ކުޅިވަރު

މެސީގެ 600 ވަނަ ލަނޑުން އެތުލެޓިކޯ ބަލިކޮށްފި

ލިއޮނަލް މެސީގެ ކެރިއަރުގައި ކާމިޔާބު ކުރި 600 ވަނަ ލަނޑުން، ބާސެލޯނާއިން ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފި އެވެ.

ބާސެލޯނާ މެޗު ކާމިޔާބު ކުރީވެސް، ހިލޭޖެހުމުން، މެސީ ކާމިޔާބު ކުރި ލަނޑުން 1-0 ންނެވެ. މެޗުގެ 26 ވަނަ މިނެޓްގައި، އެތުލެޓިކޯގެ އޭރިއާގެ ބޭރުން، ލިބުނު ހިލޭޖެހުން މެސީ ގޯލްގެ ކަނަށްވާ ގޮތަށް ފޮނުވާލީ ފާރެއްހެން އެތުރިގެން ތިބި ކުޅުންތެރިންގެ ބޯ މަތިންނެވެ. އެ ބޯޅަ ގޯލަށް ވަނީ އެތުލެޓިކޯގެ ކީޕަރު ޖޭން އޮބްލެކް އަތުގައި ޖެހިފަ އެވެ.

މެސީ ކާމިޔާބު ކުރި 600 ލަނޑުގެ ތެރެއިން 539 ލަނޑު އޭނާ ޖަހީ ބާސާގަ އެވެ. އަމިއްލަ ގައުމު އާޖެންޓީނާގެ ގައުމީ ޓީމަށް އޭނާ ޖަހައިދިނީ 61 ލަނޑެވެ. މެސީގެ 14 އަހަރުވީ ކެރިއާގައި އޭނާ ވަނީ ޖުމުލަ 747 މެޗު ކުޅެފަ އެވެ.

މެޗުގެ ކުރިން، ބާސެލޯނާ އާއި އެތުލެޓިކޯއާ ދެމެދު އޮތީ ފަސް ޕޮއިންޓްގެ ތަފާތެވެ. ނަމަވެސް ބާސާ މެޗުން މޮޅުވުމުން، އެ ޓީމުން ވަނީ އަށް ޕޮއިންޓަށް ލީޑް ފުޅާ ކޮށްފަ އެވެ.