މި އަހަރުގެ އޮސްކާ ހަފުލާ ފަށާ ވަގުތު އަންނަނީ ކުޑަތަން ވަމުންނެވެ. ހޮލީވުޑްގެ އެންމެ ބޮޑު އެވޯޑް ހަފްލާ އެކަޑެމީ އެވޯޑު، އޮސްކާ 2018 ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭގަ އެވެ. އޮސްކާ ދެމުން އަންނަތާ މިއަހަރު 90 އަހަރު ފުރޭއިރު އެ ހަފްލާގައި ހާއްސަ ގިނަ ކަންތައްތަކެއް ވެސް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.
ޖިމީ ކިމެލް ހޯސްޓް ކުރާ އެ ހަފްލާގައި މިހާރު ހޮލީވުޑް އެވޯޑު ހަފުލާތަކުގައި ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް ކުރިއަށް ގެންދާ #މީޓޫ ކެމްޕެއިންގެ ބައެއް ހަރަކާތްތައް ފެނިގެންދާނެ ކަމަށް ވެސް ބެލެވެ އެވެ. ތަރިންގެ ރެޑް ކާޕެޓަށް އިންތިޒާރުކުރެވޭއިރު އޮސްކާއަށް ވެސް ތަރިން މިފަހަަރު އަންނާނީ ހުސް ކަޅު ހެދުމުގައިތޯ މިހާރު ވެސް ސުވާލުކުރެވެމުންދެ އެވެ.
މިއަހަރުގެ އޮސްކާ އެވޯޑުތަކަށް ތަފާތު ވަރުގަދަ ފިލްމުތަކެއް ނޮމިނޭޓުވެފައިވެ އެވެ. އެވޯޑުތަށް ކާމިޔާބު ކުރާނީ ކޮން ފަރާތެއްތޯ އާއިމެދު ތަފާތު ލާފަކުރުންތަށް މިހާރު އުޅޭއިރު، އެހެން ފަަހަރުތަކަށްވުރެ މިފަހަރު ވާދަވެރިކަން ވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. މިފަަހަރު އޮސްކާގައި އެންމެ ވާދަވެރިވާނެ ބައެއް ކެޓަގަރީތަކަށް ބާލައިލުން ރަނގަޅެވެ.
ބެސްޓް ޕިކްޗާ ކާމިޔާބުކުރާނީ ކޮން ފިލްމެއް؟
ބެސްޓް ޕިކްޗާ ނޮމިނޭޝަންގެ ތެރޭގައި އެންމެ ވާދަވެރި ދެ ފިލްމަކަށް އުޅެނީ "ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިޒޮރީ" އާއި "ދަ ޝޭޕް އޮފް ވޯޓާ" އެވެ. އެންމެ ގިނަ ބަޔަކު ބުރަވަނީ މި ކެޓަގަރީން މިފަހަރު އޮސްކާ ގެންދާނީ ދަ ޝޭޕް އޮފް ވޯޓާ ކަމަށެވެ.
ގޯލްޑެން ގްލޯބްސް އެވޯޑުގައި އެންމެ މޮޅު ފިލްމަށް ހޮވުނު ތްރީ ބިލްބޯޑްސް، އޮސްކާގެ ބެސްޓް ޕިކްޗާއަށް ނޮމިނޭޓުވެފައިވީ ނަމަވެސް އެ ފިލްމުގެ ޑައިރެކްޓާ މާޓިން މެކްޑޯނާ ބެސްޓް ޑައިރެކްޓާގެ ކެޓަގަރީން ނޮމިނޭޓުވެފައި ނުވާތީ ފިލްމަށް އެ އެވޯޑު ނުލިބުން ގާތެވެ. އެއީ ގިނަ ފަހަރަށް އޮސްކާގެ ބެސްޓް ޕިކްޗާ ގެންދާ ފިލްމުގެ ޑައިރެކްޓަރު، ބެސްޓް ޑައިރެކްޓާގެ ކެޓަގަރީން ނޮމިނޭޓުވާތީ އެވެ.
ދަ ޝޭޕް އޮފް ވޯޓާއަށް ބަލާއިރު އެ ފިލްމަށް މިއަހަރު ބޭއްވި ގިނަ އެވޯޑު ހަފުލާތަކަކުން ބޮޑު ތަރުހީބެއް ލިބުނެވެ. އޮސްކާގައި 13 ކެޓަގަރީއަކުން އެ ފިލްމު ނޮމިނޭޓުވެފައި ވެސް ވެއެވެ. ދެން މި ކެޓަގަރީގައި އެ ދެ ފިލްމާ އެންމެ ކައިރިން ވާދަކުރެވޭނެ ފިލްމަކަށް އޮތީ "ލޭޑީ ބާޑް" އެވެ.
ބެސްޓް އެކްޓްރެސް އަދި އެކްޓާގެ އެވޯޑު ގެންދާނީ ކާކު؟
ބެސް އެކްޓްރެސް އެވޯޑު ގެންދިއުން އެންމެ ގާތީ ތްރީ ބިލްބޯޑްސްގެ އެކްޓްރެސް ފްރާންސެސް މެކްޑޯމަން އެވެ. ފްރާންސެސް ވަނީ އެންމެ ފަހުން ބޭއްވި އެންމެ ބޮޑު ދެ އެވޯޑު ހަފްލާ ކަަމަށްވާ ގޯލްޑެން ގްލޯބްސް އަދި ބާފްޓާގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ގެންގޮސްފަ އެވެ.
މި އެވޯޑަށް ދެން އެންމެ ގަދައަށް ވާދަކުރާނީ ދަ ޝޭޕް އޮފް ވޯޓާގައި އެލިޒާގެ ރޯލުން ފެނިގެންދިޔަ އެކްޓްރެސް ސެލީ ހޯކިންސް އެވެ. ދަ ޝޭޕް އޮފް ވޯޓާގައި އޭނާ ދެއްކި މަންމަނު މީހެއްގެ އެކްޓިންއަށް ކްރިޓިކުގެ ބޮޑު ތައުރީފެއް ލިބިފައިވެ އެވެ.
ގޯލްޑް ގްލޯބްސް އާއި ބާފްޓާ އަދި މިފަހުން ބޭއްވި ގިނަ އެވޯޑުތަކުގައި ބެސްޓް އެކްޓާގެ އެވޯޑު ގެންދިޔައީ ގެރީ އޯލްޑްމަން އެވެ. އެހެންކަމުން އޮސްކާ ވެސް ކާމިޔާބު ކުރުން އެންމެ ގާތީ އޭނަ އެވެ. ގިނަ އެވޯޑުތަކުގައި ގެރީ ކާމިޔާބު ހޯދި ނަމަވެސް މި ކެޓަގަރީގައި ތިމޮތީ ޗެލްމެޓް އާއި ވާދަވެރިކަން ގަދަވާނެ ކަމަށް ބެލެވެ އެވެ.
ސަޕޯޓިން އެކްޓްރެސް އަދި އެކްޓާގެ އެވޯޑު ގެންދާނީ ކާކު؟
ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ކެޓަގަރީގައި އެންމެ ވާދަވެރިކޮށް ދާނީ މިއަހަރު މި ކެޓަގަރީން އެހެން އެވޯޑު ހަފުލާތަކުގައި ވެސް ކާމިޔާބީ ހޯދާފައިވާ "އައި، ޓޮންޔާ" ގެ އެކްޓްރެސް އެލިސަން ޖޭނީ އާއި "މަޑްބައުންޑް" ގެ އެކްޓްރެސް މެރީ ޖޭ ބްލިޖް ކަމަށް ބެލެވެ އެވެ.
މަޑް ބައުންޑުގައި މެރީ ޖޭ ދެއްކި އައިލާދެކެ ލޯބިވާ މަންމައެއް ރޯލަށް ބެލުންތެރިންގެ ތައުރީފު ލިބިފައިވެ އެވެ. މަންމައެއްގެ ވާހަކަދެކެވޭއިރު، މި އެވޯޑު ގެންދިޔުން ދެން އެންމެ ގާތީވެސް މަންމައެކެވެ. އެއީ ލޯޑީ ބާޑްގައި އަސަރުގަދަ ރޯލެއް ދެއްކި ލޯރީ މެޓްކަލްފް އެވެ.
ބެސްޓް ސަޕޯޓިން އެކްޓާގެ ކެޓަގަރީން އެންމެ ވާދަވެރި ވާނީ ތްރީ ބިލްބޯޑްސްގެ އެކްޓާ ސެމް ރޮކްވެލް އާއި "ދަ ފްލޮރިޑާ ޕްރޮޖެކްޓް" ގެ އެކްޓާ ވިލެމް ޑަފޯއީ އެވެ.
ބެސްޓް ޑައިރެކްޓަރު ގެންދާނީ ކާކު؟
މިއަހަރު މި ކެޓަގަރީން ނޮމިނޭޓުވެފައިވާ ހުރިހާ ޑައިރެކްޓަރުންނަށް ވެސް މި އެވޯޑު ހައްގެވެ. މި ކެޓަގަރީން ނޮމިނޭޓުވެފައިވާ ހުރިހާ ފިލްމެއްގެ ޑައިރެކްޝަން ވެސް އެހާ ފުރިހަމަ އެވެ. މިއާއެކު މިފަހަރުގެ އޮސްކާގައި އެންމެ ވާދަވެރި އެވޯޑަކަށް ވާނީ މި ކެޓަގަރީ އެވެ.
މި ކެޓަގަރީން ނޮމިނޭޓުވެފައިވާ ޑައިރެކްޓަރުންނަކީ ކްރިސްޓޮފާ ނޯލަން (ޑަންކާކް)، ޖޯޑަން ޕީލް (ގެޓް އައުޓް)، ގްރެޓާ ގާވިގް (ލޭޑީ ބާޑް)، ފޯލް ތޯމަސް އެންޑަސަން (ފެންޓަމް ތްރެޑް) އަދި ގިލިއަރްމޯ ދެލް ތޯރޯ (ދަ ޝޭޕް އޮފް ވޯޓާ) އެވެ.
މި އެވޯޑުތަށް ކާމިޔާބުރާނެ ފަރާތްތަައް މާދަމާ ރޭ އިނގިގެންދާނެ އެވެ. ލާފަ ކުރުންތަށް މިހެން އޮތް ނަމަވެސް ހީ ނުކުރާ ފަރާތަކަށް ވެސް އެވޯޑު ލިބިގެންދިއުން ގާތެވެ. ކޮންމެ އަހަރަކުވެސް ސިޔާސީ ވާހަކަތައް ދެކެވޭ މި ހަފްލާގައި މިފަހަރުވެސް އެކަން އޮންނާ ކަމަށް ބެލެވެ އެވެ.
ސްޓްޖޭޖް ހުށަހެޅުންތަކަށް ބަލާއިރު، މިފަހަރުގެ އޮސްކާގައި ވެސް ބެސްޓް އޮރިޖިނަލް ސޯންގުގެ ކެޓަގަރީން ނޮމިނޭޓުވި ފަސް ލަވަ އެ ލަވަތަށް ކީ އާޓިސްޓުން ލައިވްކޮށް ޕާފޯމްކުރާނެ އެވެ.