ހަބަރު

ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު "އޮޅިއްޖެ"!؟

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަށްފަހު އިދިކޮޅު ޕާޓީތަކުން ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުން އަންނަ އިރު ކޮންމެ ރެއަކު ވެސް ބަޔަކު ހައްޔަރު ކުރެ އެވެ. އެއަށް ފަހު އެއް ބަޔަކުން އެ ރެއިން އެރެއަށް ދޫކޮށްލާއިރު އަނެއް ބަޔަކު ދޫކޮށްލަނީ 24 ގަޑިއިރަށް ފަހުގަ އެވެ. އޭގެ ތެރެއިން ބަޔަކު މިއަދާ ހަމަޔަށް އައިއިރު ވެސް ދޫކޮށް ނުލައި ވެއެވެ.

ހުއްޓުމެއް ނެތި މުޒާހަރާތައް ކުރަމުންދާތާ 31 ދުވަސްވެފައިވާ އިރު ހައްޔަރު ކުރި މީހުންގެ އަދަދުތައް ވަނީ ގުނަން އުނދަގޫވެފަ އެވެ. އެފަދަ ވާހަކައެއް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް ދާދި ފަހުން ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ ޖަލަށް މީހުންލުން އަވަސް ކަމުން ޖަލަށްލާ މީހުންގެ އަދަދު ބަލަން ވެސް ދަތި ކަމަށެވެ.

އެ ވާހަކަތައް ސޯޝަލް މީޑިއާގައި އަޑުގަދަވެފައި ވަނިކޮށް ރޭ މެންދަމުގެ ވަގުތެއްގައި ފުލުހުން ވަނީ ކޮންމެވެސް ވަރެއްގެ ހިސާބުތަކެއް އާންމުންނާ ހަމަޔަށް ތިލަކޮށްދީފަ އެވެ. ފުލުހުން އާންމު ކުރީ ދެ ތުހުމަތެއްގައި ހައްޔަރު ކުރި މީހުންގެ އަދަދެވެ. އެގޮތުން އިދިކޮޅު ހަރަކާތްތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސް އެޅި ކަމުގެ މައްސަލާގައި 48 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް 47 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ ހައްޔަރުގައި ހުރީ އެ ތުހުމަތުތައް ލިބޭ އެކަކެވެ.

ނަމަވެސް ފުލުހުންގެ އެ އަދަދުތަކާމެދު މީހުން ބަހުސު ކުރެއެވެ. އެންމެ މީހަކު ހައްޔަރުކޮށްފައި ހުރި ކަމަށް ބުނި ނަމަވެސް އިދިކޮޅު ޕާޓީތަކުގެ ހިސާބުތަކުން ދައްކާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި 110 މީހުންގެ ތެރެއިން 31 މީހަކު އަދިވެސް ތިބީ ހައްޔަރުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން އެމްޑީޕީގެ ލީގަލް ޓީމްގެ ވަކީލެއް ކަމަށްވާ މަހަފޫޒް ސައީދު ވިދާޅުވި ގޮތުގައި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަ މެންބަރުންނާއި އާންމު ތިން މެންބަރުން އަދިވެސް ދޫނުކޮށްލަ އެވެ.

"ފުލުހުން އެ ދައްކަނީ ބޮޑަށް މުޒާހަރާތަކާ ގުޅިގެން އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އެކަކު ހުރި ވާހަކަ ކަމަށް ވެދާނެ، ނަމަވެސް މި ހާލަތާ ގުޅިގެން އިތުރު ބަޔަކު އަދިވެސް ހައްޔަރުގައި އެބަހުރި،" މަހަފޫޒް ވިދާޅުވި އެވެ.

އެ މީހުންގެ އިތުރުން އެއްވުމުގެ ތެރެއިން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަދިވެސް ހުންނެވީ ފުލުސް ހައްޔަރުގަ އެވެ.

މުޒާހަރާގައި ހައްޔަރު ކުރި މީހުންނާ ގުޅޭ ގޮތުން ފުލުހުން އެއް އަދަދެއް ބުނާއިރު ޕާޓީތަކުން އިތުރު އަދަދުތަކެއް ބުނެ އެވެ. އަދި ދޭތެރެއަކުން ސްރީލަންކާގައި ހުންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހައްޔަރުގައި ތިބި މީހުން ކަމަށް ވިދާޅުވެ އަދަދުތަކެއް ހާމަ ކުރައްވަ އެވެ.

ހިސާބުތައް ދިމާނުވެ، ހައްޔަރުގައި ތިބި މީހުންގެ ޖުމުލަ އަދަދާމެދު ބަހުސް ހިނގާއިރު މިހާރު ވަނީ އޮޅުމެއްގެ ތެރެއަށް މިކަން ވަދެފަ އެވެ.