ކުޅިވަރު

އަނެއްކާވެސް ގްރީޒްމަންގެ ހެޓްރިކެއް

ލެގަނޭސް އާ ދެކޮޅަށް އެތުލެޓިކޯގެ ހަތަރު ލަނޑު ކާމިޔާބު ކޮށް، އެއް ހަފުތާ ތެރޭ އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް އެންޓްއާން ގްރީޒްމަން ދެ ވަނަ ހެޓްރިކް ހަދައިފި އެވެ. މެޗު އެތުލެޓިކޯ ކާމިޔާބު ކުރީވެސް 4-0 ންނެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް، ގްރީޒްމަން ވަނީ ހެޓްރިކް ހަދާފަ އެވެ. ސްޕެނިޝް ލީގްގައި، އޭނާ ޖެހި ލަނޑުގެ އަދަދުވެސް މިހާރު 15 އަށް އެރީ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ގްރީޒްމަން ބުނީ އޭނާ އަށް ވެސް މިސްޓޭކް ހެދޭ ކަމަށާއި ނަމަވެސް ދަނޑު މަތީގައި އޭނާ މަސައްކަތް ކުރަނީ ރަނގަޅަށް ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ، އަހަރެމެން މި ގޮތުގައި ކުރިއަށް ދާނަން،" ފްރާންސްގެ ފޯވަޑް ބުންޏެވެ. "އަހަރެން ހުރިހާ ކަމެއްވެސް ކުރަނީ ސަޕޯޓަރުންނަށް ހިތްހަމަ ޖެހުން ގެންނަން، އަހަރެމެން މަސައްކަތް ކުރަނީ ސަޕޯޓަރުންނާ މެދު އޮންނަ ލޯބި އަބަދުވެސް މިގޮތުގައި ބާއްވަން."

އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނީ، ގްރީޒްމަންއާ މެދު އޭނާ "ބަސް ހުއްޓިއްޖެ" ކަމަށެވެ. މިދިޔަ ސީޒަންގައިވެސް އޭނާގެ ކިބައިން އެ އާދަޔާ ހިލާފުކަން ފެނިގެން ދިޔަ ކަމަށް ސިމިއޯނޭ ބުންޏެވެ.

މި ސީޒަން ފެށީ އެތުލެޓިކޯ އަށް ވަރަށް ބަދު ނަސީބު ހާލަތެއް ކުރިމަތި ކުރުމަށް ފަހު އެވެ. އެއީ ފީފާއިން އެ ޓީމަށް އެޅި ޓްރާންސްފާ ބޭންއާ ހެދި އެއްވެސް ކުޅުންތެރިޔަކު ނުގެނެވި އެވެ. އެ ޓީމަށް އެނބުރި އައި ޑިއޭގޯ ކޮސްޓާ އާއި ވިޓޯލާ އަށް ޖެހުނީ ޖަނަވަރީގެ ނިޔަލަށް އެއްވެސް މެޗެއް ނުކުޅެ ހުންނާށެވެ.

ޖަނަވަރީން ފެށިގެން ކޮސްޓާ އާއި ވިޓޯލާ ގުޅުމުން އެތުލެޓިކޯއަށް ލިބުނީ މުޅިން ފްރެޝް ދެ ކުޅުންތެރިންނެވެ.. އޭގެ ސަބަބުން އެތުލެޓިކޯއަށް ބޮޑު ތަފާތެއް އައެވެ. ރޭ ގްރީޒްމަން ކާމިޔާބު ކުރި ލަނޑުތަކުގައި ކޮސްޓާގެ ހިއްސާ އޮތެވެ.

"ޑިސެމްބަރާ ހަމަޔަށް ވެސް އަހަރެމެންގެ ސީޒަން ދިޔައި ވަރަށް ރަނގަޅަށް، ކޯސްޓާ އުމުން ކުރިއެރުން ލިބުނީ ނޫން، ގްރީޒްމަންއަށވްެސް ކުރިއެރުން ލިބުނީ، މުޅި ޓީމަށްވެސް ކުރިއެރުން އައީ."