ލީވަޕޫލްގެ ކޯޗް ޔާގަން ކްލޮޕްގެ ކޯޗުކަމުގައި، ޖެހި 200 ވަނަ ލަނޑާއެކު، ނިއުކާސަލް ޔުނައިޓަޑް ބަލިކޮށް، ލިވަޕޫލުން ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލިވަޕޫލަށް 2005 ވަނަ އަހަރު ޗެމްޕިއަންސް ލީގް ހޯދައިދިން އެ ޓީމުގެ ކޫރީގެ ކޯޗް ރަފޭލް ބެނިޓޭޒްގެ ނިއުކާސަލްގެ މައްޗަށް ލިވަޕޫލް ކުރި ހޯދީ 2-0 ންނެވެ. މެޗުގައި ލިވަޕޫލްގެ ލަނޑުތައް ކާމިޔާބު ކުރީ މުހައްމަދު ސޮލާހް އާއި ސެޑިއޯ މާނޭ އެވެ.
މެޗުގެ 40 ވަނަ މިނެޓްގައި ލިވަޕޫލް ގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މިސްރުގެ ފޯވަޑް ސަލާހް އެވެ. އެ ލަނޑު އޭނާ ޖެހީ އެލެކްސް އޮކްސްލޭޑް ޗޭމްބަލިން ތަނަވަސް ކޮށްދިން ފުރުސަތެއް ގައެވެ.
ކްލޮޕް ބުނީ ސަލާހް ޖެހި ލަނޑާއި އެ ލަނޑު ޖަހަން ޗެމްބަލިން ދިން ޕާހަށްވެސް އޭނާ ވަރަށް ޝައުގުވެރިވާ ކަމަށެވެ. ލިވަޕޫލްގެ ދެ ވަނަ ލަނޑު މަނޭ ކާމިޔާބު ކުރީ ރޮބާޓޯ ފިރުމީނޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ލިވަޕޫލް ދެ ވަނައިގައި އޮތީ، 60 ޕޮއިންޓާއެކު އެވެ. އެއީ އެއް ވަނަ އިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ 15 ޕޮއިންޓް ދަށް އަދަދެކެވެ. ސިޓީ އަށް 75 ޕޮއިންޓެވެ. މިއަދު އެ ޓީމު ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާ ދެކޮޅަށެވެ.
ލިވަޕޫލަށް ދެ ވަނަ މަގާމުގައި އަދި ހަމަޖެހިލެވުނީކީ ނޫނެވެ. ކުރިން ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑް މާދަމާ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެއްޖެނަމަ އަލުން ޔުނައިޓަޑަށް ތާވަލުގެ ދެ ވަނަ ލިބޭނެ އެވެ.