މާލެއިން ފުރައިގެން ޅ. ކުރެންދޫއަށް ދަތުރުކުރި ދޯންޏެއް ކާށިދޫ ކަނޑަށް އަޑިއަށް ހިނގައްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ "ގިޓާނާ 1" ނަމަކަށް ކިޔާ އެ ދޯނި އަޑިއަށް ދިޔައީ ކާށިދޫ އިރުދެކުނުން ހަތަރު މޭލު ބޭރަށް ކަމަށެވެ. އެ ދޯނި އަޑިއަށްދިޔަ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު އިރުއޮއްސުނު ވަގުތު ކާށިދޫ ސީ އެމްބިއުލާންސް އެސަރަހަށްދަށް ފޮނުވި ކަމަށެވެ. ނަމަވެސް ސީއެމްބިއުލާންސް އެ ސަރަހައްދަށް ދިއުމުގެ ކުރިން ފެތުނު ދޯނީގެ މީހުން އެހެން ބައެއްގެ އެހީގައި ސަލާމަތްވެފައިވާ ކަމަށެވެ.
އެމީހުން ސަލާމަތް ކުރީ އެ ސަރަހައްދުން ގާފަރަށް ދަތުކުރަމުންދިޔަ "މަލަސް މެލޮޑީ" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.
ހާދިސާ ހިނގިއިރު އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ތިން ބިދޭސީންނާއެކު ހަތަރު މީހުންނެވެ. އެމީހުން މިހާރު ވަނީ ކާށިދުށް ގެންގޮސްފަ އެވެ.
ދޯނި އަޑިއަށް ދިޔައީ ދިޔަވެ ޕަންޕު ޖެހުމުން ވެސް ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން ކަމަށް ދޯނީގެ ކެޕްޓަން ވަނީ ކޯސްޓްގާޑުން ބުންޏެވެ.
އަޑިއަށް ދިޔަ އުޅަނދުން އެއްޗެއް ފެންމައްޗަށް އަރައި އޮޔާ ދިއުން ފަދަ ކަމެއް ހިނގާފާނެތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން މިކަމަށް ސަމާލުވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.