ކުޅިވަރު

ލީގް ހޯދަން ސިޓީ ފިޔަވަޅެއް ކުރިއަށް

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގް ހޯދުމަށް އެއް ފިޔަވަޅު ކުރިއަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.

ސިޓީގެ ދަނޑު އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޗެލްސީން ކުޅުނީ ޑިފެންސިވް ގޭމެކެވެ. މުޅި މެޗުގައި ވެސް ޗެލްސީއަށް ހަމަލާ އުފެއްދުނީ ނިސްބަތުން މަދުންނެވެ. ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ، ސްޓައިކަރެއް ކުޅެން ނެރުނީވެސް، މެޗުގެ 78 ވަނަ މިނެޓަށް އެޅުނު ފަހުންނެވެ. އެއީ ވިލިއަންގެ ބަދަލުގައި އޮލިވާ ޖިރޫޑް އެވެ.

ފުރަތަމަ ހާފު ދެ ޓީމުން ނިންމާލީ ލަނޑެއް ނުޖެހި އެވެ. ނަމަވެސް ދެ ވަނަ ހާފު ފެށިގެން 38 ވަނަ ސިކުންތުގައި ސިޓީން ލީޑް ނެގި އެވެ. އެ ޓީމުގެ ލަނޑު ޑޭވިޑް ސިލްވާ ނަގައިދިން ހުރަހަކުން ތަނަވަސްވި ބޯޅައިން ކާމިޔާބު ކުރީ ބެނާޑޯ ސިލްވާ އެވެ.

ސްޕެއިން އާއި ޖަރުމަންގެ ލީގްވެސް ހޯދާފައިވާ، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް ލީގް ހޯދަން ދެން ބޭނުން ވަނީ ހަތަރު މެޗެވެ. ލީގް ގައި ސިޓީއަށް ބާކީ އޮތީ ނުވަ މެޗެވެ. އެ ޓީމު އެއް ވަނައިގައި ލީޑް ކުރަނީ 18 ޕޮއިންޓްގެ ބޮޑު ފަރަގަކާ އެކު އެވެ.