ބޮލުގައި ކޯނެއް އަޅައިގެން ދިވެހި އަންހެން ކުދިންގެ ހިތްތަކުން މިހާރު ޖާގަ ހޯދަމުން އަންނަ ފިލްމީ ތަރިއަކީ ޖުމައްޔިލް ނިމާލް އެވެ.
މަގުމަތިން ފެނުނަސް ނުވަތަ ފިލްމީ ދާއިރާގެ ހަފްލާއަކުން ފެނުނަސް ފެންނަނީ ބޮލުގައި ކޯން އަޅައިގެން ހުންނަ ތަނެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމު، "ވަކިން ލޯބިން" ގެ ހުރިހާ ޕްރޮމޯޝަަނަލް އިވެންޓުތަކެއްގައި ވެސް ފެނުނީ ހަމަ މިހެން ހުއްޓަ އެވެ. ޖުމައްޔިިލްގެ އިންސްޓަގުރާމަށް ވަނަސް މިހާރު ފެންނާނީ ހަމަ މި މަންޒަރެވެ.
ހެޓް ކޯން މިހާރު އޭނާގެ ސްޓައިލްއަކަށްވީ ހެއްޔެވެ. އެކި ކުލަ ކުލައިގެ ތަފާތު ޑިޒައިންތަކަށް ހުންނަ ކޯން އަޅާނީ ސްޓައިލަކަށް ވީމަތާ އެވެ!
މީގެ ކުރިން "އަވަސް" އަށް ދިން އިންޓަވިއެއްގައި ޖުމައްޔިލް ބުނި ގޮތުގައި އޭނާ ބޮލުގައި ކޯނެއް އަޅައިގެން އުޅެނީ މިއަހަރު ރިލީޒްކުރާ އޭނާގެ ދެ ވަނަ ފިލްމު "ގޮށްރާޅު" ގެ މަސައްކަތަށެވެ.
"އަބަދު ބޮލުގައި ކޯން އަޅައިގެން މިއުޅެނީ ގޮށްރާޅަށް، ގޮށް ރާޅުގައި ފެންނާނީ އެ ހެއާ ސްޓައިލްގަ، ހަމަ ސަޕްރައިޒެއް މީ،" މިދިޔަ އަހަރު ދިވެހި ފިލްމު އެވޯޑުގައި އެންމެ މޮޅު އެކްޓާއަށް ހޮވުނު ތަރި ބުންޏެވެ.
"ގޮށް ރާޅު" އަކީ ޑާކްރެއިންގެ ތްރިލާ ފިލްމެކެވެ. މި ފިލްމުގެ މަސައްކަތްތަށް ނިންމާ އަންނަ މަހު ފަހެއްގައި ފިލްމު ރިލީޒްކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.
އެ ފިލްމުގެ އޮފިޝަލް ޓީޒާ ޕޯސްޓާ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ޓީޒާ ޕޯސްޓަރުގައި ވެސް ޖުމައްޔިލްގެ ބޮލެއް ނުފެނެ އެވެ. މިއާއެކު އޭނާގެ އިސްތަށިގަނޑަށް ގެނައި އާ ސްޓައިލް ބަލާލަން ގިނަ ބަޔަކު ތިބީ ކެއްމަދުވެފަ އެވެ.
މީގެ ކުރިން ޖުމައްޔިލް ކުޅުނު ފިލްމުތަކުގައި ވެސް އޭނާގެ އިސްތަށިގަނޑުގެ ތަފާތު ސްޓައިލްތައް ފެނިގެން ގޮސްފައިވެ އެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނު ޑާކްރެއިންގެ ފިލްމު "އެންމެފަހު ވިންދާޖެހެންދެން" ގައި ކުރު އިސްތަށިގަނޑެއް ހުރިތަން ފެނުނުއިރު، ދެން ފެނިގެންދިޔަ އެ ޕްރޮޑަކްޝަންގެ މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ވާށޭ މަށާ އެކީ" ގައި ހުރީ އިސްތަށިގަނޑު ދިގުކޮށްފަ އެވެ.
ޖުމައްޔިލް އާ ސްޓައިލަކަށް ހެދި ކޯންގެ ފަހަތުގައިވާ ހަގީގަތް ބެލުމަށް ދެންޖެހޭނީ އިންތިޒާރެއް ކޮށްލާށެވެ. އެ ހަގީގަތް ހޯދުމުގެ ކުރިން ޖުމައްޔިލް ދެކިލަން ބޭނުންނަމަ އަންނަ ހަފްތާގައި ރިލީޒްކުރާ އޭނާގެ ފިލްމު "ވަކިން ލޯބިން" ބަލާލުމަށް ސިނަމާއަށް ދާން ތައްޔާރުވާށެވެ. އެ ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ދަނީ ވިއްކަމުންނެވެ.
އާންމުގޮތެއްގައި ފިލްމީ ތަރިންނަކީ ފެޝަންގެ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު އެމީހުންގެ ސްޓައިލަށް ތަފާތު ބަދަލުތައް ގެންނަ ބައެކެވެ. ބައެއް ތަރިން އެ އެމީހުންގެ އަމިއްލަ ސްޓައިލުތައް ވެސް ގެންގުޅެ އެވެ.
ރާއްޖޭގެ ފިލްމީ ތަރިން ކިބައިން އާންމުކޮށް މިކަން ނުފެނުނު ނަމަވެސް މިހާރު މަދުން ނަމަވެސް އަމިއްލަ ސްޓައިލްތަށް ގެންގުޅޭ ތަރިން އެބަ ތިއްބެވެ. ގިނަ ފަހަރަށް ދިވެހި ތަރިން ސްޓައިލަށް ބަދަލު ގެންނަނީ ފިލްމެއްގެ މަސައްކަތެއް ކުުރުމަށެވެ. މިކަންވެސް ފެށުނީ ވަރަށް ފަހުންނެވެ.