާއްޖޭގެ އެންމެންގެ ސަމާލުކަން ހޯދާފަ އެވެ.

"އަހަރެންގެ ބޭންކް" ގެ ޕްރޮގާރްމުގައި ހިމެނޭ ރެސްޕޮންސިބަލް ބިޒްނަސް ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން އިންވެސްޓްކުރުމަށް 300 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އިއްޔެ ނިންމާލި ފެބުރުއަރީގެ ހަރަކާތްތަކުގައި ރާއްޖޭގެ ހުރިހާ އޮޅިއެއް ދިވެހި ބޭންކުން ގިރާކޮށް އެންމެންގެ ހިތާ ހަމައަށް ވާސިލުވިއޭ ނުބުނެވެނޭނެ އެއްވެސް ސަބަބެއް ނެތެވެ.

މަޝްހޫރު 1 ފެބުރުއަރީ ދިވެހި ބޭންކުން ފެށީ "އަހަރެންގެ ރާއްޖެ" ނަމުގައި ބޭއްވި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އިންސްޓަގްރާމް ފޮޓޯ މުުބާރާތަކުންނެވެ. ރޭގެ މެންދަމު 12:00 އަށް ސުންގަޑި ހަމަވި އެ ޗެލެންޖުގައި 21،300 އަށްވުރެ ފޮޓޯ ބައިވެރިކޮށް "އަހަރެންގެ ރާއްޖެ" ނަމުގައި އިންސްޓަގްރާމަށް އޮއްސާލި އެވެ. މިއިން ބޭންކަށް ލިބޭނެ އެކައްޗެއް ވެސް ނެތެވެ. މިއީ ދިވެހިންގެ ދިވެހިން ރާއްޖެއަށްޓަކައި ބޭންކު މެދުވެރިކޮށް ދުނިޔެއަށް ދައްކާލާ ހަދިޔާގެ ފޮޓޯ އަލްބަމެކެވެ.

ފެބުރުއަރީ ދޭކެވެ. ރާއްޖެއަށް އާދައިގެ ދުވަހެއް ނޫނެވެ؛ ދިވެހި ބޭންކަށް ވެސް އާދައިގެ ދުވަހެއް ނޫނެވެ. ބޭންކުން ބޭނުންވީ ރާއްޖޭގެ އާބާދީގެ ދުޅަހެޔޮ ކަމާމެދު ވިސްނާށެވެ. އެހެންވެ ބޭންކުގެ ރެންޕޮންސިބަލް ބިޒްނަސްގެ ތެރެއިން އެ ދުވަސް ހާއްސަ ކުރީ ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ވެދޭ އެހީއެއްގެ ގޮތުގައި ރާއްޖޭގެ ބާސްކެޓް ވައިޑީޕީއަށް ކޯޓެއް ގާއިމްކޮށް ދިނުމާއި ތިން އަހަރުގެ ތަމްރީނަށް ހަރަދުކޮށް ދޭށެވެ. އެކަން ކުރި އެވެ.

ޖެހިގެން އައި ތިން ވަނަ ދުވަހު ބޭންކުން ދަތުރަކަށް އެރި އެވެ. އއ. ރަސްދޫއަށެވެ. ގެސްޓް ހައުސް ވިޔަފާރިއަށް ބަރޯސާވެފައިވާ އެރަށް ސާފުކޮށް ދިނުމުގައި އެއް ދުވަސް ހޭދަ ކުރާށެވެ. ބޭންކުގެ އެ ދުވަހުގެ އަންބާއަކަށްވީ ރަސްދޫ ސާފުކޮށްލައި ދިނުމެވެ. ރަސްދޫ އަށް ފަހު ފެބުރުއަރީ ހަތަރެއްގައި މ. ދިއްގަރަށް ދިވެހި ބޭންކް އެރި އެވެ. ބޭނުމަކަށް ހެދީ މުޅި އެ އަތޮޅު، ނުރައްކާތެރި ކެންސަރު ބައްޔަށް ހޭލައްވައި ކެންސާ ސްކްރީނިން ޕްރޮގްރާމެއް، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާއެކު ހިނގައި މީމު ހޭލައްވާ ހެއްވާލާފާފައި ފައިބައިގެން ދިއުމެވެ. މީމުގެ ފަރާތުން ދިވެހި ބޭކަން ޝުކުރިއްޔާ އެވެ!

ފެބުރުއަރީ 5: ވެރިރަށް މާލެ ހަލަބޮލިވެފައި އޮތެވެ. ދިވެހި ބޭންކުން އެއިން ކަމަކާ ނުވިސްނައި ބެލީ އާންމުން މީހުންގެ ތެރެއިން ގެދޮރު ކުލި ލިބޭ މީހުންނަށް އެހީއެއް ވެދެވޭނެ ގޮތަކީ ކޮބައިތޯ ބަލައި އެމީހުންގެ ދޮރާ ހަމައަށް ގޮސް ޓަކި ޖަހާށެވެ. އެ ދުވަހު ގެދޮރު ކުލި ލިބޭ މީހުނަށް "ލައިފް ސްޓައިލް ލޯނު" ތައާރަފުކުރި އެވެ. މިއީ ރާއްޖޭގެ ބޭންކިންގެ ތާރީހުގައި ލައިފް ސްޓައިލް ލޯނެއް އައި ފުރަތަމަ ފަހަރެވެ. އެ މީހުންނަށް އަހަރެންގެ ބޭންކު ފެނުމުން ދެން ނުހެވޭނެ ހެއްޔެވެ؟

ފެބުރުއަރީ ހަވަނަ ދުވަހު އިހެކޭ އެއް ގޮތަށް ކަނޑު ހުރަސްކޮށްފައި މާލެއިން ވިލިމާލެއަށް އަދި ވިލިމާލެއިން މާލެއަށް މީހުން ދަތުރުކޮށްކޮށް އޮތެވެ. ބޭންކުން މާލޭގެ އެ އަވަށް ކަނޑު ހުރަސްކޮށްފައި ދިޔައީ ތިމާވެއްޓާ ރަށްޓެހި ވިލިމާލޭގައި ސެލްފްސާވިސް ބޭންކިން ހިދުމަތް ފަށާށެވެ. އެކަން ކުރި އެވެ. އެނބުރި މާލެ އައީ ވިލިމާލޭގެ ބޭންކްގެ ގޮތްޕަށް ގެނައި ތަނަވަސް ކަމާއެކު ވިލިމާލެ ހެއްވާލާފަ އެވެ.

އަނެއްކާ ވެސް މަޝްހޫރު ފެބުރުއަރީ 7 އައެވެ. ބޭންކުގެ ކަލަންޑަރުގެ 7 ދިވެހި ބޭންކަށް ވެސް ވަރަށް މުހިންމެވެ. އެހެންވެ އެ ދުވަހަށް ރާވާފައި އޮތް ގޮތަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ބިލަންބޮންގް އަދި އަހުމަދިއްޔާގައި މާލީ ދާއިރާއަށް ދަރިވަރުން އަހުލުވެރި ކުރުވައި ހޭލައްވާލާނެ ޕްރޮގްރާމެއް ހިންގި އެވެ. ބޭންކުގެ ނިޔަތަކީ ޒިންމާދާރު ބޭންކެއްގެ ހައިސިއްޔަތުން މާލީ ދާއިރާގެ ބިންގަލެއް އަޅައިދިނުމެވެ. މިއަށް ވުރެ ވަކީން ރާއްޖެއަށް މުހިންމު ވަނީ ކޮންކަމެއް ހެއްޔެވެ؟

ކަލަންޑަރުން އަށް ވަނަ ދުވަހަށް ވެސް މަރުހަބާ ކިޔައިފި އެވެ؛ ދިވެހި ބޭންކް މުޅި ގައުމާ އެ ދުވަހު ސަލާން ކުރީ ބޭންކްގެ ގިނަ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތް ތައާރަފު ކުރަމުން ދިވެހިން ހެއްވަމުންނެވެ. މިހާރު ކްރެޑިޓް ކާޑާއި ޑެބިޓް ކާޑަށް އެދުމާއި ލުއިލޯނު ނެގުމުގެ އިތުރުން، އިތުރު އެކައުންޓެއް ހުޅުވާނަމަ އޮންލައިންކޮށް އެކަން ކޮށްލަންވީ އެވެ. މިއީ ކިހާ ބޮޑު ލުޔެއް ހެއްޔެވެ؟ ބޭންކު ބަދަލުވެއްޖެއޭ ބުނާން ޖެހޭނީ މިހެންވީމައެވެ. ޖެހިގެން އައީ ފެބުރުއަރީން ނުވައެކެވެ. އަތޮޅު ބުރާންޗްތައް މެދުވެރިކޮށް ހުރިހާ އަތޮޅެއްގައި ހިންގާ މުޖުތަމައަށް ފައިދާހުރި ޕްރޮގްރާމްތަކަށް އެހީތެރިވާ ޕްރޮގްރާމެއް ފެށި އެވެ. އަދި ފ. ނިލަންދޫގެ ޕަބްލިކް ލައިބްރަރީއަށް ބައިލައްކަ ރުފިޔާގެ ފޮތް ހަދިޔާ ކުރި އެވެ. މުޖުތަމައަށް ފައިދާ ހުރި ކަންކަމުގައި އެހީވުމާއި ފޮތުގެ ދުނިޔެއަށް ދިވެހި ޖީލު އަނބުރާ ގެނައުމަށް ބޭންކުގެ މި އިސް ނެގުމަށް ސާބަހެއް ނުދޭނަން ހެއްޔެވެ؟

އެހެން ހުރިހާ ރަަށަަކާ ހިލާފު ނާޒުކު ތިމާވެއްޓެއް އޮތް އަދި އެއްފަހަށް އޮތް ރާއްޖޭގެ ހަމައެކަނި އަތޮޅު، ފުވައްމުލަކު ސިޓީ ސާފުކުރަން ދިވެ ބޭންކު އެ ސިޓީއަށް އަރައި ފެތުރި ގަތީ 10 ފެބުރުއަރީގަ އެވެ. ބޮޑު އާބާދީއެއް އޮތް އެ ސިޓީއަށް އެއީ ތާރީހީ ދުވަހެކެވެ. އުފާވެރި ދުވަހެކެވެ. ޖެހިގެން އައީ 11 އެވެ. ނ. ގެ ކުޑަކުޑަ މިލިދޫ އެކަމަކު މުޅި ރާއްޖެއަށް މަޝްހޫރުވެފައި އޮންނަ ހިދާޔާ ސްކޫލަށް ބޭނުންވެފައި އޮތް ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހިފައިގެން ދިވެހި ބޭންކުން މިލަދުއަށް ގޮސް ހިދާޔާ ސްކޫލާއި ބެލެނިވެރިންނާއި ދަރިވަރުން އުފާކޮށް ހިތަށް ވާސިލުވި އެވެ. އެގާރައަށް ފަހު ގާތްގަނޑަކަށް ހާހެއްހާ މުވައްޒަފުން ތިބި ބޭންކުން އިސް ނެގީ ލޭ ހަދިޔާ ކުރާށެވެ. ކޮންމެ ލޭތިއްކަކުން ފުރާނައެއް ސަލާމަތްކޮށް ދިނުމުގެ އަޒުމުގައި ފެބުރުއަރީން 12 ވަނަ ދުވަހު އެކަން ކުރީ ސާފު ހިތަކާއެކު އެވެ.

ހުޅުމާލެ އަކީ ރާއްޖޭގެ އެންމެ މުހިންމު ރަށަށް މިހާރު ވެއްޖެ އެވެ. ދިވެ ބޭންކުގެ ނަޒަރުން ހުޅުމާލެ ކައްސައެއް ނުލަ އެވެ. އެހެންވެ "އަހަރެން ބޭންކް" ޕްރޮގްރާމްގެ ރެސްޕޮންސިބަލް ބިޒްނަސްގައި ހުޅުމާލެއަކީ މުހިންމު ނަމެކެވެ. ފެބުރުއަރީ 13 ވަނަ ދުވަހު ހުޅުމާލޭގައި ފުރަތަމަ "ކޭޝް ލެސް ރައިޑް" މާލޭގެ އެ އަވަަށުގެ ޓެކްސީތަކަށް ތައާރަފުކުރި އެވެ. މިހާރު ފަސޭހަކޮށްލިވަރު އެނގޭނީ ދެން ހުޅުމާލެއަށް ދެވޭ ދުވަހަކުން ކަމަށް ބަލަމާ ހިނގާށެވެ.

ދިވެހިންނަކީ ކަނޑުގެ ދަރީން ނޫން ހެއްޔެވެ؟ އެކަމަކު ރާއްޖޭގައި ފަތަން ނޭނގޭ ކުދިން ގިނަވާން ފަށައިފި އެވެ. އެކަން ބަލައިގެން ތިބޭކަށް ދިވެހި ބޭންކަކަށް ކެތެއް ނުވާނެ އެވެ. އެހެންވެ ފަތަން ދަސްކުރަން ބޭނުންވާނެ ސާމާނު ހިފައިގެން އުތުރުގެ ކެލައަށް ނައްޓާލި އެވެ. އެ ރަށު ސްކޫލް ދަރިވަރުންނަށް އެތަކެތި ހަދިޔާ ކުރީ ހުރިހާ ކުދިން ވެސް ފަތަން ދަސްކުރުމަށް ބާރު އަޅާށެވެ. އެއީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިސްނައިދީގެނެވެ. އެއީ ފެބުރުއަރީ 14 އެވެ. ޖެހިގެން އައި 15 ވަނަ ދުވަހު ކޭޝް އެޖެންޓް މެދުވެރިކޮށް ރ. ހުޅުދުއްފާރުގައި ފައިސާ ޖަމާ ކުރެވޭ ގޮތް ހެދި އެވެ. މި ހިދުމަތް ރާއްޖޭގެ އެހެން ދިމާދިމާއަށް ދުއްވައިގަންނާނީ ދެނެވެ.

ބޭންކުގެ 200 މުވައްޒަފުނާއި އެންޖީއޯތަކުން ބައިވެރިވި ދިވެހި ބޭންކުގެ "ސްޓާފް ޗެރިޓީ ރަން" ހުޅުމާލޭގެ ހިތްފަސޭހަ މަގުތަކުގައި ބޭއްވީ އެކަންޏެއް ނޫނެވެ. އެ ދުވުުމުގައި ބައިވެރިވި ތިން ޖަމިއްޔާއަކަށް 90،000ރ. ގެ ފައިސާހެ އެހީއެއް ދިނެވެ. އެއީ ފެބުރުއަރީގެ 16 އެެވެ. ބޭންކަށް ވެސް ބޮޑު 16 އެކެވެ.

ދިވެހި ތާރީހަށް ލޯބިކޮށް ދިރުވާ ރައްކާތެރި ކުރުމާމެދު ވެސް ދިވެހި ބޭންކުން ވިސްނުން ގެންގުޅެ އެވެ، އެހެންވެ ފެބުރުއަރީ 17 ވަނަ ދުވަހު ހުޅުމީދޫއަށެވެ. އެ ދުވަހު އެ ރަށުގެ ކޯގަންނު ގަބުރުސްތާނުގެ ސަރަަހައްދު ސާފުކޮށް ދިނުމާއެކު އާބާތުރަ ފިލުވައި ދިނެވެ. ހަމަ އެ ދުވަހު ހުޅުދޫ ޕްރީ ސްކޫލަށް ޕްރޮޖްކެޓަރެއް ހަދިޔާކޮށް ސުކޫލްގައި އޮތް އެ އުނިކަން ފިލުވައިލައި ދިނެވެ.

ދިވެހި ބޭންކާއެކު ދާލަށް ދަމާ ހެއްޔެވެ؟ މި ދަތުރު ހާއްސަވީ 18 ފެބުރުއަރީއަށެވެ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމް މަރުކަޒަށް ދިވެހި ބޭންކުން ވަނީ އެ މަރުކަޒުގައި ހުންނަ ހާއްސަ އެހީއަށް ބޭނުން ކުދިންގެ ކުލާހާއި ދަރިވަރުންނަށް ބޭނުން އާލާތް ހިފައިގެނެވެ. "އުއްމީދު" ކްލާހުގެ ކުދިންނަށް އުއްމީދު އާ ކޮށްދެމުންނެވެ.

ފެބުރުއަރީން 19 ގައި އެރީ އޭދަފުއްޓަށެވެ. އެ ރަށުގެ ނުކުޅެދޭ ކުއްޖަކަށް މޮޓަރައިޒްޑް ވީލްޗެއާއެއް ދިނެވެ. ކުޑަ ދުވަސްކޮޅަކަށް މަޑުކޮށްލާށެވެ. ދިވެހި ބޭންކުގެ ރެސްޕޮންސިބަލް ބިޒްނަސްގެ ތެރެއިން އިތުރު ތިން އަތޮޅެއްގެ ނުވަ ކުއްޖަކަށް އަދި އެފަދަ ގޮނޑިދޭނެ އެވެ. ފެބުރުއަރީގެ ދީލަތި އެހީއަކަށް މިކަން ނުފުދޭ ހެއްޔެވެ؟

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ސިނާއީ ރަށް ގަމާއި ބައިބޯ ވެރިރަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އޭޓީއެމް ގާއިމްކޮށް ދިނީ 20 ފެބުރުއަރީގައެވެ. މިއީ އައްޑޫގެ ރައްޔިތުން ހެވުނު ސަބަބަަކަށްވި އެވެ. އޭގެ ފަހުން 21 ފެބުރުއަރީގައި ގއ. ކޮނޑޭ ސްކޫލަށް ޕްރޮޖްކެޓަރު ސިސްޓަމެއް ދިނެވެ. އެ ސްކޫލް އޮތީ މިހާ ދުވަހަށް އެކަމަށް ބޭނުންވެފަ އެވެ. ޖެހިގެން އައި 22 ވަނަ ދުވަހު ވ. އަތޮޅު ފެލިދޫގައި ހުންނަ އަތޮޅުގެ ތައުލީމީ މަރުކަޒަށް ބޭނުންވާނެ ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހަދިޔާކުރުން އޮތީ ހާއްސަ ހަރަކާތެއްގެ ގޮތުގަ އެވެ. އަދި އޭގެ ފަހަށް އައި 23 ގައި ށ. ފުނަދޫ ސްކޫލަށް ބޭނުންވާ ފުޓްބޯޅަ ތަމްރީނު ސާމާނު ހަދިޔާކޮށް ނިންމާލީ އުފަލުން ތިބެ އެވެ.

ފެބުރުއަރީ 24 އަކީ ސިޔާސީ ހަރަކާތުގައި މާލެ ބިޒީ ދުވަހަކެވެ. ބޭންކުން ބެލީ އެއް ފަރާތްވެލައި "ބީއެމްއެލް ސްވިމިން ޓްރެކް" ގެ ގޮތުގައި މިހާރު މަޝްހޫރުވެފައިވާ ފަތާ ސަރަހައްދުގެ މޫދަށް ބީއެމްއެލްގެ ޑައިވަރުންނާއެކު ފީނައި ޓްރެކް ސާފުކުރާށެވެ. ދޮޅު ގަޑި އިރުގެ ތެރޭގައި 180 ކިލޯއަށްވުރެ ގިނަ ކުނި ނަގައި ސާފުކޮށްލި އެވެ. ޒިންމާ އުފުލުމަށް ވާނީ މިކަން ހެއްޔެވެ؟ އެކަން ހެއްޔެވެ؟

ފެބުރުއަރީން 25 ގައި ދިވެހި ބޭންކުގެ މައިލްސްޓޯން އެއް އައެވެ. އެއީ 5000 ވަނަ ޕީއޯއެސް ވިޔަފާރި ފާހަގަކުރުމެވެ. އަދި ޖެހިގެން އައި 26 ގައި މާލޭގެ ޖާމާލުއްދީން ސްކޫލްގެ "ޗިކް" ކްލާހަށް ސްމާރޓް ޓީވީ އާއި ކޮމްޕިއުޓާ ސިސްޓަމް ހަދިޔާކޮށްފައި 27 ވަނަ ދުވަހު ރެސްޕޮންސިބަލް ބިޒްނަސްގެ ތެރެއިން ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމެއް ތައާރަފުކުރި އެވެ. އަދި ފެބުރުއަރީ މަސް ނިންމާލުމުގެ ގޮތުން އިއްޔެ އަމިއްލަ އަށް ޑިޒައިންކޮށްލެވޭ ބީއެމްއެލްގެ ގިފްޓް ކާޑެއް ތައާރަފުކުރި އެވެ. ބޭންކުގެ ވެބްސައިޓަށް ވަދެ އަމިއްލައަށް ޑިޒައިންކޮށް ގިފްޓް ކާޑެއް ތައްޔާރުކޮށްލަންވީ އެވެ. ފެބުރުއަރީގެ 28 ދުވަސްތެރޭ ދިވެހި ބޭންކުން ކުރި ހިދުމަތުގެ ދަތުރުގައި ކުރި ހިތްވަރަށާއި ހިދުމަތަށް ސާބަސްދީ ކާޑެއް ފޮނުވާ ނުލައި ދޫކޮށްލެވޭނެ އެއްވެސް ގޮތެއް އެބައޮތް ހެއްޔެވެ؟