(27 ފެބްރުއަރީ 2018 އާ ގުޅޭ)
"ނީލަމް އޭނާއަށް ތަށި ނަގައިދީބަލަ... ނިމްރާ! އަހަރެން އެބައޮތް ވާހަކައެއް ދައްކާލަންވެފައި" މަރިޔަމް ބުނެލިއެވެ.
"ބުނޭ" މަޑުމަޑުން ނިމްރާ ބުނެލިއެވެ.
"މިހާރު މި މަސް ނިމުނީނު... ނިމްރާ އެހެންތަނެއް ހޯދަންވީނު" މަރިޔަމް އުނދަގޫ ގޮތަކަށް ބުނެލިއެވެ.
ނީލަމް ތަށްޓެއް ގެނެސް ނިމްރާގެ ކުރިމަތީ ބެހެއްޓުމުން ކާން ނުފަށާ ނިމްރާއަށް އިނދެވުނީ މަރިޔަމް ބުނި އެއްޗަކާ މެދު ވިސްނާށެވެ.
"ނިމްރާ! އެއްޗެކޭ ހީނުކުރައްޗޭ... ފާއިޒު އަންނާތީ އެ ކޮޓަރި ހުސްކުރަން މި އުޅެނީ" ނިމްރާ ވާހަކަނުދައްކާ އިންނާތީ މަރިޔަމް ބުނެލިއެވެ.
ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ގެނައުމާއެކު ނިމްރާ ބޯޖަހާލިއެވެ. އެހެންނަމަވެސް އޭނާގެ ޟަމީރު މަރިޔަމް ބުނި އެއްޗެއް ބަލައިނުގަތެވެ. ނިމްރާގެ މާމަ ރަޒިއްޔާއާއި މަރިޔަމްގެ ދެމެދުގައި ދެކެވުނު ވާހަކައެއް ނިމްރާ ގާތުގައި ބުނީ ރަޒިއްޔާއެވެ. އެއީ މަރިޔަމްގެ ފާއިޒު ކިޔާ ފިރިހެން ދަރިއަކު ހުންނަކަމެވެ. އެ ކުއްޖާ ހުންނަނީ މެލޭޝިޔާގައި ކިޔަވާށެވެ. އެނބުރި މާލެ އަންނާނީ ދެ އަހަރު ފަހުން ކަމުގައި މަރިޔަމް ބުނިކަމަށް ވެއެވެ. މަރިޔަމް ބޭނުންވަނީ ނިމްރާއާ ދެކޮޅު ނުވެ ރީތި ގޮތުގައި އެގެއިން ނެރޭންކަން ނިމްރާ ދެނެގަތީ އެހެންވެއެވެ. ހަމައެއާއެކު މަރިޔަމް ހެދީ ދޮގެއްކަން އޭނާއަށް ޔަގީންވީ މަރިޔަމް ވާހަކަދެއްކިއިރު އޭނާއާ ނަޒަރު ސީދާކޮއްލަން ނުކުރިގެން އުޅޭ މީހަކު ފަދައިން މަރިޔަމްގެ ހަރަކާތްތައް ހުރީމައެވެ. ކޮންމެ ގޮތެއް ވިޔަސް މަރިޔަމް ބުނި ގޮތެއް ނިމްރާ ޖެހޭނީ ހަދާށެވެ. ވީއިރު މަރިޔަމް ހެދީ ދޮގެއްކަން ސާބިތުކޮށް ޖަދަލުކުރުމުގެ ބޭނުމެއްނެތެވެ.
"ތަންކޮޅެއް ފަހުންކަން އެނގޭ މި ބުނެވުނީ. އެއްވަނަ ދުވަހަށް ކޮޓަރި ދޫކޮށްނުލެވުނަސް ދިހަވަނަ ދުވަހު އަހަރެން ބޭނުން ކޮޓަރިއާއި އެޕާޓްމެންޓު މައި ދޮރުގެ ތަޅުދަނޑި" މަރިޔަމް ބޭނުންވާ ގޮތް އޭނާ ހާމަކޮއްލިއެވެ. މިފަހަރު ވެސް ނިމްރާ ބޯޖަހާލީއެވެ. ސިކުނޑި ހާސްކުރުވި ކަމަކަށް އެކަން ވީ ނަމަވެސް ބަނޑުހައިހޫނު ކަމުގެ ސަބަބުން ނިމްރާގެ ބަނޑު ތެރެއިން އަޑު ކިޔާލިއެވެ. އެހެންވެ އިތުރަށް މަޑުކުރުމެއްނެތި މޭޒުމަތީ ހުރި ތަށިތަކަށް ބަލާލާ ނިމްރާގެ ތަށްޓަށް ކާއެއްޗެހި އަޅަން ފެށިއެވެ. އޭނާގެ ހާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އޭނާގެ ވެރިފަރާތެވެ. މިއަދު މަރިޔަމްގެ އަތުން ކެއުމުގެ ދަޢުވަތު ލިބުމަކީ ވެސް ނިމްރާއަށް ﷲ މިންވަރު ކުރެއްވި ގޮތެވެ. ބަނޑުވެފައިވާ ހާލުގައި އެ ބަނޑުހައި ހޫނުކަން ފިލުވާލުމަށް ނިމްރާއަށް ﷲ މެދުވެރި ކުރެއްވީ މަރިޔަމްއެވެ. ޝުކުރުވެރިވާ ހާލުގައި ނިމްރާ ބަތް ސަމްސަލެއް އަނގައަށް ލިއެވެ. ދުވަހަކު ވެސް ކެތްތެރިނުވާ ވަރަށް މިއަދު އޭނާ ކެތްތެރިވާން ޖެހިފައިވެއެވެ. ހުރިހާ ކަމެއް ފުދެމުންއައި އަރާމު ދިރިއުޅުން ގެއްލިދާނޭ ދުވަހަކުވެސް ނިމްރާ ހިޔެއްނުކުރެއެވެ. އެކަމުން އޭނާއަށް މިއަދު ފިލާވަޅު ލިބިއްޖެއެވެ. ދުނިޔެމަތީ އެއްވެސް ކަމަކީ ތާއަބަދު އެއްގޮތަކަށް އޮންނާނޭ ކަމެއްނޫންކަމެވެ. އިންސާނުންގެ ސިފައިގައި ވެސް ޝައިޠާނުން އުޅެދާނޭ ކަމެވެ. މަކަރުވެރިކަމާއި ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކަޅު ހިތްތައް ވަނީ މޮޅަށް ފަރުދާ ކުރެވިފައެވެ. ކުށެއްނެތް މީހުންގެ ޙަޔާތް އެ މީހުން ހަމަލާދީ ޒަޙަމްކޮށް ބަރުބާދު ކޮއްލަނީ އެހެން މީހުންގެ ލޯތަކަށް ނުފެންނަ ހަންޖަރުތަކަކުންނެވެ. ފުރާނަ ހުއްޓާ ދުނިޔެމަތީގެ މައްޔިތެއްކަމުގައި ހަދައެވެ. އެފަދަ މީހުންގެ ސަބަބުން އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ވެސް ގެއްލިގެންދެއެވެ.
ކައި ނިމިގެން ކޮޓަރިއަށް ނިމްރާ އައިސް ވަނެވެ. ބޮލުގައި ކުޑަކޮށް ރިއްސާތީ ނިމްރާ އައިސް އެނދުގައި އޮށޯތެވެ. އެއްވެސް ކަމަކާމެދު ފިކުރު ހިންގުމުގެ ބަދަލުގައި ކުޑަކޮށް ނިދާލަން ނިމްރާ ބޭނުންވީއެވެ. އެހެންވިޔަސް އެ ދެ ލޯ މެރުނީ އެތައް އިރަކު އެނދުގައި އޮތް ފަހުންނެވެ.
ހޭލެވުމާއެކު ލޯ ހުޅުވާލުމުގެ ބަދަލުގައި ނިމްރާއަށް ބާލީސް ދަށަށް އަތް ވައްދާލެވުނީ ފޯނު ނަގާށެވެ. ގަޑިން ވީއިރެއް އެނގެން އޭނާ ބޭނުންވީއެވެ. ނިދާލެވުމުން ނިމްރާގެ ބޮލަށް ލުޔެއް ލިބުނެވެ. އެހެންނަމަވެސް ނިކަން އަވަހަށް އޭނާ ތެދުވީ ފޯނުނެތްކަން ހަނދާންވީމައެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް އައީ ގޭގައި ފޯނު ބޭއްވިފައި އޮތް ކަމަށް ޔަގީންކޮށްގެން ހުރެއެވެ. ކޮޓަރީގައި ހުރި ހުދުއަލީގެ ބޮކި ދިއްލާލުމާއެކު ނިމްރާ ފޯނު ހޯދަން ފެށިއެވެ. އެއްޗެއް ނުފެންނަހާ ސާމާނުތަކެއް އެ ކޮޓަރިއަކު ނެތެވެ. ފޯނު ނުފެނުމުން ނިމްރާ ކޮޓަރިން ނުކުތީ މަރިޔަމް ހޯދާށެވެ. ކުޑަދޮރެއްހާ ހިސާބު ވެސް ނުހުންނަ އެ ކޮޓަރީގެ ހަތަރު ފާރުގެ ތޭރޭ ވަގުތު ހިނގާ ގޮތެއް އެކަކަށް ވެސް އިހުސާސެއް ނުވާނެއެވެ.
"މަރިޔަމް ކޮބާ؟" ސިޓިންރޫމު ސޯފާގައި އިން ނީލަމް ފެނުމުން ނިމްރާ އަހާލިއެވެ.
"ދައްތަ ބޭރަށް ދިޔައީ... ހުރިހާ މީހުން އެއްކޮށް ދިޔައީ" ނީލަމް ބުނެލިއެވެ.
"އަހަރެންގެ ފޯނު... ފޯނު ދުށީންތަ؟" އެނބުރިލާފައި ދާން އުޅެފައި ވެސް ނީލަމްއާ ކުރިމަތިލާ ނިމްރާ އަހާލިއެވެ.
"ދައްތަ ނެގި ފޯނު. ނިމްރާ ފެއިންޓްވީއެއްނު. ފޯނު ނުލިބޭތަ" ނީލަމްގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ.
"މަރިޔަމް އައީމަ އަހަންނަށް ގޮވާލަދީފާނަންތަ؟ ގަޑިތަކުން ކިހާއިރެއް ވެގެންތަ އެ އުޅެނީ" ނިމްރާ އަހާލިއެވެ.
"ނުވައެއް ޖަހަނީ... ދައްތަ އައީމަ އަހަރެން ބުނާނަން އިނގޭ. އާދޭ ޓީވީ ބަލާލަން. ރީތި ފިލްމު ދައްކަނީ" ނީލަމް ބުންޏެވެ. އެނބުރި ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ނީލަމް އިން ސޯފާގައި ނިމްރާ އައިސް އިށީނެވެ. ނިމްރާއިނީ ކައިގެންތޯ ނީލަމް އަހާލިއެވެ. ނުކައިގެން އެނގުމުން ރޭގަނޑުގެ ކެއުމުގައި ނީލަމްއާއެކު ބައިވެރިވާން އޭނާ ބުންޏެވެ. ކާއެއްޗެއް ހޯދަން ބޭރަށް ނުކުތުމުގެ ޚިޔާލެއް ނިމްރާގެ ނެތެވެ. އޭނާ ހުރީ މިރޭ ދެން ނުކާން ނިންމައިގެންނެވެ. އެހެން ހުއްޓާ ދެވަނަ ފަހަރަށް ވެސް މަރިޔަމްމެންގެ ސުފުރާ މަތިން އޭނާއަށް ކެއުމުގެ ފުރުޞަތު ލިބުނީއެވެ. ނަމަވެސް މިފަހަރު އެ ފުރުޞަތުގެ ބޭނުން ހިފަން ނިމްރާ ފަސްޖެހުނެވެ. ދޭ މީހާ ދިނަސް ލިބިގަންނަ މީހާ ވިސްނާލަން ޖެހޭނޭ ނިމްރާގެ ޟަމީރަށް ވިސްނުނީމައެވެ. އެހެންވިޔަސް ނީލަމް ކުރުނުކުރުމުން އެންމެފަހުން އޭނާއާއެކު ނިމްރާ ކާން ނިންމީއެވެ.
* * * *
އަރްސަލްގެ އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނެވެ. އޭރު ރާދިން ސޯފާތަކުގެ މެދުގައި ހުރި ކޮފީމޭޒު އޭނާއާ ކައިރިކޮއްލައިގެން އިނދެ ލިޔުންތަކެއް ބަލަނީއެވެ. ހުޅުވާފައި ހުރި ލެޕްޓޮޕްގައިވާ އެކްސެލް ޝީޓުގައި އޭނާ އެއްޗެހި ތަކެއް ނޯޓުކުރަމުން ދިޔައެވެ. ދޭތެރެއަކުން އަރްސަލްގެ ގާތުން ރާދިން ކަމެއް އޮޅުން ފިލުވާލައެވެ.
"ތީ ކާކުގެ ފޯނެއްތަ؟" ރާދިން އެންމެފަހުން އަހާލިއެވެ.
"މީހެއްގެ ފޯނެއްމީ... އޮޅުމަކުން ގެނެވުނަސް މީ ވަރަށް ރަނގަޅަށް ވީ ކަމެއް. އަހަރެން ހީކުރީ ބަލާ އަންނާނޭކަމަށް. އެހެންވެ މި މަޑުކުރަނީ. އޭނާ ފޯނު ހޯދަން އުޅެފިނަމަ އެނގޭނެ އަހަރެންގެ އަތުގައިކަން އޮތީ. އަހަންނާ ބައްދަލުވާނީ ކިހިނެއްކަން ވެސް" އަރްސަލް ކަމަކަށް ގެއްލި އިނދެ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތަކުން އެއްވެސް ކަމެއް ރާދިންއަށް އޮޅުމެއްނުފިލިއެވެ.
"އެއީ ކާކުތަ؟ ކީފާއާ މީޓު ކުރީތަ" ރާދިން އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
"ކީފާއެއްނޫން... ދެން ކޮންމެވެސް މީހެއް. ރާދިންއަށް އަދި އެނގޭނެ. އެހެންވީމަ މިހާރު ސުވާލުނުކޮށް މަޑުކުރޭ" އަރްސަލް މިހެން ބުނެލީ އެއްމިޔަ ކަނުން ހިނިތުންވެލިއެވެ. ހީވީ ސިކުނޑީގައި ރާވާފައިވާ ރޭވުންތައް ކާމިޔާބުވާނޭކަން ޔަގީންވާތީ ހިތްހަމަޖެހިފައި އިންހެނެވެ.
"އަރްސަލްގެ ވާހަކަ ތި ހުންނަނީ ކިހިނެއްތަ މިހާރު... އޯކޭ! މަށެއްދެން ނާހާނަން... އޭތް! މަ ބުނީ މިފަހަރު މިކަން ކީފާއާ ގުޅިގެން ނިންމާލަން ހިނގާށޭ. އަރްސަލްގެ މައްސަލައެއް ނެތިއްޔާ ކީފާއާ މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަންފެނޭ. އެ ޖަވާދުއަށްވުރެ އަހަރެން ބޭނުންވަނީ އިތުބާރު ހިފޭ މީހަކު އަހަރެންގެ ތެރޭގައި ހުންނަން. ޖަވާދަކީ ފައިސާއަށް ބޫތުކައިފަ ހުންނަ މީހެއް. އޭނާ ކިތަންމެ މޮޅަސް ހާދަ ބައިވަރެކޭ އެ ނަގަނީ. މިހާ ބޮޑު އިންވެސްޓްމެންޓެއް ކުރަން އުޅޭ އިރު އޭނާ ކަހަލަ މީހަކު ފަހަތުގައި ބެހެއްޓުން ރަނގަޅުވާނެތަ؟" ރާދިން މައުޟޫޢު ބަދަލުކޮއްލިއެވެ.
"ކީފާއާ ވާހަކަދައްކަމާ... އޭނާއަށް ވަންޏާތާ ހަވާލު ކުރެވޭނީ" އަރްސަލް ބުންޏެވެ.
"އަރްސަލް ވެސް ހުންނަންވާނެ. އެންމެ ފަހުން އޭނާ އައީމަ އަރްސަލް ހެދީ ކިހިނެއް؟ މިފަހަރު އަރްސަލް ގުޅާ އޭނާއަށް" ރާދިން ބުނެލިއެވެ.
"މިރޭ ޕިއްޒާ ގެންނަމާ. އަހަރެން ގުޅާނަން ފިއްޒާއަށް ރާދު ގުޅާ ކީފާއަށް" އަރްސަލް ހީވީ ބޮލުން ކަމެއް ނައްޓާލަން އުޅުނު މީހަކު ހެންނެވެ. އަވަސް އަވަހަށް ޖީބުގައި އޮތް އޭނާގެ އަމިއްލަ ފޯނު ނަގާ ޕިއްޒާއަށް އޯޑަރު ދޭން އުޅުނެވެ. އެހެންވެ މިފަހަރު ވެސް ކީފާއަށް ގުޅީ ރާދިންނެވެ. އެހެންނަމަވެސް ދަޢުވަތު ދިނީ އަރްސަލްގެ ނަމުގައެވެ.
* * * *
އެޕާޓްމެންޓުގެ ދޮރު ހުޅުވުނުކަން އެނގުމުން ސޯފާގައި ތިބި ނީލަމްއާއި ނިމްރާ ތެދުވިއެވެ. އޭރު މަރިޔަމްއާއި އޭނާގެ އަންހެންދަރިފުޅާއި މާމަ ދަރިފުޅު ގޭތެރެއަށް ވަންނަނީއެވެ.
"މަރިޔަމް..." ނިމްރާ ގޮވާލި ގޮތުން އޭނާ ވާހަކައެއް ދައްކަން ބޭނުންވަނީކަން މަރިޔަމް ދެނެގަތެވެ. ނިމްރާއާ ކުރިމަތިލާ މަރިޔަމް ހުއްޓުނެވެ.
"އަހަރެންގެ ފޯނު" ނިމްރާ ކުރުކޮށް ބުނެލިއެވެ. އެއާއެކު މަރިޔަމްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.
"ފޯނު ދިނީމެއްނު... ނިމްރާއާ ބައްދަލުކުރަން އައި ފިރިހެންކުއްޖާ އަތަށް ފޯނު ދީފައި އަހަރެން ގެއަށް އައީ. ކިހިނެއްވީ؟ އޭނާ ފޯނު ނުދެނީތަ؟ އެއީ ކާކުތަ؟ އޭނާ ގާތު އަހަރެން އެހީމާ ވެސް ނުބުނި ނިމްރާގެ ކާކުކަމެއް އެއީ... އަނެއްކާ... ރައްޓެހިވެގެން އުޅޭ ކުއްޖާތަ އެއީ؟" މަރިޔަމް އަހާލިއެވެ.
"އުހުން! އޭނާ އަތުގައި ދޯ. އެހެންވީރު އޯކޭ" ނިމްރާ އަވަސް ހިނިތުންވުމެއް ބަދަލުކޮއްލާފައި އެނބުރި އައިސް ކޮޓަރިއަށް ވަނެވެ.
އެނދުގެ މަގަތުގައި އިށީނުމާއެކު ފަޔާއި ގޮދަޑިއާ ދޭތެރެއަށް ދެއަތްތިލަ ލައްވާލާ ފޮރުވާލިއެވެ. ކުރިއަށް ހަށިގަނޑު ކުޑަކޮށް ގުދުކޮއްލައިގެން އިނދެ ނިމްރާ ވިސްނަމުން ދިޔައެވެ. އެހެން އިނދެ މަޑުމަޑުން އަރްސަލްގެ ނަން ދެތިން ފަހަރަށް ކިޔާލިއެވެ. ފޯނު ބަލާ އަރަސަލްގެ ގާތަށް ދާންވީ ކަމާމެދު ނިމްރާގެ ހިތުގައި ސުވާލު އުފެދުނެވެ.
"އޭނާ ބޭނުންވަނީ ކަންނޭނގެ އަހަރެން އޭނާގެ ގާތަށް ދާން. އެހެންވެ ކަންނޭނގެ ފޯނު އެ ގެންދިޔައީ... އަހަރެން ގަޞްދުގައި ކުރިކަމެއްނޫންކަން އޭނާއަށް ވިސްނައިދިނުމަކީ ބޭކާރުކަމެއް. އޭނާއަކީ ގޮތްދޫނުކުރާ މީހެއް. އޭނާ ބޭނުންހާ ކަމެއް އަހަރެން ކޮއްދޭން ޖެހޭތަ؟... އެކަމަކު... ފޯނު... އެ ފޯނު ނޫނީ އަހަރެންގެ އަތަކު މިހާރު އެއްވެސް އެއްޗެއް ނެތް. މާމައާ ކާފަގެ ހުރި ހަމައެކަނި ހަނދާންތައް ވެސް ހުރީ އެ ފޯނުގައި" ނިމްރާ އެކަނި އިނދެ ވާހަކަދެއްކިއެވެ.
އިރުކޮޅަކު ވިސްނަން އިނދެފައި ނިމްރާ ތެދުވިއެވެ. އެނދުގެ ކަނާއަތް ފަރާތުގައި ހުރި އަރިމަތީ މޭޒުގެ ވަތްގަނޑު ހުޅުވާލިއެވެ. އަދި އެ ވަތްގަނޑުގައި އޮތް އެޑްރެސް ކާޑު ނަގާ ބަލާލިއެވެ. އަރްސަލްގެ ކުންފުނީގެ ނަމާއި މަޤާމުގެ އިތުރުން އޭނާއާ ގުޅޭނޭ ނަންބަރު ވެސް އޮތެވެ. އެ ކާޑު ހިފައިގެން ނިމްރާ އެނދުގައި އޮށޯވެލިއެވެ. އަރިއަކަށް އޮތްއިރު އޭނާގެ އަތުގައި އޮތް އަރްސަލްގެ އެޑްރެސް ކާޑަށް ނަޒަރު ހުރީ ހުއްޓިފައެވެ. ސިކުނޑީގައި އެތަށް ވާހަކައެއް ދެކެވެމުންދިޔައެވެ. އަރްސަލްއާ ބައްދަލުކުރަން ދާނީ ކަމެއް ނުދާނީކަމެއް ނިންމަން ނޭނގިފައި ނިމްރާ އޮތެވެ.
* * * *
ފަތިސް ނަމާދަށް ދާން ނުކުތް ރާދިން އައިސް އަރްސަލްގެ ކޮޓަރިއަށް ވަނެވެ. ބޯދަށުގައި އޮތް ބާލީހުގެ ދަށަށް ވައަތް ވައްދާލައިގެން މޭދަށް ވާގޮތަށް އެހެން ބާލީހެއް ހިފަހައްޓާލައިގެން ގަދަ ނިދީގައި އަރްސަލް އޮތެވެ. ރާދިން ދެތިންފަހަރަށް ގޮވާލުމުން އަރްސަލްގެ ޚަބަރެއް ނުވިއެވެ. އަތުގައި ހިފާ ނަގަން އުޅުމުން އެ އަތް ފޮޅުވާލާފައި އަރްސަލް އަނެއް ފަރާތަށް އެނބުރުނީ ރާދިންއަށް ފުރަގަސްދޭށެވެ.
"އެ ގޮވަނީ ބަންގި... އަހަރެން ދަނީ... އޮވޭ ނިދަން. ނުބުނާތި އަހަރެން ނުގޮއްވިއްޔޭ" ރާދިން ހިތްހަމަނުޖެހިފައި ހުރި ގޮތަކަށް ބުނެލާފައި ނުކުމެގެން ދިޔައެވެ.
މިސްކިތުން އައިސް އެޕާޓެމެންޓަށް ވަން ވަގުތު ފުރަތަމަ ވެސް ނޭފަތުގައި ޖެހުނީ ކޮފީގެ ވަހެވެ. ލުއި ހިނިތުންވުމެއް ތުންފަތާ ކުޅެލިއެވެ. ދޮރު ލައްޕާލާފައި ރާދިން އައީ ސިޓިންރޫމާ އިންވެގެން ވައަތްފަރާތުގައި ހުރި ބަދިގެ ކޮޅާ ދިމާއަށެވެ. ކޮފީ މެޝިން ކައިރީ ހުސްޖަގާ ހަމައެކަނި ޖީންސެއްގައި އަރްސަލް ހުރި ތަން ފެނުނެވެ.
"ނަމާދަށް ނުގޮސް ތި ތެދުވީ ކޮފީ ބޯންތަ؟" ހިނިއައިސްފައި ކޮފީ ޖޯޑު ރާދިންއަށް އަރްސަލް ދިއްކޮށްލުމާއެކު ބުނެލިއެވެ.
"މައި މިސްޓޭކް ބްރޯ... ރާދު ދިޔަފަހުން ހޭލެވުނީ. އެހެންވެ ކޮޓަރީގަ ނަމާދުކޮއްލައިގެން މި ނިކުތީ. ރާދު ކޮފީ ބޯނެތީ އަންނަންވާއިރަށް ކޮފީ ވެސް މި ހަދައިދިނީނު. މަށަށް ދެން މިވަރު ދޯ ކޮއްދެވޭނީ" އަރްސަލް ކުޑަކޮށް ހިނިއައިސްފައި ހުރެ ބުންޏެވެ.
ދެ މީހުން ކޮފީ ޖޯޑު ހިފައިގެން ނުކުތީ ސިޓީންރޫމުން ނުކުމެގެން ހުރި ބެލްކަންޏެވެ. އުދަރެސް އޮތީ އަނދިރިކޮށެވެ. އެހެންނަމަވެސް ގިނައިރެއްނުވެ އިރު އަރާ އުދަރެސްމަތި އަލިވެދާނޭކަން އެނގެއެވެ. ބެލްކަނީގައި ހުރި ވަށް މޭޒުގެ ދޮށުގައި ދެ ޒުވާނުން ކޮފީ ބޯން ތިއްބެވެ. ދައްކަމުން ދިޔައީ ވިޔަފާރީގެ ވާހަކައެކެވެ. ރޭގައި ކީފާއާއެކު ދެކެވުނު ވާހަކަތައް އަރްސަލް ހަނދާންކޮއްލިއެވެ. އަރްސަލްއާއި ރާދިންއާއެކު މަސައްކަތް ކޮއްލާނޭ ފުރުޞަތެއް ފަހިވުމުން ކީފާވަނީ އެ މީހުންނަށް ޤަނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީވާނަން ކަމުގައި ބުނެފައެވެ. އަދި އޭނާގެ އެހީ އިތުރު ގޮތަކުން ބޭނުންވިޔަސް އެހީވާން ތައްޔާރަށް ހުރިކަން ހާމަކޮއްފައެވެ.
"ދިސް އިސް ގޮއިންޓު ބީ ފަން... އެކަމް ބުނަން ތި ދެމީހުން ފައިޓް ނުކުރާތި އިނގޭ" ރާދިން ބުނެލިއެވެ. ކިޔަވަން އުޅުނު ދުވަސްތަކުގެ ހަނދާންތައް އާކުރަމުން އޭނާ އިޝާރާތް ކުރީ އަރްސަލްއާއި ކީފާއަށްކަން އަރްސަލްއަށް އެނގުނެވެ.
"އެއީ މާ ކުރީގައެއްނު. އޭރު އެއީ ނުވިސްނޭއިރު... މިހާރު އެންމެން ވެސް ބަދަލުވެއްޖެ. ވީ އާ ނައު މޯ މެޗުއާ" ހިނިތުންވެލައިގެން އިނދެ އަރްސަލް ބުނެލިއެވެ.
ހެނދުނު އޮފީހުގައި އުޅެނިކޮށް ދިހަގަޑިބައިކަން ހާއިރު އަރްސަލްއަށް ފޯނުކޯލެއް އައިސްގެން އޭނާ އޮފީހުން ނުކުތެވެ. އެ މޫނުމަތީގައިވާ ސީރިއަސްކަން އެހެން މީހަކަށް ދައްކަން ބޭނުންނުވީއެވެ. އިމާރާތުގެ ސިޑިން ތިރިއަށް ފައިބައިގެން އައިސް ގޭޓުން ބޭރަށް ނުކުމެ މަގުމަތި އަރްސަލް ބަލާލިއެވެ. އެއާއެކު ރަތާއިކަޅުކުލައިގެ ގޮޅިޖެހި ބެގީ ގަމީހެއްލައިގެން ހުރި އަންހެންކުއްޖާ ފެނުނެވެ. އޭނާގެ "ސްކާލެޓް" ކުލައިގެ ކުރު އިސްތަށިގަނޑުން އެއީ ނިމްރާކަން ވަގުތުން އަރްސަލްއަށް އެނގުނެވެ. ނިމްރާއަށް ބަލަން ހުރެފައި އަރްސަލް ޝަހާދަތް އިނގިލިން އިޝާރާތް ކޮއްލީ އޭނާގެ ގާތަށް އަންނާށޭ ބުނާ ފަދައިންނެވެ. ހިސާބަކަށް ހާސްވެފައި ހުރެ މަޑުމަޑުން އަރްސަލްގެ ގާތަށް ނިމްރާއައެވެ. (ނުނިމޭ)