ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ތިން މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ. ވޯލްޑް ކަޕް ގާތްވެފައި ވަނިކޮށް ނޭމާއަށް އަނިޔާ ވުމުގެ ސަބަބުން ބްރެޒިލްގެ ގިނަ ބަޔަކު މިހާރު ތިބީ ކަންބޮޑުވެފަ އެވެ.
އަނިޔާއިން ސަލާމަތްވުމަށް ކުރަން ޖެހޭ އޮޕަރޭޝަން ކުރުމަށް ނޭމާ ވަނީ ބްރެޒިލްގެ ރިއޯއަށް ގޮސްފަ އެވެ. ނޭމާގެ އަނިޔާގެ ތަފްސީލު ދެމުން ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރީޖޯ ލަސްމާ ބުނެފައިވަނީ ނޭމާއަށް އަލުން ކުޅުމުގެ ތެރެއަށް ނިކުތުމަށް ދެމަހާއި ބައި ނުވަތަ ތިން މަސް ދުވަސް ނަގާނެ ކަމަށެވެ.
މިއަނިޔާގެ ސަބަބުން ޕީއެސްޖީ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނަ މުހިންމު މެޗު ނޭމާއަށް ގެއްލޭއިރު ޖޫން 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕް މުބާރާތަށް ނޭމާ ފިޓް ވާނެ ކަމާމެދު މިހާރު މިވަނީ ސުވާލު އުފެދިފަ އެވެ.
ނޭމާގެ އަނިޔާ އާއި މެދު ޕީއެސްޖީގެ ކޯޗު އޫނޭ އެމަރީ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެންމެ ބޮޑު ނުތަނަވަސްކަމެއް އެފެދިފައިވަނީ ބްރެޒިލްގަ އެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ބްރެޒިލްގެ ވަރުގަދަ ރޭޑިއޯއެއް ކަމަށްވާ ބޭންޑްނިއުސް އެފްއެމްގެ ފުޓުބޯޅަ ކޮމެންޓޭޓަރު މިލްޓަން ނެވޭސް ނޭމާގެ އަނިޔާ އާއި ބެހޭގޮތުން ބުނެފައިވާ ވާހަކަ އެވެ. އޭނާ ބުނެފައިވަނީ އާދިއްތަ ދުވަހު ބްރެޒިލްއަށް ވޯލްޑް ކަޕް ގެއްލިފައިވާ ކަމަށެވެ. ނޭމާ އަނިޔާވެފައި ވަނީ އާދިއްތަ ދުވަހު މާސޭ އާާއި ކުޅުނު މެޗުގަ އެވެ.
222 މިލިއަން ޔޫރޯއަށް ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާ ވަނީ މިސީޒަނުގައި އޭނާ ކުޅުނު 30 މެޗުން 28 ލަނޑު ޖަހާފަ އެވެ.
އީއެސްޕީއެން ބްރެޒިލް ރިޕޯޓ ކުރާ ގޮތުގައި ނޭމާ ބްރެޒިލް ޓީމާއެކު ރަޝިޔާއަށް ދާނެ އެވެ. ނަމަވެސް އޭނާ ބްރެޒިލްގެ ފުރަތަމަ މެޗަށް ފިޓް ވާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރީޖޯ ލަސްމާ ބުނެފައިވަނީ ނޭމާ ވޯލްޑް ކަޕުގެ ކުރިން ކުޅުމުގެ ތެރެއަށް ނެރުމަށް އޭނާއަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.