ހޮލީވުޑް

ވޮންޑާ ވުމަން 2 ގެ ވިލަންއަކަށް ކްރިސްޓެން ވިގް

ވާނާ ބްރޯސް އަދި ޑީސީ އެންޓަޓެއިންމަންޓުގެ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ވޮންޑާ ވުމަން" އަށް ބޮޑު ކާމިޔާބީއެއް ލިބިފައިވެ އެވެ. އެ ކާމިޔާބީއަށްފަހު އެ ދެ ޕްރޮޑަކްޝަން މިހާރު އަންނަނީ މި ފިލްމުގެ ދެ ވަނަ ބައި "ވޮންޑާ ވުމަން 2" ގެ މަސައްކަތްކުރަމުންނެވެ.

ފިލްމުގެ ކާސްޓުން ނަގަމުންދާއިރު މިފަހަރު ފިލްމުގެ ވިލަންގެ ރޯލަށް އެކްޓާ ކްރިސްޓެން ވިގް ވަނީ ނަގާފަ އެވެ. ކްރިސްޓެން 44، މި ފިލްމުގައި ކުޅޭނީ ޗީތާގެ ރޯލެވެ. އެ ކެރެކްޓާއަކީ އާދަޔާހިލާފަށް ބާރުގަދަ އަދި ބާރުތައް ލިބިފައިވާ މީހެއްގެ ކެރެކްޓާ އެކެވެ.

ކްރިސްޓެންގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ބްރައިޑްސްމެއިޑްސް، ދަ މާޓިން އަދި ގޯސްޓްބަސްޓާސް ހިމެނެ އެވެ.

މި ފިލްމުގައިވެސް ލީޑު ރޯލުން ފެނިގެންދާނީ ފުރަތަމަ ފިލްމުގައިވެސް ފެނިގެންދިޔަ ގަލް ގެޑޮޓް އެވެ. ޑައިރެކްޓުވެސް ކުރާނީ ފުރަތަމަ ފިލްމު ޑައިރެކްޓުކުރި ޕެޓީ ޖެންކިންސް އެވެ.

ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނާނީ ފިނި ހަނގުރާމައަށްފަހު 1980ގެ އަހަރުތަކުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކެއްގެ މައްޗަށެވެ.

ވޯންޑާ ވުމަން ފުރަތަމަ ފިލްމު ރިލީޒްކުރީ މިދިޔަ އަހަރު ޖޫން މަހު އެވެ. އެ ފިލްމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން ބޮސް އޮފީހުގައި 821 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.