ރިޕޯޓް

ސުޕްރީމް ކޯޓުގެ އެންމެ ބަރާބަރު ނިންމުން!

ކޯޓެއްގެ ނިންމުމަށް ފާޑު ކިޔުން ބިނާވެފައި އޮންނަނީ ތިމާ ބޭނުން ނުވާ ގޮތަކަށް ނިންމުން އަންނަ ނަމަ އެވެ. ބޭނުން ނުވާ ނަތީޖާއެއް ކޯޓެއްގެ ހުކުމަކުން ނުވަތަ ނިންމުމަކުން ނިކުމެއްޖެ ނަމަ ދެން ފެންނާނީ މުޅިން ވެސް ގާނޫނީ މައްސަލަތަކެވެ. ބުނަން މި އުޅެނީ ޝަރުއީ ދާއިރާ އިސްލާހުކުރަން ނުޖެހޭ ވާހަކައެއް ނޫނެވެ. އެކަމަކު އަހަރެމެން ކަންކަމާ މެދު ވިސްނާ ފާޑުކިޔާ ގޮތް ވެސް އިސްލާހުކުރަން ޖެހިފައިވާ ވާހަކަ އެވެ.

އައްޑޫ އަކީ ސިޓީއެއް ކަމަށް ރައީސް އޮފީހުގެ ދެންނެވުމަކުން ކަނޑައަޅައި އޮކްޓޫބަރު 19، 2010 ގައި އިއުލާނުކުރި އެވެ. ނަމަވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ނިންމީ ރައީސް އޮފީހުގެ ދެންނެވުމުގައި "އައްޑޫ ސިޓީ ކައުންސިލް" ކަމަށް ބުނާ ނުކުތާ ބާތިލް ކަމަށެވެ. މިގޮތަށް ހުކުމް ކުރުމަށް ދެ ސަބަބެއް މެދުވެރިވެފައިވެ އެވެ. އެއް ސަބަބަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ސިޓީއެއްގެ ޝަރުތުތައް ކަނޑައަޅައި ނިންމި ނިންމުމަކީ އެ އޮތޯރިޓީގެ އަޣުލަބިއްތުން ނިންމި ނިންމި ނިންމުމަކަށް ނުވުމުން އެ ނިންމުން ބާތިލް އެއްޗަކަށް ވުމެވެ. އަނެއް ސަބަބަކީ އައްޑޫ ގައި ސިޓީއެއްގެ ދަރަޖަ ހަމަނުވުމެވެ. އެހެންވެ ސިވިލް ކޯޓުން ކުރި ހުކުމާ އެކު، އިލެކްޝަންސް ކޮމިޝަނުން އައްޑޫގައި ސިޓީ ކައުންސިލެއް އިންތިހާބުކުރުމުގެ މަސައްކަތް ހުއްޓާލި އެވެ. ނަމަވެސް ފެބްރުއަރީ 4، 2011 ވަނަ ދުވަހުގެ ރޭ، ކައުންސިލް އިންތިހާބު ފަށަން 18 ވަރަކަށް ގަޑިއިރަށް ވެފައި ވަނިކޮށް ސުޕްރީމް ކޯޓުން އަމުރެއް ނެރުނީ ކުރިން ވެސް އިއުލާނުކުރި ގޮތަށް އިންތިހާބު ނުބާއްވައިފި ނަމަ އައްޑޫ ސިޓީ ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންނާއި އާންމު ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބިފައިވާ ހައްގަށް ހުރަސް އެޅޭނެ ކަމަށާއި އިންތިހާބު ނުބާއްވަން ނިންމުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަ ކަމާއި ރައްޔިތުންގެ މެދުގައި ތަފާތު ނުކުރުމުގެ އުސޫލާ އެއްގޮތް ނިންމުމެއް ނޫން ކަމަށެވެ.

ފެބްރުއަރީ 5، 2011 ގައި އައްޑޫގައި ސިޓީ ކައުންސިލެއް އިންތިހާބުކުރި އިރު ސިވިލް ކޯޓުން އޮތީ، އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ނިންމި ނިންމުން ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ސިވިލް ކޯޓުގެ ހުކުމާ މެދު އަދި ސިޓީ ކައުންސިލެއްގެ ޝަރުތުތަކާ މެދު ގޮތެއް ކަނޑައަޅައިފައެއް ނުވެ އެވެ. އެހެންވެ އެ ނިންމުން އަދިވެސް އޮތީ އެ ގޮތުގައި ކަމަށް ބަލަން ޖެހެ އެވެ. އެކަމަކު އައްޑޫގައި އިންތިހާބު ނުބޭއްވުމަކީ "...ދިވެހި މުޖްތަމައުގެ ވަކި ބައެއްގެ މެދުގައި ހަމަނުޖެހުން އުފެދި ގައުމު ހަލަބޮލިކަމާ ކުރިމަތިލާންޖެހިދާނެ ނިންމުމަކަށް ވެދާނެ" ތީ އަދި "ރައްޔިތުންގެ މެދުގައި ހަމަހަމަކަމާ އެކު އަދުލްއިންސާފު ގާއިމް ކުރަން ކަށަވަރު ކުރުމާއި އެއްވެސް ތަފާތަކާ ނުލައި ރައްޔިތުންނަށް އަދުލް އިންސާފު ލިބިދިނުމުގެ މަސްއޫލިއްޔަތަކީ ސުޕްރީމް ކޯޓަށް ލިބިފައިވާ ގާނޫނު އަސާސީއާ ގާނޫނުގެ ބެލެނިވެރިކަމުގެ ދަށުން އެ ކޯޓުން އަދާ ކުރަން ޖެހޭނެ މަސްއޫލިއްޔަތެއް" ކަމަށް ވާތީ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް އަމުރު ކުރުމުން އިންތިހާބު ބޭއްވީ އެވެ. ސިޓީއެއްގެ ޝަރުތުތަކާއި ސިޓީއެއް އުފެއްދުމުގެ މަރުހަލާ ކޮންމެ ގޮތަކަށް އޮތަސް އެންމެ މަތީ ކޯޓުގެ އަމުރަށް އިންތިހާބު ބޭއްވުުމުން ސުޕްރީމް ކޯޓު ބަރާބަރުވީ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް އައްޑޫގައި އިންތިހާބު ބާއްވައި، ސިޓީ ކައުންސިލް އިންތިހާބުކުރި ނަމަވެސް އެ ކައުންސިލްގެ ގާނޫނީ ޝަރުތުތައް ފުރިހަމަތޯ މިއަދުވެސް ސުވާލު ކުރެވޭނެ އެވެ. އެކަމަކު އެ ވާހަކަ ދައްކާކަށް ނުކެރޭނެ އެވެ. އެ ވާހަކަ ދައްކާ މީހަކު ވާނީ ބާކީ އެވެ. އެކަަމަކު އެހެން ސިޔާސި ހަމަލާތައް ކޯޓަށް ދޭން ކެރޭ މީހާ ވާނީ ހީރޯއަކަށެވެ.

ސުޕްރީމް ކޯޓުގެ އާންމު ސިޓީ އާއި ސާކިއުލާ އާއި އަމުރުތަކުން އެކި ކަންކަމަށް ބަދަލު ގެންނާތީ އެކަން ކުށްވެރިކޮށް މަލާމާތްކުރާ މީހުން ވަރަށް ގިނަ އެވެ. އެކަމަކު މި ލިސްޓަށް އައްޑޫ ސިޓީ ކައުންސިލް މައްސަލަ ފެތޭ ކަމަކަށް ނުވެ އެވެ.

އައްޑޫގައި ނުވަތަ އެހެން އަތޮޅެއްގައި ސިޓީއެއް ހެދުމަކީ ވެސް މައްސަލައެއް ނޫނެވެ. އެކަަމަކު އައްޑޫ ސިޓީ ކައުންސިލްގެ މައްސަލާގައި ސުޕްރީމް ކޯޓުން އައި ނިންމުމާ އެއްފަދަ އެހެން ނިންމުންތައް ކަމު ނުދިއުމަކީ ކިހިނެއްވާ ކަމެއްހެއްޔެވެ؟

އޮތީ އެންމެ ޖަވާބެކެވެ. ކޮންމެ ބަޔަކު ވެސް ބޭނުންވަނީ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް އެބަަކު ބޭނުންވާ ގޮތަކަށް ހުކުމްތައް ނެރޭށެވެ. ޖުޑީޝަރީ އާއި މުޅި ނިޒާމު އިސްލާހު ކުރުމަށް ފުރުސަތު ލިބުނަސް ސިޔާސީ ކޮންމެ ފިކުރެއްގެ ބަޔަކު ވެސް ބޭނުންވަނީ ތިމާމެންގެ ފަޅިއަށް ބޮޑުކޮށް، ފުރިހަމަ ކޮންޓްރޯލެވެ. އެ ނޫން މަންޒަރެއް ސިޔާސީ މީހުންގެ ކިބަޔަކުން ނުފެނެ އެވެ. އެކަމަކު ވެރިކަން ގެއްލުމުން ނުވަތަ ވެރިކަން ބޭނުންވުމުން ގައުމު އިސްލާހު ކުުރުމުގެ ފިސާރި މޮޅެތި ފޯމިއުލާތައް ރައްޔިތުނަށް ދައްކަ އެވެ. އެކަމަކު ވެރިކަމުގެ މަސްތުގައި ޖެހުމުން އެ ފޯމިއުލާ އެޕްލައިކުރާކަށް ނޭނގެ އެވެ.