ހަބަރު

"އިންތިހާބާ ހަމަޔަށް ސަރުކާރެއް ނުހިފެހެއްޓޭނެ"

ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ހަމަޔަށް ދާއިރު ރައީސް އަބްދުﷲ ޔާމީންއަށް ވެރިކަން ހިފަހައްޓައިގެން ނުހުރެވޭނެ ކަމަށާއި އިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަ އިހުތިޖާޖު ހުއްޓާ ނުލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ އިދިކޮޅު ޕާޓިތަކުން ބޭނުންވާ ކެނޑިޑޭޓުންނަށް ވާދަ ކުރެވި އިންސާފުވެރި މިނިވަން ރިޔާސީ އިންތިހާބެއް ހޯދާނެ ކަމަށާއި އެ ދުވަސް ގާތްވަމުންދާ ވަރަކަށް އެކަމުގެ އުންމީދުތައް ބޮޑުވަމުންދާ ކަމަށެވެ. އެކަން ހަގީގަތަކަށް ވާނެ ކަމަށް ގަބޫލު ކުރެވެނީ ރައީސް ޔާމީންގެ އަރިހުގައި ތިބި ބޭފުޅުންގެ އަދަދު ދުވަހުން ދުވަހަށް މަދުވުން ކަމަށާއި އެގޮތުން ފެބްރުއަރީ މަސް ނިމުން އިރު އެމަނިކުފާނު ވަރަށް ބޮަޑަށް ބަލިކަށިވެފައިވާ ކަމަށެވެ.

"ޕެޕާސްޕްރޭތައް ލޮލަށް ޖެހޭތީ މިހެން ބުނީމަ ގަބޫލު ކުރަން ދަތިވެދާނެ، އެކަމަކު އެއީ ހަމަ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ނިމިގެންދާނެ ކަމެއް، ޕެޕާސްޕްރޭތައް އަޅުގަނޑުމެންނާ ދިމާލަށް ނާންނަ ގޮތަށް ވުމަކީ ހަމަ ވާނެ ކަމެއް، އެއީ މާ ދިގު މުއްދަތެއް ނަގާނެ ކަމެއް ނޫން، ހަމަ އެއް ދުވަހެއްގެ އެއް ރެއެއްގެ ކުޑަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިނގާނެ ކަމެއް،" ހަސަން ވިދާޅުވި އެވެ.

ނޯތު ކޮރެއާގެ ބޯޓަކަށް ރާއްޖެއިން މުދާ ދޫކުރި މައްސަލައަށް އިޝާރަތް ކުރައްވާ ހަސަން ވިދާޅުވީ އެކަން މިދުވަސްކޮޅު ހިނގަމަކީ ވެސް އިއްތިފާގެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ޕްރޮސަސްގެ ތެރެއިން ހިނގަމުން އަންނަ ކަންކަން ކަމަށެވެ. އަދި މުޅި ދުނިޔެ އޮތީ ރައީސް ޔާމީންއާ ދެކޮޅަށް ކަމަށާއި އެހެންކަމުން ރައީސް ޔާމީންއަށް މިގޮތަށް ސަރުކާރު ނުހިފެހެއްޓޭނެ ކަމަށާއި އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"ސެޕްޓެމްބަރު ހިސާބުގައި އޮންނަ އިންތިހާބަކަށް ދާއިރު މި ސަރުކާރެއް މިހެން ނުހިފެހެއްޓޭނެ، ސިފައިންގެ ތެރޭގައި ވެސް އެކަން އެނގޭ ބޭފުޅުން ތިއްބަވާނެ ފުލުހުންނަށް ވެސް އެނގޭނެ އެ ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ގާނޫނާ ހިލާފަށް ހިފަހައްޓަން ތިބޭ މީހުންގެ އަދަދު އިންތިހާއަށް މަދުކަން،" ހަސަން ވިދާޅުވި އެވެ.

ހަސަން އިތުރަށް ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ތިބީ 1 ފެބްރުއަަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަންދެއް ހަރަކާތްތައް ނުހުއްޓާ ކުރިޔަށް ގެންދަން ކަމަށާއި އެކަން ތަންފީޒުކޮށް ނިމެންދެއް އެ ހަރަކާތްތައް ހިނގާނެ ކަމަށެވެ.