ބޮލީވުޑް

ވިކިޕީޑިއާގައި ޝާހުރުކް ސާޗްކުރާ މީހުން ގިނަވެއްޖެ

ބޮލީވުޑްގެ ލޯބީގެ ރަސްގެފާނު ޝާރުކް ހާން އަކީ ތަފާތު ރެކޯޑުތަކެއް މީގެ ކުރިންވެސް ހޯދާފައިވާ ކާމިޔާބު ބަތަލެކެވެ. ޑައިރެކްޓާ އަނަންދު އެލް ރާއީގެ ފިލްމު "ޒީރޯ" ގެ ޝޫޓިންގައި އަވަދިނެތި އުޅެމުންދާ ޝާރުކް މިހާރު ވަނީ އިތުރު ރެކޯޑެއް ގާއިކޮށްފަ އެވެ.

އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި އޭނާގެ ފޭނުން އެބަތިއްބެވެ. އޭނާގެ އެކްޓިންގެ ހުނަރާއި ރީތިކަމުން އެތަށް ބައެއްގެ ހިތްތަށް ވަނީ ފަތަހަކޮށްފަ އެވެ.

ޝާރުކް އަކީ މިހާރު ދުނިޔޭގެ އެންމެ މަޝްހޫރު އޮންލައިން އެންސައިކްލޮޕީޑިއާ، ވިކިޕީޑިއާގައި ދެ ވަނައަށް އެންމެ ގިނަ ބަޔަކު ސާޗުކުރާ އެންމެ މަޝްހޫރު ޝަހުސިއްޔަތެވެ. ޝާރުކް މި މަގާމު ދިފާއުކުރީ މީގެ ކުރިން މި މަގާމުގައި އޮތް ޓޮމް ކްރޫސް ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ވިކިޕީޑިއާގައި މިހާރު އެންމެ ގިނަ ބަޔަކު ސާޗުކުރާ މަޝްހޫރު ޝަހުސިއްޔަތުގެ މަގާމުގައި އޮތީ ކިމް ކާޑޭޝިއަން އެވެ.

ޝާރުކް މިހާރު މަސައްކަތް ކުރަމުންދާ ފިލްމު ޒީރޯގައި އޭނާއާއެކު އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް ފެނިގެންދާނެ އެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެންބަރު މަހު 21 ގަ އެވެ.