ހުޅުމާލެ

އަންނަ އަހަރު ހުޅުމާލޭގެ އާބާދީ ލައްކައިން މައްޗަށް

އަންނަ އަހަރު ނިމޭއިރު ހުޅުމާލޭގެ އާބާދީ އެއް ލައްކައަށްވުރެ އިތުރުވާނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންދާޒާ ކޮށްފި އެވެ.

ހުޅުމާލޭގައި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ދޭން އެޗްޑީސީ އިން ނެރެފައިވާ ޑޮކިއުމެންޓުގައިވާ ގޮތުން މިހާރު ހުޅުމާލޭގައި 98,744 މީހުން ދިރިއުޅެ އެވެ. އަދި އަންނަ އަހަރު ނިމޭއިރު މި އަދަދު 112,040 އަށް އިތުރު ވާނެ އެވެ. އަދި 2022 ވަނަ އަހަރު ނިމޭއިރު އާބާދީ 120,352 އަށް އިތުރުވެ، 2023 ނިމޭއިރު މި އަދަދު 129,560 އަށް އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.

ހުޅުމާލޭގެ އާބާދީ އަންނަ އަހަރު ލައްކަ އަކަށް ވުރެ މަތިވާނެ ކަމަށް އަންދާޒާ ކުރެވިފައިވާއިރު، ހުޅުމާލެ ފޭސް ދޭއްގައި މިހާރު ވަނީ އާބާދުވެފަ އެވެ. އަދި އަންނަ އަހަރުގެ މެދުތެރޭ ހިސާބު ދެވަނަ ފިޔަވަހީގައި އަޅާފައިވާ "ހިޔާ ފްލެޓް" އަށް ބޮޑު އާބާދީއެއް ޖަމާވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މި ތަނަށް ގާތްގަނޑަކަށް 6،000 އާއިލާއެއް ދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

މި ބަދަލާއެކު ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް މާލެ ސަރަހަށްދަށް ދިރިއުޅުން ބަދަލު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް "ޖަޒީރާ ދިރިއުޅުމަކަށް" ގެންދިއުމަކީ މި ސަރުކާރުގެ ވައުދެކެވެ. މާލެ ސަރަހައްދުގައި މީހުން އާބާދު ކުރުމުގެ ބަދަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ނިޒާމު ވަރުގަދަކޮށް އިގްތިސޯދީ ހަރަކާތް އިތުރުކުރާނެ ކަމަށް މިހާރު ވެރިކަން ކުރަން ތިބި ފަރާތްތަކުން ވަނީ ވައުދުވެފަ އެވެ.