ހޮލީވުޑް

"ވުމަން ކިންގަ"ށް ވަޔޯލާ އާއި ލުޕިތާ

ޓްރިސްޓާ ޕިކްޗާސް އިން ގެނެސް ދިނުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ވުމަން ކިންގް" ގެ ލީޑް ކާސްޓަށް ވަޔޯލާ ޑާވިސް އަދި ލުޕިތާ ނިޔޯންގް ނަގައިފި އެވެ.

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ އެ ފިލްމުގެ ވާހަކަ ބިނާ ވެފައިވަނީ އޮންނާނީ 18 ވަނަ ގަރުނާއި 19 ވަނަ ގަރުނުގެ ދަހޯމޭ ރަސްކަމުގައި -- އެފްރިކާގެ ކުރީގެ ރަސްކަމުގެ ތަހުތެއް -- ހިނގައިދިޔަ ކަންތައްތަކެއްގެ މައްޗަށެވެ. އެ ފިލްމުގެ ސްކްރިޕްޓު ތައްޔާރު ކުރަނީ މާރިއޯ ބެއްލޯ އެވެ.

ފިލްމުގައި ވަޔޯލާ ކުޅޭނީ އެމީހުންގެ ކޮއިލުގެ ދިފާއީ ބާރުގެ ގެނަރަލް (ނަނިސްކާ) ގެ ރޯލެވެ. ފިލްމުގައި ވަޔޯލާގެ ދަރިފުޅު (ނާވީ) ގެ ރޯލުން ފެނިގެންދާނީ ލުޕިތާ އެވެ. ފިލްމުގައި އެ ދެމައިން ފެނިގެންދާނީ އެމީހުންގެ ކޮއިލުގެ މީހުންނަށް އަނިޔާކޮށް، އަޅުވެތިކޮށްގެން ގެންގުޅު ދުޝަމަނު ކޮއިލުތަކުގެ މީހުނާއި ދެކޮޅަށް ހަނގުރާމަ ކުރާ ތަނެވެ.

ފިލްމު ޕްރޮޑިއުސް ކުރާނީ ވެލީ އެންޓަޓެއިންމަންޓުގެ ކެތީ ސުކޫލްމަން އާއި ވަޔޯލާ އަދި ޖޫލިއަސް ޓެނޮންގެ ޖުވީ ޕްރޮޑަކްޝަންގެ އިތުރުން ޖެކް ބުލޫ ޕްރޮޑަކްޝަން އިންނެވެ.

"ބެލްކް ޕެންޗާ އިން އަހަރެމެންނަށް ފެނިގެންދިޔައީ ބާރުވެރި ހިޔާލީ ދުނިޔެއެއްގައި ޖިންސީ ތަފާތު ކުރުމާއި ނަސްލީ ތަފާތު ކުރުންތައް ނައްތާލެވިގެން ދާނެ ގޮތްތައް. އެކަމަކު މި ފިލްމުގައި ފެނިގެންދާނެ ހަގީގީ ދުނިޔެއްގައި މިފަދަ ތަފާތު ކުރުންތައް ނައްތާލުމަށް ކޮށްފައިވާ ކަންކަން. މި ފިލްމުގައި ފެނިގެންދާނީ އެފްރިކާގެ އަންހެނުންގެ ބާރުގަދަ ފައުޖަކުން އަޅުވެތި ކުރުމާއި އަނިޔާވެރި ކަމާއި ދުޝްމަނުންގެ ކިބައިން ސަލާމަތްތެރިކަން ހޯދުމަށް ކުރާ މަސައްކަތް." ޕްރޮޑިއުސާ ސްކޫލްމަން ޑެޑްލައިން އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.