ހަބަރު

ބްރިޖް ސްޕަސްޓަރްކްޗާއިން ގުޅާލުން ޖުލައި 9 ގައި ނިމޭނެ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖް، ޗައިނާ މޯލްޑިވްސް ފްރެންޝިޕް ބްރިޖްގެ ސުޕަ ސްޓްރަކްޗާ މާލެއިން ހުޅުލެއަށް އެއްކޮށް ކަނެޓްކޮށް އަންނަ ޖުލައި މަހުގެ ނުވަނަ ދުވަހަށް މުޅިން ނިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހަމަދުމުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިޖުގެ މަޝްރޫއު ގޮސްފައިވާ ހިސާބަށް އަލިއަޅުވާލަމުން މިނިސްޓަރު ވިދާޅުވީ ކޮންކްރީޓް ޑެކް އެޅުމަށްޓަކައި މާލޭކޮޅުން އަޅަމުން އަންނަ އައިބީމްތަކުގެ އެންމެ ފަހުބައި ހަދަމުން އަންނަ ކަމަށާއި އެގޮތުން މި ހަފްތާގެ ތެރޭގައި އެންމެ ފަހު އައިބީމް ބާއްވާ ނިމޭނެ ކަމަށެވެ. އަދި މާލެއިން ފެށިގެން އައިބީމްއާ ހަމަޔަށް އަޅަން ޖެހޭ ބްރިޖުގެ ޑެކު އަންނަ މޭ މަސް ނިމެންވާ އިރަށް އެއްކޮށް ނިމޭނެ ކަމަށާއި މުޅި ބްރިޖު ހުޅުލެއާ ހަމަޔަށް ގުޅާލުމުގެ މަސައްކަތް ޖުލައި 9 އެއްގައި ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ވެހިކަލެއް ދުއްވާފައި އެންމެ މައި ތަނބަކާ ހަމަޔަށް ދެވޭ ވަރަށް މޭ މަސް ނިމެންވާ އިރަށް ބްރިޖުގެ ސުޕަސްޓްރަކްޗާ އިންނާނީ ނިމިފައި، އަދި އެކީއެކަށް މާލެއިން ގޮއްސަ ހުޅުލެއަށް އެއްކޮށް ކަނެކްޓްކޮށް ނިމޭނެ ޖުލައި މަހު 9 ވަނަ ދުވަހު، ޕިޒިކަލީ ހިނގާފަ ވިޔަސް ދެވޭނެ ގޮތަށް އެއްކޮށް ގުޅާލާ ކޮންކްރީޓް މަސައްކަތް އޮންނާނީ ނިމިފައި،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖު އެއްކޮށް ގުޅާލެވުމުން ދެން އޮންނާނީ ތާރު އެޅުމާއި އޭގެ މަތީގައި ލައިޓުތައް ޖެހުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފިނިޝިން މަސައްކަތް ނިންމާލުމަށް ފަހު އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖު އަޅާ ނިމި އެ ބްރިޖް މަތިން މީހުން ދަތުރު ކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. -- ރިޔާސީ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖު އެޅުމުގެ އަމަލީ މަސައްކަތްތައް ފަށާފައި ވަނީ 2016 ވަނަ އަހަރުގަ އެވެ. ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ބްރިޖު އެޅުމުގެ މަސައްކަތް އަންނަ ޖުލައި 26 އަށް ނިންމާ ހުޅުވާނެ ކަމަށެވެ.

ޗައިނާގެ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން އިން އަޅާ އެ ބުރިޖުގެ ދިގު މިނުގައި 20.3 މީޓަރު ހުރެ އެވެ. އަދި މި ބުރިޖުން އުސްމިނުގައި 12 މީޓަރުގެ އުސް އުޅަނދު ފަހަރު ޖެހިލުމެއް ނެތި ދަތުރުކުރެވޭނެ އެވެ. މި ބްރިޖަށް ޖުމުލަ 200 މިލިއަން ޑޮލަރު ހަރަދު ކުރާއިރު އޭގެ ތެރެ އިން 100 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެވެ. އަދި ބާކީ ހުރި ބައި ހޭދަ ކުރާނީ ޗައިނާ އިން ދޭ ލުއި ލޯނުންނެވެ. އަދި މި ބްރިޖުން 15 މިނެޓް ތެރޭގައި 6،500 އަށްވުރެ ގިނަ މީހުންނަށް މާލެ އިން ހުޅުމާލެ އަށް ދަތުރުކޮށްލެވޭނެ އެވެ.