ހަބަރު

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅާލާ ބްރިޖްތައް އަޅާނެ ބަޔަކު ހޯދަނީ

Mar 4, 2018
6

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ދިޔަވަހީގެ ބިން ގުޅާލަން އަޅާ ބްރިޖްތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. އޯވަހެޑް ބްރިޖްތައް ހުންނާނެ ގޮތުގައި ޑިޒައިނެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ދިޔަަވަހި ގުޅާލުމަށް ފަސް ބުރިޖު އަޅަން ޖެހޭ ކަމަށާއި އެ ފަސް ބްރިޖްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަސް ކަމަށް އެޗްޑީސީން ބުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖްތައް ހަދަނީ ސައުދީ ފަންޑުން ދިން ލޯނު އެހީގެ ދަށުން ނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަގުތައް ހެދުމުގެ މަސައްކަތްތައް ވެސް ވަނީ ފެށިފަ އެވެ. އަދި ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓް ތަކުގެ މަސައްކަތް ވެސް އެ ސަރަހައްދުގައި ފަށައިގެން ކުރިޔަށް އެބަދެ އެވެ.