ޕީއެސްއެމް

ޓެރަރިޒަމްގެ އިންޒާރު ދިން ކަމަށް ބުނެ ޕީއެސްއެމް ފުލުހަށް

Mar 4, 2018
3

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން ހިންގާ، ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) އަށް ޓެރަރިޒަމްގެ އިންޒާރު ދީފައިވާ ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ. ފުލުހަށް ޕީއެސްއެމްއިން ހުށަހަޅާފައިވަނީ އެމްޑީޕީގެ މިލަންދޫ ދާއިރާގެ ރައީސް އަދި އެކްޓިވިސްޓު އަހުމަދު ނިޔާޒުގެ މައްސަލައެކެވެ.

ޕީއެސްއެމްއިން ބުނީ، ނިޔާޒު ވަނީ ޓީވީއެމް އާއި ޗެނަލް 13 އިގެ ސެޓެލައިޓް ކަނޑާލާނެ ކަމުގެ އިންޒާރުދީފަ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ކަމާބެހޭ މުއައްސަސާތަކުން ބަލައިދިނުމަށް ވެސް ޕީއެމްއެސް ގޮވާލާފައިވެ އެވެ.

ޕީއެސްއެމްއިން މައްސަލަ ހުށަހަޅާފައިވަނީ ނިޔާޒު ކޮށްފައިވާ ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ޓީވީއެމް އާއި ޗެނަލް 13ގެ ސެޓެލައިޓް ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ. ސެޓެލައިޓް ކަނޑާލާނެ ކަމަށް އޭނާ ބުނެފައެއް ނުވެ އެވެ.

އެ ސްޓޭޝަނަށާއި ޗެނަލް 13 އަށް އިދިކޮޅު ފަރާތްތަކުން ޖެއްސުންކޮށް ނޫސްވެރިކަމަށް ހުރަސް އަޅަމުން އަންނަ ކަމަށް ޕީއެސްއެމްއިން ބުނެ އެވެ.

ޕީއެސްއެމްއިން ނޫސްވެރިކަމަށް ހުރަސް އަޅާ ކަމަށް ބުނާއިރު އެ ސްޓޭޝަނުން އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުސަތެއް ނުދެ އެވެ. ސަރުކާރާއި ޕީޕީއެމްގެ ކޮންމެ އިވެންޓެއް ލައިވްކޮށް ދައްކާއިރު ޕްރޮގްރާމްތަކަށް ވެސް ފުރުސަތު ދެނީ ސަރުކާރު ބޭފުޅުންނަށް އެކަންޏެވެ. ނަމަވެސް ހަމަހަމަކަމާއެކު ހަބަރު ފެތުރުމަކީ ޕީއެސްއެމްއަށް ގާނޫނު ލާޒިމްކުރާ ކަމެކެވެ.