ހޮލީވުޑް

ލިއޮނާޑޯއާއެކު ބްރެޑް ޕިޓްވެސް ޓެރެންޓީނޯގެ ފިލްމަށް

މަޝްހޫރު ޑައިރެކްޓާ ކުއެންޓިން ޓެރެންޓީނޯގެ އެންމެފަހުގެ ޑައިރެކްޝަން ކަމަށް ބެލެވޭ ފިލްމަށް މިހާރު ކާސްޓުން އަންނަނީ ވަރުގަދަ ކުރަމުންނެވެ.

ފިލްމުގެ ނަންވެސް މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. ފިލްމަށް ދީފައިވާ ނަމަކީ "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އެވެ.

މި ފިލްމުގެ ކާސްޓަށް އެންމެ ފުރަތަމަ ނަގާފައި ވަނީ ޓައިޓޭނިކް ފިލްމުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލިއޮނާޑޯ ޑިިކެޕްރިއޯ އެވެ. ލިއޮނާޑޯއަށްފަހު މިހާރު ކާސްޓަށް އާ މަޝްހޫރު ތަރަޔަކު ވަނީ ނަގާފަ އެވެ. ކާސްޓަށް އިތުރުކުރި ތަރިއަކީ ބްރެޑް ޕިޓް އެވެ.

ސޮނީ ޕިކްޗާޒް އަށް ޑިސްޓްރިބިއުޝަން ރައިޓްސް ލިބިފައިވާ މި ފިލްމަކީ 1969 ވަނަ އަހަރު ހިނގި ހޮލީވުޑް ކޮމިއުނިޓީއެއް ކަމަށްވާ މެންޝަން ފެމެލީ މާޑާ ކޭސް އާއި ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނާނީ މޭންސަން ފެމެލީ މާޑާގެ ވިކްޓިމް ޝެރޮން ޓޭޓްއާއި ގުޅުވައިގެންނެވެ.

މޭންސަން ފެމެލީ މަޑާގައި ޝެރޮންގެ އިތުރުން ހަތަރު މީހަކު މަރާލާފައިވެ އެވެ. އެމީހުންގެ މަރާލުމަށް އެންމެ އިސްކޮށް ހުރީ އެ ކޮމިއުނިޓީ އުފެެއްދުމުގައި އިސްކޮށް އުޅުނު ޗާލް މެންސަން ކިޔާ މީހެކެވެ.

މި ފިލްމުގައި ލިއޮނާޑޯ ކުޅޭނީ ކުރީގެ ވެސްޓާން ޓީވީ ސީރީޒްގެ އެކްޓަރެއް ކަމަށްވާ ރިކް ޑެލްޓަންގެ ރޯލެވެ. ބްރެޑް ފެނިގެންދާނީ ކްލިފް ބޫތްގެ ރޯލުންނެވެ. ލިއޮނާޑޯ ކުޅޭ ކެރެކްޓާ ރިކް އަކީ ސެރޮން އުޅޭ ގެޔާ ޖެހިގެން ހުންނަ ގޭގައި އުޅޭ އޭނާގެ އަވަށްޓެރިއެކެވެ.

މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޮގަސްޓް 9 ގަ އެވެ. މި ފިލްމު ޕްރޮޑިއުސްކުރާ ޓީމުގައި ހެރީ ޕޮޓާގެ ޕްރޮޑިއުސާ ޑޭވިޑް ހޭމަންއާއި، ޝެނޮން މިކިޓޯޝް، އަދި ޖޯޖިއާ ކަކެންޑެސް ހިމެނެ އެވެ.