ރާއްޖޭގެ މާހައުލުގެ ރައްކާތެރިކަމުގެ މައުލޫމާތު ބޭރު ދުނިޔެއަށް ފޯރުކޮށްދިނުން މިހާރު އޮތީ ވަރަށް ބޮޑު މަސައްކަތަކަށް ވެފައި ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްނިއުސްގެ ޕްރޮގްރާމެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އާސިމް ރޭ ވިދާޅުވީ މިހާރު ހާލަތު އޮތް ގޮތުން ޓޫރިޒަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު އަޅުގަނޑުމެންގެ ޓޫރިޒަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާނެ. މިއަދުވެސް ޓޫރިޒަމް މިނިސްޓަަރު ވިދާޅުވެއްޖެ ވަރަށް ބޮޑު އަސަރުތަކެއް ކުރަމުންދާ ވާހަކަ. އެހެންވީމާ އަޅުގަނޑުމެން މިސާލަކަށް ރާއްޖޭގެ މާހައުލު މިހާރު އޮތީ ރަށްކާތެރި ޕީސްފުލް ގޮތެއްގައި ކަން އެ މައުލޫމާތު އަޅުގަނޑުމެން ފޯރުކޮށްދިނުން އެއީ ވަރަށް ބޮޑު މަސައްކަތަކަށް ވެފައި މިއޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމަކީ އިގުތިސާދަށް ގެއްލުންވާނެ ކަމަކަށް ވާތީ އެއީ [ރާއްޖޭގެ ތަސައްވުރު ރަނގަޅު ކުރުމަކީ] ވަރަށް ސީރިއަސްކޮށް ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އެހެންވެ ރާއްޖެއާ ބެހޭ މައުލޫމާތު ވީހާވެސް ރަނގަޅަކަށް ދިނުމަށް ކަމާ ބެހޭ އެންމެހާ ދާއިރާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ވަރަށްް ގިނަ ގައުމުތަކުން މިހާރު ޓްރެވެލް އެޑްވައިޒަރީވެސް ނެރުއްވާފައި ހުރީ . އެހެން ނަމަވެސް އޭރު ނެރުއްވި އިރާ މިހާރާ ބަލާއިރު އަޅުގަނޑު ދަންނަވާނީ ތަންކޮޅެއް ސާފުކޮށް ބޭރު ދުނިޔެެއަށް މިހާރު މަންޒަރު ފެނިއްޖެ ކަންނޭނގެއޭ،" އޭނާ ވިދާޅުވިއެވެ.