އިއްޔެ ރިލީޒްކުރި އަނުޝްކާ ޝަރްމާގެ ސުޕަ ނެޗުރަން ތްރިލާ ފިލްމު "ޕަރީ" އަށް ގިނަ ތައުރީފުތަކެއް އަންނަނީ ލިބެމުންނެވެ. އެ ފިލްމު ގިނަ ބަޔަކަށް މިހާތަނަށް ކަމުގޮސްފައިވީ ނަމަވެސް ޕާކިސްތާނުން މިހާރު ވަނީ އެ ފިލްމު އެ ގައުމުގައި ދެއްކުން މަނާކޮށްފަ އެވެ.
އެ ގައުމުގެ ސެންސަރު ބޯޑުން ޕަރީ ދެއްކުން މަނާކުރީ އެ ފިލްމުގައި އިސްލާމް ދީނާ ހިލާފު ކަންކަމާއި އިސްލާމް ދީނުގެ އުސޫލުތަކާ ފުށުއަރާފަދަ ވާހަކަތަކެއް ފިލްމުގައި ހިމެނާފައި ވުމުން ކަމަށް ބުނެފައިވެ އެވެ.
ޕާކިސްތާނުގެ ނޫހެއް ކަމަށްވާ "ދި އެކްސްޕްރެސް ޓްރައިބިއުން" ގައި ބުނެފައި ވަނީ ޕާކިސްތާނުގެ ސެންސަރު ބޯޑުން އެ ފިލްމު ދެއްކުން މަނާކުރީ ފަންޑިތަ ސިހުރު ހެދުމަށް ހިތްވަރު ލިބޭގޮތަށާއި އިސްލާމްދީނާ ހިލާފު ކަންކަން ކުރުމަށާއި އިސްލާމްދީނުގެ އުސޫލުތަކާ ފުށުއަރާ ގޮތަށް ފިލްމު ގެނެސްދީފައި ވާތީ ކަމަށެވެ.
"ގުރުއާނުގެ ބައެއް އާޔަތްތައް ނުބައި ގޮތުގައި މި ފިލްމުގައި ބޭނުން ކޮށްފައިވޭ." ފިލްމު ދެއްކުން މަނާކޮށް އެ ގައުމުގެ ސެންސަރު ބޯޑުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"މި ފިލްމުގައި ގުރުއާނުގެ އާޔަތްތައް ހިންދޫން ގެންގުޅޭ ފޮތުގެ ބައެއް ބަސްތަކާއި އެއްކޮށްގެން ބޭނުންކޮށްފައިވޭ. އަދި ފިލްމުގައި މުސްލިމުން ނުބައިމީސްކޮށް ދައްކާފައިވާއިރު، ގުރުއާނުގެ އާޔަތްތަށް ބޭނުންކޮށް ސިހުރު ހަދާ މަންޒަރުތައް ގެނެސްދީފައިވޭ." ޕާކިސްތާނުގެ ޖިއޯ ޓީވީއަށް މައުލޫމާތު ދިން ސެންސަރު ބޯޑުގައި މަސައްކަތްކުރާ މީހާކު ބުނެފައިވެ އެވެ.
މި ފިލްމު ރިލީޒްކުރިތާ އަދި އެންމެ ދުވަހެއްވީއިރު މިހާތަނަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ. އަނުޝްކާގެ ފިރިމީހާ ވިރާޓް ކޯލީގެ ތައުރީފު ވެސް ފިލްމަަށް ލިބިފައިވެ އެވެ. މިއީ އެ ދެ މީހުންގެ ކައިވެންޏަށްފަހު ނިކުތް އަނުޝްކާގެ ފުރަތަމަ ފިލްމެވެ.
ޕަރީ ޕާކިސްތާނުގައި ދެއްކުން މަނާކުރިއިރު މިފަހުން ރިލީޒްކުރި އަކްޝޭ ކުމާރްގެ "ޕެޑްމޭން" ވެސް ވަނީ އެ ގައުމުގައި ދެއްކުން މަނާކޮށްފަ އެވެ. އެ ފިލްމު ދެއްކުން މަނާކުރީ ފިލްމުގައި މުޖުތަމައުގައި އެހާ ހާމަކަން ބޮޑުގޮތެއްގައި ދެއްކުން އެކަށީގެން ނުވާފަދަ ވާހަކަތަކެއް ހުރިކަމަށް ބުނެ އެވެ.