އިންޑިއާ ސިނަމާގެ ފުރަތަމަ ސުޕާސްޓާ ބަތަލާ ސްރީދޭވީގެ ޖަނާޒާ ވަނީ އިއްޔެ ބާއްވާފަ އެވެ. އެ ޖަނާޒާގައި އޭނާގެ އާއިލާގެ މެމްބަރުންނާއި ރަހުމަތްތެރިންނާއި އަދި ގިނަ އަދަދެއްގެ ފޭނުން ބައިވެރިވި އެވެ.
ސްރީދޭވީގެ މަރާއި ގުޅިގެން އޭނާގެ އައިލާގެ ފަރާތުން ވަނީ ހާއްސަ ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ސްރީދޭވީ ވަކިވެގެން އެ ދިޔައީ ހަނދާލުން ފޮހެލަން ދަތި ވަރުުގަދަ ލެގަސީއެއް ގާއިމްކޮށް ދޫކޮށްފައި ކަމަށެވެ. އޭނާގެ ހުނަރާއި ރީތި ކަމާއި އަދި އޯޑިއެންސާއި އޮންނަ ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އާއިލާގެ މެމްބަރުންނާއި ވެސް އެފަދަ ވަރުގަދަ ގުޅުމެއް އޮތްކަމަށް އެ ބަޔާނުގައި ލިޔެފައިވެ އެވެ. ސްރީދޭވީގެ އައިލާގެ ގިނަ މެމްބަރުންތަކެއް ވަނީ މި ބަޔާން ޝޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
"ސްރީދޭވީގެ މަރަށްފަހު މިދިޔަ ދުވަސްތަކުގައި އަހަރެމެންނަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ އިންޑިއާ އާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އޭނާއާއެކު މަސައްކަތްކުރި މީހުނާއި އެކުވެރިންނާއި ފޭނުން އަދި އާއިލާގެ އެކި މެމްބަރުންގެ ފަރާތުން ލިބުނު ލޯތްބާއި ހިތްވަރުގެ ސަބަބުން،"
ސްރީދޭވީއަށް މީހުންގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަމަކީ އޭނާގެ ދެ ކުދިންގެ މަންމާ އާއި ބެހޭގޮތުން އެންމެ ހަނދާން ހުންނާނެ ލޯބި ކަމަކަށް ވާން އެދޭ ކަމަށްވެސް ބުނެފައިވެ އެވެ.
"ސްރީދޭވީއަށް ލޯބިކުރި އެންމެނަށް. ސްރީދޭވީ އޭނާގެ ފުރާނަ ގޮތުގައި ސިފަ ކުރަމުންއައި އެ ދެކުންނަށް އެ މީހުންގެ ދިިރިއުޅުމާއިގެން ކުރިއަށް ދިއުމަށް ހިތްވަރު ދިނުގޮތުން އަހަރެމެން އެންމެ ސްރީދޭވީއަށް ދިން ލޯތްބާއި އަޅާލުން އޭނާގެ ދެ ކުދިންނަށްވެސް ދެމާ ހެއްޔެއް."
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މީޑިއާތަކުން ސްރީދޭވީގެ ހަބަރުތައް ގެނެސްދޭއިރު އޭނާގެ ސަހުސިއްޔަތަށް އުނިކަން ނާން ފަދަ ގޮތަކަށް ހަބަރު ފެތުރުމަށް އިލްތިމާސްކޮށްފަ އެވެ. ހިތްދަތި މި ދަނޑިވަޅުގައި އާއިލާއިން ބޭނުންވާ ވަގުތު އާއިލާއަށް ދިނުމަށް އެދިފައިވެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ސްރީދޭވީ މަރުވުމާއި ގުޅިގެން އިންޑިއާ އާއި ދުނިޔެ ވަނީ ފުން ހިތާމައެއްގެ ތެރޭގަ އެވެ. ސްރީދޭވީ މަރުވީ އޭނާގެ ފިރިމީހާ ބޯނީ ކަޕޫރަށް ބޮޑުބޭބެ ކިޔާ ކުއްޖެއްގެ ކައިވެންޏަށް ދުބާއީއަށް ގޮސް ހުއްޓަ އެވެ.
އޭނާގެ މަރާއި ގުޅިގެން ތަފާތު ވާހަކަތައް ވަނީ ޝޯޝަލް މީޑިއާގައި ދެކެވިފަ އެވެ. އެންމެ ފުރަތަމަ ސްރީދޭވީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އޭނާ މަރުވި ދުވަހު ހަބަރު ފެތުރުނެވެ. ނަމަވެސް އެ ދުވަހުގެ ރޭ، ސްރީދޭވީ މަރުވީ އޭނާ ދުބާއީއަށް ގޮސް ހުރި ހޮޓެލްގެ ފާހާނާގެ ބިލިގާ ތެރެއަށް ވެއްޓިގެން ގެނބިގެން ކަމަށް ޕޯސްޓް މޯޓަމް ރިޕޯޓުގައި ބުނެފައިވެ އެވެ.
ސްރީދޭވީގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދުބާއިގެ ފުލުހުން އަންގާރަ ދުވަހު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރުމަށްފަހު ސްރީދޭވީގެ ހަށިގަނޑު އާއިލާ އާއި ހަވާލުކުރަން ނިންމި ކަމަށެވެ.