އިޓަލީގެ ފިއޮރެންޓީނާގެ ކެޕްޓަން ޑާވިޑެ އަސްޓޯރީ މަރުވެއްޖެ އެވެ. އިޓާލިއަން ލީގްގައި މިރޭ ފިއޮރެންޓިނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް އުޑިނޭޒީ ޓީމާއެކު އަސްޓޯރީ ވެސް އުޑީންއަށް ދިޔަ އެވެ.
އަސްޓޯރީ މަރުވެފައި އޮތީ އުޑިނޭޒީ ނިސްބަތްވާ، އުުޑީންގެ ހޮޓަލެއްގައެވެ. އެ ހޮޓަލަކީ ޓީމު ވެސް ތިބި ހޮޓަލެވެ. އޮސްޓޯރީ މަރުވީ ނިދާފައި އޮތްވައެވެ. އިޓަލީގެ ގައުމީ ޓީމަށް ވެސް ކުޅުނު ޑިފެންޑަރު މަރުވިިއިރު އޭނާ ގެ އުމުރަކީ 31 އަހަރެވެ.
އަސްޓޯރީގެ މަރާއެކު، އިޓާލިއަން ލީގްގައި މިރޭ ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗެއް ވެސް ވަނީ ފަސްކޮށްފަ އެވެ.
"މި ޚަބަރު ފިއޮރެންޓީނާއިން އިއުލާން ކުރަނީ ކުއްލި ސިހުމާއެކު، މި ހިތާމަވެރި ދަނޑިވަޅުގައި އޭނާގެ އާއިލާއަށް އެންމެ ފުރިހމަ އިހްތިރާމު ކުރުމަށް މީޑިއާގެ ކިބައިއިންވެސް ފިއޮރެންޓީނާއިން އެދެން." ފިއޮރެންޓީނާގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަސްޓޯރީއާއެކު ކަލިއަރީއަށް ކުޅުނު ރަޖާ އެންގޯލާން އިންސްޓަގްރާމްގައި ބުނެފައި ވަނީ އަސްޓޯރީ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށާއި އެއަށްވުރެ ބޮޑަށް އޭނާ އަކީ ރަނގަޅު އިންސާނެއް ކަމަށެވެ.
"ކެލިއަރީގައި އަހަރެމެން ކިތައް ފަހަރު އެކަކު އަނެކަކަށް ވާދަ ކުރީ، އަހަރެމެން އެކަކު އަނެކަކަށް ވަރަށް ރަނގަޅަށް ދަސްވެގެން ދިޔަ، އަދިވެސް އެ ޚަބަރު ގަބޫލު ކުރަން އުނދަގޫ." އެންގޯލާން ބުނެފައި ވެއެވެ.
ކުރިން ރޯމާ އަށްވެސް ކުޅުނު ކުޅުންތެރިޔާއާ ބެހޭގޮތުން ރޯމާގެ ކުރީގެ ކޯޗު ރުޑީ ގާސިއާ ބުނީ އަސްޓޯރީގެ މަރާއެކު އޭނާގެ ހިތައް ތަދު ވެއްޖެ ކަމަށެވެ. "އޭނާ އަކީ ވަރަށް ޕްރޮފިޝަނަލް އަދި ނަމޫނާ ކުޅުންތެރިޔެއް، އަހަންނަކީ އޭނާގެ އާއިލާއަވެސް ރަނގަޅު ގުޅުމެއް ބާއްވަމުން ދިޔަ މީހެއް، މި ޚަބަރުން އަހަރެންގެ ހިތަށް ވަރަށް އަސަރު ކޮށްފި." ގާސިއާ ބުނެފައި ވެއެވެ.
އަސްޓޯރީ ވަނީ ބްރެޒިލްގައި 2013 ވަނަ އަހަރު ބޭއްވި ކޮންފަޑްރޭޝަން ކަޕްގައި އިޓަލީގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އެ މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި އޭނާ ވަނީ އުރުގުއޭ ކޮޅަށް އިޓަލީގެ ލަނޑުވެސް ކާމިޔާބު ކޮށްދީފަ އެވެ. ގައުމީ ޓީމަށް އޭނާ ވަނީ 14 މެޗުގައި ކުޅެފަ އެވެ.