ޓެކްނޯލޮޖީ

އިންސްޓަގުރާމް، ސްކައިޕަށް ވާން އުޅެނީތަ؟

އިންސްޓަގުރާމުން ސްނެޕްޗެޓުގެ ފީޗާތައް ކޮޕީ ކުރަމުންދާ ކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ. އެކަމާ ގުޅިގެން އިންސްޓަގުރާމަށް ބޮޑު ފާޑުކިޔުމެެއް ވެސް އަމާޒުވި އެވެ.

އަނެއްކާވެސް އިންސްޓަގުރާމަށް ފާޑުކިޔުންތަކެއް އަމާޒުވާން އުޅޭ ކަހަލަ އިޝާރަތްތަކެއް އަންނަނީ ލިބެމުންނެވެ. ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ "ޓެކް ކްރަންޗް" އިން ރިޕޯޓްކުރި ގޮތުގައި އިންސްޓަގުރާމުން މިހާރު އުޅެނީ އެ އެޕްލިކޭޝަން ބޭނުން ކޮށްގެން އޯޑިއޯ އަދި ވީޑިއޯ ކޯލް ކުރެވޭ ގޮތް ހަދާށެވެ.

މި ފީޗާ އިންސްޓަގުރާމުން ގެނެސްފިނަމަ، އިންސްޓަގުރާމް ބޭނުންކުރާ މީހުނަށް އެމީހުން ފޮލޯކުރާ މީހުނަށް ގުޅޭނެ އެވެ. ފަހަރުގައި އިންސްޓަގުރާމުން މި ފީޗާ ބޭނުން ކުރެވޭ ގޮތް ހަދާނީ ބޭނުންކުރާ މީހުން ބޭނުންވާ ފަރާތްތަކަށް ގުޅޭ ގޮތަށެވެ.

އިންސްޓަގުރާމުން މިފަހުން ވީޑިއޯ މެދުވެރިކޮށް އެހެން މީހުންގެ ސްޓޯރީގައި ފެންނަ ގޮތަށް ހަދާފައިވާތީ، މި ފީޗާ ގެނައުން އެކަށީގެންވާ ކަމަށް ޓެކްނޮލޮޖީ ރިޕޯޓުތައް ބުނެ އެވެ.

ފެތުރިފައިވާ މި ހަބަރާއި ގުޅޭ ގޮތުން އިންސްޓަގުރާމުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.