ކުޅިވަރު

ނަޕޯލީ ބަލިވީގޮތް ސާރީއަށް ސާފެއް ނުވި

ރޯމާ އަތުން ބަލިވެ، ތާވަލުގެ އެއް ވަނައިގައި ފަރަގު ބޮޑު ކުރަން ލިބުނު ފުރުސަތު ގެއްލުނު ގޮތް މުޅިން ސާފު ނުވާ ކަމަށް ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރޯމާ އަތުން ބަލިވީ، 4-2 ންނެވެ. ތާވަލުގެ އެއް ވަނައިގައި އަދިވެސް އޮތީ ނަޕޯލީ އެވެ. ނަމަވެސް އެ ޓީމު އަތުގައި އޮތީ އެންމެ ޕޮއިންޓެއްގެ ލީޑެވެ.

ހަމަ އެޔާއެކު ތާވަލުގެ ދެ ވަނައިގައި އޮތް ޔުވެންޓަސް އަތުގައި ބާކީ އެއް މެޗު އެބައޮތެވެ. ޔުވެންޓަސް އެ މެޗުން މޮޅު ވެއްޖެނަމަ ނަޕޯލީ އަށް އެއް ވަނަ މަގާމު ގެއްލޭނެ އެވެ. ޔުވެންޓަސް ވަނީ ލާޒިއޯ އާ ދެކޮޅަށް ކުޅުނު މެޗު 1-0 ން ކާމިޔާބު ކޮށްފަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ނަޕޯލީންނެވެ. މެޗު ފެށިގެން ހަ ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ލޮރެންޒޯ އިންސީނިއާ އެވެ. ޖެހިގެން އައި މިނެޓްގައި ރޯމާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. ރޯމާގެ ލަނޑު ކާމިޔާބު ކުރީ ޖެންޒީ އުންޑާ އެވެ.

ރޯމާގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އެޑެން ޒެކޯ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ޑިއޭގޯ ޕެރޯޓީ އެވެ. ނަޕޯލީގެ ދެ ވަނަ ލަނޑު މެޗުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރީ ޑްރައިސް މާޓަންސް އެވެ.

"އަހަރެން ޖެހޭނީ އަލުން މެޗު ބަލަން، ސަބަބަކީ ދަނޑުގެ ލައިންގެ ތެރެއިން އަހަންނަށް ފެނުނީ މުޅިން ޕޮޒެޓިވް ކަންކަން، 26 ހަމަލާ އަހަރެމެން އުފެއްދިން، 13 ބޯޅަ ގޯލައަށް އަމާޒުވާ ގޮތަށް ފޮނުވާލިން،" މެޗަށް ފަހު ވާހަކަ ދައްކަމުން ސާރީ ބުންޏެވެ.

"މެޗުގައި ޕެނަލްޓީ އޭރިއާ ތެރެއިން އެންމެ 18 ބޯޅައިގައި ޓަޗް ކޮށްލި ރޯމާއިން މެޗުގައި އެހާ ފަސޭހައިން ހަތަރު ގޯލް ޖެހުނީ ކިހިނެއްތޯ އަހަރެންމެން ޖެހޭނެ ބަލަން، އެއީ އަހަރެމެން ބަލަން ޖެހޭނެ ކަމެއް."

ސާރީ ބުނީ އިޓަލީގައި ނަޕޯލީ އަކީ ފުޓްބޯޅައިގެ ގަދަ ބާރެއް ނޫންކަން އެ ޓީމުގެ ސަޕޯޓަރުންނަށް އެނގޭނެ ކަަމަށެވެ، ނަމަވެސް މެޗުގެ އެންމެ ފަހު ކަށިގަނޑާ ހަމަޔަށްވެސް ނަޕޯލީން މަސައްކަތް ކުރާނެ ކަން ސަޕޯޓަރުންނަށް އެނގޭނެ ކަމަށް ސާރީ ބުންޏެވެ.