އިންޑިއާގެ ފުރަތަމަ އަންހެން ސުޕާސްޓާ ބަތަލާ ސްރިދޭވީގެ މަރާއި ގުޅިގެން ތަފާތު ވާހަކަތައް ވަނީ ފެތުރިފަ އެވެ. ސްރިދޭވީ މަރުވީ އޭނާގެ ފިރިމީހާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއްގެ ކައިވެންޏަށް ދުބާއީއަށް ގޮސް ހުއްޓަ އެވެ. އެންމެ ފުރަތަމަ ސްރީދޭވީ މަރުވި ދުވަހު ހަބަރު ފެތުރުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް ފަހުން ޝޯޝަލް މީޑިއާގައި ދައުރުވި ދުބައީގެ ފުލުހުންގެ ފޮރެންސިކް ރިޕޯޓެެއްގައި ބުނެފައި ވަނީ ސްރީދޭވީ މަރުވީ އޭނާ ހުރި ހޮޓަލުގެ ފާހާނާގެ ބިލިގާ ތެރެއަށް ވެއްޓި ގެނބިގެން ކަމަށެވެ.
ބިލިގާ ތެރެއަށް ވެއްޓުނުއިރު ސްރީދޭވީ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް ދުބާއީ ފުލުހުންގެ އެއްވެސް ރިޕޯޓެއްގައި ސްރީދޭވީ ގެނބުނުއިރު މަސްތުގެ ހާލަތުގައި ހުރިކަމަށް ބުނެފައެއް ނުވެ އެވެ. ސްރީދޭވީގެ މަރުގެ މައްސަލަ ބެލުމަށްފަހު އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމެއް ނެތްކަމަށް ދުބާއީގެ ފުލުހުން ނިންމާ، އާއިލާ އާއި ހަށިގަނޑު ހަވާލު ކޮށްފައިވެ އެވެ.
ސްރީދޭވީގެ މަރާއި ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުން ދިޔައިރު އޭނާގެ އާއިލާ އިން އެއިން އެއްވެސް ވާހަކައަށް ރައްދު ދީފައެއް ނުވެ އެވެ.
ނަމަވެސް ސްރީދޭވީގެ ޖަނާޒާ ބޭއްވި ދުވަހު އާއިލާ އިން ނެރުނު ބާޔާނެއްގައި ބުނެފައި ވަނީ މީޑިއާތަކުން ސްރީދޭވީގެ ހަބަރުތައް ގެނެސްދޭއިރު އޭނާގެ ޝަހުސިއްޔަތަށް އުނިކަން ނާންނަގޮތަށް ހަބަރުތައް ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ސްރީދޭވީގެ މަރާ ގުޅިގެން ތަފާތު ބަހުސްތައް ކުރެވެމުންދަނިކޮށް، އޭނާގެ ފިރިމީހާ ބޯނީ ކަޕޫރު މިހާރު ވަނީ ސްރީދޭވީ މަރުވީ ކިހިނެތް ކަން ހިއްސާކޮށްފަ އެވެ. ސްރީދޭވީ މަރުވީ ހޮޓަލުގެ ބިލިގާ ތެރެއަށް ގެނބިގެން ކަމަށް ބޯނީ ވަނީ ބުނެފަ އެވެ. ސްރީދޭވީގެ މަރުގެ ހަގީގަތް ބޯނީ ހިއްސާކުރި އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަދި މަޝްހޫރު ފިލްމު ކްރިޓިކް ކޮމާލް ނާތް އާ އެވެ.
ކޮމާލް ވަނީ އޭނާގެ ބްލޮގްގައި ބޯނީ ކިޔާދިން ހުރިހާ ވާހަކަތަކެއް ތަފްސީލުކޮށް ލިޔެފަ އެވެ. ބޯނީ ބުނީ މިފަހަރު ދަތުރަށް ތައްޔާރުނުވެ ދުބާއީއަށް ހަމައެކަނި ސްރީދޭވީ ދެކިލުމަށް ކުރި ދަތުރާއި، 1994 ވަނަ އަހަރުވެސް ދަތުރަށް ތައްޔާރުވުމެއްނެތި ބެންގަލޫރަށްދިޔަ ދަތުރާ ގުޅުމެއްވާ ކަމަށެވެ. ބޯނީ އާއި ސްރީދޭވީ ދިމާވެ އެ ދެމީހުންގެ ލޯބި ފެށުނީ ބެންގަލޫރަށް ބޯނީ ކުރި ދަތުރާ ހިސާބުންނެވެ.
ބޯނީ ބުނީ ބޮޑުބޭބެގެ ދަރިފުޅުގެ ކައިވެންޏަށް އެންމެ ފުރަތަމަ ދެމަފިރިން ދުބާއީއަށް ދިޔައީ އެއްކޮށް ކަމަށެވެ. ނަމަވެސް ކައިވެނި ނިންމުމަށްފަހު ސްރީދޭވީ ނިންމީ އޭނާގެ ހަގު ދަރިފުޅު ޖާންވީއާއެކު ބާޒާރު ކުރުމަށް ކުޑަދުވަސްކޮޅަކަށް ދުބާއީގައި މަޑުކުރަން ކަމަށެވެ. ކައިވެންޏަށްފަހު ބޯނީ އެނބުރި އިންޑިއާއަށް ދިޔައީ ލަކުނޯންގައި އޮތް ހާއްސަ އިވެންޓަކަށެވެ.
އޭގެފަހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ސްރީދޭވީ ގުޅާފައި ބޯނީ މަތިން ހަނދާންވާތީ އުޅޭ ކަމަށް ބުންޏެވެ. ބޯނީ ނިންމީ އަންހެނުންނަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން އެ ދުވަހުގެ ހަވީރު ދުބާއީއަށް ދާށެވެ. އެ ސަޕްރައިޒް ރޭވުމަށް ހަގު ދަރިފުޅު ޖާންވީގެ އެހީވެސް ހޯދި އެވެ.
ބޯނީއަށް ދުބާއީއަަށް އެ ދުވަހު ދެވުނީ އިރުއޮއްސުނުތަނާ އެވެ. ސްރީދޭވީއަށް ސަޕްރައިޒެއް ދިނުމަށްފަހު ނިންމީ ރޭގަނޑު ކެއުމަށް ބޭރަށް ދިއުމަށެވެ. ބޭރަށް ކާން ދާން ތައްޔާރުވުމަށް ޝްރިދޭވީ ފެންވަރަން ދިޔަ ކަމަށާއި އެ ވަގުތު ބޯނީ ދިޔައީ ލިވިންގް ރޫމަށް ޓީވީ ބަލަން ކަމަށް އޭނާ ބުންޏެވެ. އެ ދެމަފިރިން ތިބި ހޮޓެލް ރޫމްއަކީ ބޮޑު ތަނަކަށްވެފައި ނިދާތަނާއި ލިވިންގް ރޫމް އަދި ފާހާނާ ހުންނަނީ ދުރުގައި ވަކިންނެވެ.
ފާހާނާއަށް ފެންވަރަން ސްރީދޭވީ ވަތން ފަހުން ގިނައިރުވެ، އޭނާ ނުނިކުތުމުން ވީގޮތެއް ބަލަންދިޔަ އިރު ފާހާނާ ދޮރު ހުރީ ތަޅުލާފައި ކަމަށް ބޯނީ ބުންޏެވެ. ދޮރުގައި ތަޅަތަޅާއި ނުހުޅުވުމުން އެންމެފަހު ދޮރު ތަޅު ހަލާކުކޮށްލައި އެތެރެއަށް ވަތންއިރު ސްރީދޭވީ އޮތީ ބިލިގާގެ ތެރޭ ފެންތަކުގެ އަޑީގައި ކަމަށް އޭނާ ބުންޏެވެ. ބިލިގާ ފުރެންދެން ފެން ހުރިކަމަށާއި، ފެންގަނޑު ތެރެއިން އޭނާ ނެގިއިރު އޮތީ ހޭނެތިފައި ކަމަށެވެ.
ބޯނީ ބުނީ ސްރީދޭވީ ހޭނެތުނީކަމެއް، ނޫނީ އޭނާ ބިލިގާ ތެރޭގައި އޮއްވާ ނިދުނީކަމެއް ބުނަން ނޭނގޭ ކަމަށެވެ. އެއީ އޭނާ ވެއްޓިގެންވީ ކަމެއް ނަމަ ގެނބޭތީ ސަލާމަތްވާން މަސައްކަތްކުރާނެ ނޫން ހެއްޔޭ އޭނާ ކޮމާލް ކައިރި އަހާފައިވެ އެވެ. ގެނބޭތީ ސަލާމަތްވާން މަސަައްކަތްކުރިނަމަ ބިލިގާގެ ބޭރަށްވެސް ފެންދާނެ ކަމަށާއި ނަމަވެސް ބިލިގާގެ ބޭރުގައި އެއްވަރަކަށް ވެސް ފެން ނެތްކަމަށް ބޯނޭ ބުނެފައިވެ އެވެ.
ސްރީދޭވީގެ ބިލިގާތެރެއަށް ގެނބެން މެދުވެރިވީ ކިހިނެތް ކަމެއް ބޯނީއަށްވެސް ކަށަވަރުނުވެ އެވެ.