ދުނިޔެ

ނުފޫޒުގަދަ މަޝްހޫރު މީހުން އިންޑިއާގެ ކޯޓުތަކުން ސަލާމަތްވަނީ

May 14, 2015
1

މިދިޔަ ހަފުތާ އަކީ އިންޑިއާގެ އަދުލު އިންސާފުގެ ދާއިރާއާ މެދު ޝައްކުތައް ބޮޑުވި ހަފުތާއެކެވެ. ނުފޫޒު ގަދަ މަޝްހޫރު ތިން މީހަކު ވަނީ ދަށު ކޯޓުން ކުށް ސާބިތުވެ ޖަލަށް ދާންޖެހިފައި ވަނިކޮށް އިސްތިއުނާފު މަރުހަލާއިން ސަލާމަތްވެ މިނިވަންކަމާ އެކު އުޅެން ފަށައިފަ އެވެ. ބޮލީވުޑްގެ ތަރިއަކާއި ކުރީގެ ބޮޑު ވިޔަފާރި ވެރިއަކާއި ސިޔާސީ ނުފޫޒު ހުރި ބޭފުޅަކު ވަނީ ސަލާމަތްވެފަ އެވެ.

ބޮލީވުޑްގެ ތަރި ސަލްމާން ޚާން ފަސް އަހަރަށް ޖަލަށް ލާން 13 އަހަރުގެ ކޯޓު މަރުހަލާ އަށް ފަހު ދަށު ކޯޓުން ހުކުމް ކުރީ ރާބޮއެ މަސްތުވެފައި އިނދެގެން ކާރު ދުއްވަނިކޮށް، މަގުމަތީ ނިދާފައި ތިބި ބައެއްގެ ގައިމައްޗަށް ކާރު އަރައި އެކަކު މަރުވި މައްސަލައިގަ އެވެ. އެންމެ ދެ ދުވަސް ތެރޭ އިސްތިއުނާފު މަރުހަލާ އިން ވަނީ ހުކުމް ތަންފީޒުކުރުން ފަސްކޮށްފަ އެެވެ. ހައި ކޯޓުން ގޮތެއް ނިންމަންދެން ސަލްމާނަކީ މިނިވަނެކެވެ.

ޓެމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަރަމް ޖަޔަލަލިތާގެ މައްސަަލަ ކޯޓަށް ދިޔަތާ 18 އަހަރު ފަހުން ހުކުމް ކުރީ މިލްކިއްޔާތު ސިއްރުކުރުމުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށް ލުމަށެވެ. އެކަމަކު ހަތް މަސް ފަހުން އިސްތިއުނާފު މަރުހަލާގައި އޭނާ ސަލާމަތްވީ ދަށު ކޯޓުން މިލްކިއްޔާތު ވަޒަންކުރުން އޮޅުވާލައި ބޮޑުކޮށްފައިވާ ކަމަށް ބުނެ އެވެ.

ސަތިޔަމް ކޮމްޕިއުޓާސްގެ ކުރީގެ ވެރިޔާ ބީ ރަމަލިންގަ ރާޖޫ މަކަރާއި ހީލަތުގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމަށް ހަ އަހަރު ހޭދަވި އެވެ. އެކަމަކު މިދިޔަ ހަފުތާގައި، އިސްތިއުނާފަށް ހުށަހެޅިތާ މަސް ދުވަސް ފަހުން އޭނާ ވަނީ ޖަލު ހުކުމުގެ ބޮޑު ބައެއް ޖަލުގައި ހޭދަކޮށްފައިވާ ކަމަށް ބުނެ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. ރާޖޫ ޖަލުގައި ހޭދަކޮށްފައި ވަނީ 35 މަސް ދުވަހު އެވެ.

ބޮޑެތި ކުށްތައް ސާބިތުވާ، ނުފޫޒު ހުރި އެތައް ބަޔަކު ކަފާލާތުގެ ދަށުން މިނިވަން ވަމުން ދާއިރު ކުދިކުދި ކުށްތަކުގައިި ފަގީރުންގެ އެތައް ހާސް ބަޔަކު ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހިފައިވެ އެވެ. --ބީބީސީ