ވިޔަފާރި

އައިޓީބީއަށް ދާން އުޅުނު ބައެއް މީހުނަށް ވިސާ ނުދިން!

Mar 4, 2018
9

ޖަރުމަނުގައި އަންނަ އާދީއްތަ ދުވަހު ފަށާ، އައިޓީބީ ފެއާއަށް ރާއްޖެއިން ދާން އުޅުނު ބައެއް ފަރާތްތަކަށް ވިސާޖަހައި ނުދިން ކަމަށް އެފަދަ ބައެއް ފަރާތްތަކުން ބުނެފި އެވެ.

ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ ކަމަށްވާ އައިޓީބީ އަށް ދާން ވިސާއަށް އެޕްލައިކުރި ޓޫރިޒަމް ދާއިރާގެ ބައެއް މީހުން "އަވަސް" މިއަދު ކިޔައިދިން ގޮތުގައި ވިސާ ޖަހަން އެޕްލައި ކުރުމުން އެ މީހުންނަށް ވިސާ ނުދީ "ރިޖެކްޓް" ކޮށްލާފައިވާ ކަމަށާއި އުޒުރަކަށް ދެއްކީ "ފިލާފާނެތީ" ކަމަށެވެ.

"ވަރަށް ހެއްވާ ރީޒަން އެއް އެ މީހުން [ޖަރުމަނު] އިން ދައްކަނީ. އެއީ ރާއްޖެ އަނބުރާ ނައިސް ފާނެއޭ ބުނެފައި ހުރީ. އެނޫން ވެސް އެކަހަލަ ވާހަކަތަކެއް ދައްކާފައި ހުރީ،" ވިސާ އަށް އެޕްލައި ކުރަން ޖަރުމަނުގައި މިހާރު ހުރި މީހަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެމީހުން އައިޓީބީއަށް ދާތާ ހަތަރު އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް ދުވަހަކު ވެސް މި ފަދަ މައްސަލައެއް ދިމާނުވާ ކަމަށެވެ.

"ހުރިހާ ޑޮކިއުމެންޓްތަކެއް ބަރާބަރަށް ހުށަހެޅިން. އެނގިފައިވާ ގޮތުގައި މި މައްސަލަ ބައެއް އެހެން މީހުންނަށް ވެސް ދިމާވެފައިވޭ. ބައެއް ރިސޯޓުތަކުގެ ޖީއެމް އިންނަށް ވެސް ވިސާ ނުދިން ކަމަށްވަނީ،" އޭނާ އިތުރަށް ބުންޏެވެ.

މި އަހަރު އައިޓީ ފެއާ އަށް ރާއްޖޭން 260 އެއްހާ މީހުން ދާނެ އެވެ.

"އަވަސް" އަށް ވާހަކަ ދެއްކި ޓޫރިޒަމް ދާއިރާގެ އެހެން އިސް ބޭފުޅުންތަކެއް ވިދާޅުވީ ވިސާގެ މައްސަލަ އެ ކުންފުނިތަކަށް ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުން ވަނީ ގޮސް. އެއް ވެސް މައްސަލައެއް ނެތް. ތި ވެދާނެ ރަނގަޅު ޑޮކިއުމެންޓްތައް ނުލީމަ ވީ ގޮތެއް ކަމަށް ވެސް،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ދިވެހިންގެ ބައެއް މީހުންނަށް ވިސާގެ މައްސަލަ ކުރިމަތިވެފައިވާއިރު، އައިޓީބީ ފެއާއާ ދިމާކޮށް ރާއްޖޭގައި ހުޅުވަން ތައްޔާރުވި ވިސާ ސެންޓަރު ހުޅުވުން ވެސް އެ ގައުމުން ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.

މި މައްސަލަ ދިމާވި އިރު އައިޓީބީއަށް ދާ މީހުންގެ ޕާސްޕޯޓަށް ސަމާލުވުމަށް އިނގިރި ވިލާތުގައި ހުންނަވާ ދިވެހި ސަފީރު ވަނީ އިލްތިމާސް ވެސް ކުރައްވާފައެވެ.