ވެލެންސިއާ އިން 3-2 ން މެޗުން މޮޅުވާން ދަނިކޮށް، މެޗުގެ ފަހު ވަގުތު ލުއިޒް އެޑްއާޑޯ ޕުރުސީނޯ ހެދި ހެޓްރިކާއެކު ކުލަބު އީގަލްސް ވެލެންސިއާ އަތް ދަށު ނެވެ ސަލާމަތް ވެއްޖެ އެވެ.
މެޗުގައި އީގަލްސްއިން ކޮންމެ ފަހަރަކުވެސް ނަތީޖާ ހަމަހަމަ ކުރީ ވެލެންސިއާ ލަނޑު ޖަހާފައި ވަނިކޮށް ކާމިޔާބު ކުރި ލަނޑު ތަކުންނެވެ. ވެލެންސިއާ ވަނީ މެޗުގެ ކުރީ ކޮޅު ލީޑް ނަގާފަ އެވެ.
އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ޔޫކްރޭންގެ ސާޖިލް ޑްރިގާ އެވެ. އޭނާ ލަނޑު ޖެހީ ހްރީޝަން ވެލަރީ ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ. ހްރީޝަން، އެ ބޯޅަ ސާޖިލް އަށް ދިނީ އީގަލްސްގެ ދެ ޑިފެންޑަރުން ކައިރިން ދެމިގެން ގޮހޮވެ. ސާޖިލް ގޯލްތެރެއަށް ބޯޅަ ފޮނުވާލީ އީގަލްސްގެ ކެޕްޓަން އަދި ގޯލްކީޕަރު ސޫޖަން ޕެރޭރާ ހުރި ފަޅި އަށެވެ.
އެ ލަނޑުގެ ކުރިން އެޑްއާޑޯއަށް ވެސް ވަނީ އީގަލްސް އަށް ލީޑް ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ގޯލްގެ އަރިމައްޗަށް ވާގޮތަށް ހުރެފައި އެޑްއާޑޯ ފޮނުވާލި ބޯޅަ ހޯދީ ވެލެންސިއާގެ ކީޕަރު ޖޫން ކޯޗީ އެވެ. ވެލެންސިއާ އިން ލީޑް ނެގީ ޖޫން ކުރިއަށް ފޯރު ކޮށްދިން ބޯޅައިން ފުރުސަތު ތަނަވަސް ކޮށެވެ.
ވެލެންސިއާ އިން ލީޑް ގައި އޮތް ނަމަވެސް، އީގަލްސްއިން ދިޔައީ ވަރަށް ރަނގަޅަށް ކުޅެމުންނެވެ. ޓީމުގެ މެދު ތެރެއިން ޕާސީން ގޭމެއް އީގަލްސްއިން ކުޅެމުން ދިޔަ އެވެ. އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 43 ވަނަ މިނެޓްގައެވެ. ވެލެންސިއާގެ ހާފުގެ މެދެއްހާ ހިސާބުން ޒާދު ދިން ބޯޅަ ލިބުނީ ވެލެންސިއާގެ އޭރިއާ ދިމާލުން އެރި އެޑްއާޑޯ އަށެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ވަނީ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. އޭނާ އަށް ލިބުނު ބޯޅަ ހުއްޓުވަން ވެލެންސިއާގެ ޑިފެންޑަރު އަލީ އިމްރާން މަސައްކަތް ކުރި ނަމަވެސް އޭނާ އަށް އެ ފުރުސަތު ލިބިގެން ނުދިޔަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާއިން އަލުން ލީޑް ނެގި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ލަނޑު ކާމިޔާބު ކުރީ ކުރިން އީގަލްސް އަށް ކުޅުނު މަހްރޫސް މުޖުތޮބާ އެވެ. އެ ލަނޑު އޭނާ ޖެހީ އަންސަރު އިބްރާހިމް ތަނަވަސް ކޮށްދިން ފުރުސަތުގައެވެ. އަންސަރު ދިން ބޯޅަ އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން މަހްރޫސް އަށް ދިނުމުން އެ ބޯޅަ ހުއްޓުވަން ކީޕަރު ސޫޖަން ނިކުތެވެ. މަހްރޫސް އެ ބޯޅަ އީގަލްސްގެ ގޯލް ތެރެއަށް ފޮނުވާލީ ސޫޖަންގެ ބޯ މަތިން ގޯލްތެރެއަށް އޮހިގެންދާ ގޮތަށެވެ.
އެޑްއާޑޯ އީގަލްސްއިން ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ވެލެންސިއާގެ ޑިފެންސަށް ހެދުނު މިސްޓަކަކުންނެވެ. މެޗުގެ 60 ވަނަ މިނެޓްގައި އެޑްއާޑޯ އަށް ބޯޅަ ލިބުނު އިރު ވެލެންސިއާގެ ޑިފެންޑަރުންގެ ހަރާކަތް ފެނުނީ ލަސް ކޮށެވެ. އޭރިއާ ރޮނގުމަތިން އެޑްއާޑޯ އަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ގޯލްތެރެއަށް ބޯޅަ ފޮނުވާލީ ބޯޅަ ދިފާއު ކުރަން އެރި ވެލެންސިއާގެ ކީޕަރު ޖޫންގެ ގައި މަތިން ދާ ގޮތަށެވެ.
އޭގެ ހަތް މިނެޓް ފަހުން، ވެލެންސިއާ އަށް ލީޑް ނަގައިދިނީ ކުރިން އީގަލްސްގެ ވައިސް ކެޕްޓަންކަން ވެސް ކުރި އަންސަރު އެވެ. ސާޖިލް ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އަންސަރު އެ ބޯޅަ އީގަލްސްގެ ގޯލް ތެރެއަށް ފޮނުވާލީ ޑިފެންޑަރު ހައިޝަމް ހަސަން އާއި ކީޕަރު ސޫޖަންގެ ކައިރިންވެސް ނައްޓާލުމަށް ފަހު އެވެ. އޭނާގެ ކުރީގެ ކުލަބު ކޮޅަށް ލަނޑު ޖެހުމަށް ފަހު އަންސަރު ސެލަބަރޭޓް ނުކުރާކަން ފާހަގަ ކޮށްލެވެ އެވެ.
އެޑްއާޑޯ ހެޓްރިކް ހެދީ 87 ވަނަ މިނެޓްގައެވެ. އޭރިއާގެ ރޮނގުމަތިން އޭރިއާގެ ކަނާ ދިމާލުގައި ހުރެފައި ގޯލް ތެރެއަށް އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު ޖޫން ކޯޗީ ބޯޅަ ދިފާއު ކުރާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. މެޗަށް ފަހު ވާހާކަ ދައްކަމުން ސޮބާ ބުނީ ތިން ޕޮއިންޓް ނުލިބުނީ ކީޕަރަށް އެހާ ރަނގަޅަށް އީގަލްސްގެ ހަމަލާއަށް ސަމާލު ނުވެވުމުން ކަމަށެވެ.
އޭނާ އިތުރަށް ބުނީ ވެލެންސިއާ ޓީމަށް ކުރި އެރުން އައިސްފި ކަމަށާއި ކުރިއަށް އޮތް ތަނުގައި މަސައްކަތް މިއަށްވުރެ ރަނގަޅު ވެގެން ދާނެ ކަމަށެވެ.