އޮސްކާސް އެވޯޑްސް

އޮސްކާ 2018: މިފަހަރު ރަސްކަންކުރީ "ދަ ޝޭޕް އޮފް ވޯޓާ"

ހޮލީވުޑްގައި ދޭ އެންމެ ގިނަ ދުވަސްވީ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ އޮސްކާ އެވޯޑުގެ މި އަހަރުގެ އެވޯޑު ދީފި އެވެ. އޮސްކާ އެވޯޑް ދޭތާ މިއީ 90 ވަނަ އަހަރެވެ.

މިފަހަރު އޮސްކާގައި އެންމެ ކާމިޔާބު ފިލްމަކަށް ހޮވުނީ "ދަ ޝޭޕް އޮފް ވޯޓާ" އެވެ. ޖުމަލް 13 ކެޓަގަރީއަކުން ނޮމިނޭޓުވެ، ހަތަރު އެވޯޑެއް އެ ފިލްމު ކާމިޔާބުކޮށްފައިވެ އެވެ. އެ ފިލްމު ކާމިޔާބުކުރި އެވޯޑުތަކުގެ ތެރޭގައި ބެސްޓް ޕިކްޗާ އާއި ބެސްޓް ޑިރެކްޝަން އަދި ބެސްޓް ޕްރޮޑަކްޝަން ޑިޒައިންގެ އިތުރުން ބެސްޓް އޮރިޖިނަލް ސްކޯގެ އެވޯޑު ހިމެނެ އެވެ.

މި އަހަރުގެ ބެސްޓް ފިލްމްގެ ނަން އިއުލާންކުރީ މިދިޔަ އަހަރު އޮސްކާގައި ބެސްޓް ފިލްމްގެ ނަން ސްޓޭޖްމަތީގައި އޮޅުވާލައި، ގިނަ ބަޔަކަށް ޝޮކެއްދިން ދެ ފަންނާނުން ކަމަށްވާ ފޭއި ޑުނަވޭ އާއި ވެރެން ބީޓީ އެވެ. އެކަން ގިނަ ބަޔަކަށް ފަހުން މަޖާވެސް ވިއެވެ. މިފަހަރުގެ ހަފުލާގައި ވެސް ދެ ފަންނާނުން އެވޯޑް އިއުލާން ކުރުމަށް ސްޓޭޖަށް އައުމާއެކީ، މުޅި ޑޮލްބީ ތިއޭޓަރުގެ އެތެރެ އެއް އަޑަކަށް އޮތީ ހުނުމުގެ އަޑެވެ.

ދެން އެންމެ ގިނަ އެވޯޑު ގެންދިޔައީ ފިލްމް "ޑަންކާކް" އަށެވެ. އެ ފިލްމު ޖުމްލަ ހަ ކެޓަގަރީއަކުން ނޮމިނޭޓުވިރު ތިން ކެޓަގަރީއަކުން އޮސްކާ ގެންގޮސްފައިވެ އެވެ. އެއީ ބެސްޓް ފިލްމް އެޑިޓިން އާއި ބެސްޓް ސައުންޑް މިކްސިން އަދި ސައުންޑް އެޑިޓިންގެ ކެޓަގަރީންނެވެ.

މިއަހަރު ގިނަ އެވޯޑުތަކެއްގައި ގިނަ ކާމިޔާބީތަކެއް ހޯދި "ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިޒޮރީ" ހަ ކެޓަގަރީއަކުން ނޮމިނޭޓުވެ ދެ އޮސްކާ ގެންގޮސްފައިވެ އެވެ. އެއީ ބެސް އެކްޓްރެސް އިން ލީޑިންގް ރޯލް އާއި ބެސްޓް އެކްޓާ އިން ސަޕޯޓިން ރޯލް އެވެ.

ބެސްޓް އެކްޓާގެ އޮސްކާ ގެންދިޔައީ އެންމެ ގިނަ ބަޔަކު ލާފާކުރި ގޮތަށް "ޑާކެސްޓް އަވާ" ގެ އެކްޓާ ގެރީ އޯލްޑްމަން އެވެ. މިއީ ގެރީ އޯލްޑްމަން އޮކްސާ ކާމިޔާބުކުރި ފުރަތަަމަ ފަހަރުވެސް މެއެވެ. ބެސްޓް އެކްޓްރެސްގެ އެވޯޑު ގެންދިޔައީ "ދަ ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިޒޮރީ" އިން ޕްރާންސެސް މެކްޑޯމަން އެވެ.

އެންމެ ފާހަގަކޮށްލެވުނު ކާމިޔާބީތައް

* ބެސްޓް ޕިކްޗާ - ދަ ޝޭޕް އޮފް ވޯޓާ

* ބެސްޓް އެކްޓްރެސް އިން ލީޑިންގް ރޯލް - ފްރާންސަސް މެކްޑޯމަން / ތްރީ ބިލްބޯޑްސް

* ބެސްޓް އެކްޓާ އިން ލީޑިންގް ރޯލް - ގެރީ އޯލްޑްމަން / ޑާކެސްޓް އަވާ

* ބެސްޓް އެކްޓްރެސް އިން ސަޕޯޓިން ރޯލް - އެލިސަން ޖޭނީ / އައި ޓޮންޔާ

* ބެސްޓް އެކްޓާ އިން ސަޕޯޓިން ރޯލް - ސެމް ރޮކްވެލް / ތްރީ ބިލްބޯޑްސް

* ބެސްޓް ޑައިރެކްޓާ - ގިލިއަރްމޯ ދެލް ތޯރޯ / ދަ ޝޭޕް އޮފް ވޯޓާ

* ބެސްޓް ސިނެމަޓޯގްރާފީ - ރޯގާ ޑީކިންސް / ބްލޭޑްރަނާ 2049

* ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ - ޖޯޑަން ޕީލް / ގެޓް އައުޓް

* ބެސްޓް އެޑަޕްޓެޑް ސްކްރީންޕްލޭ - ޖޭމްސް އައިވޮރީ / ކޯލް މީ ބައި ޔުއާ ނޭމް

* ބެސްޓް ޕްރޮޑަކްޝަން ޑިޒައިން - ދަ ޝޭޕް އޮފް ވޯޓާ

* ބެސްޓް އެނިމޭޓެޑް ފީޗާ - ކޯކޯ

* ބެސްޓް ވިޒުއަލް އިފެކްޓްސް - ބްލޭޑްރަނާ 2049

* ބެސްޓް ފިލްމް އެޑިޓިން - ލީ ސްމިތް / ޑަންކާކް

* ބެސްޓް އޮރިޖިނަލް ސްކޯ - އެލެކްޒެންޓްރާ ޑެސްޕްލެޓް / ދަ ޝޭޕް އޮފް ވޯޓާ

* ބެސްޓް އޮރިޖިނަލް ސޯންގް - ރިމެމްބާ މީ / ކޯކޯ

* ބެސްޓް ކޮސްޓިއު ޑިޒައިން - ފެންޓަމް ތްރެޑް

* ސައުންޑް މިކްސިން - ޑަންކާކް

* ސައުންޑް އެޓިޑިން - ޑަންކާކް

އޮސްކާ އެވޯޑް މިފަހަރުވެސް ހުށަހަޅާދިނީ މިދިޔަ އަހަރުގެ ހަފްލާ ހުށަހަޅާދިން ޖިމީ ކިމެލް އެވެ. ގިނަ ފަންނާނުންގެ ހުށަހެޅުންތައް ފެނިގެދިޔައިރު އޮރިޖިނަލް ސޯންގަށް ނޮމިނޭޓުވި ލަވަތައް އެ ލަވަތައް ކީ ފަންނާނުން ލައިވްކޮށް ޕާފޯމްކޮށްފައިވެ އެވެ. މީގެ އިތުރުން ބައެއް ތަރިންގެ ހަނދާންތައް އާކުރި އިރު ސްރީދޭވީއަށް ވެސް ޓްރިބިއުޓެއް ދިނެވެ.

ފުރަތަމަ ފަހަރަށް ދިވެހި ޗެނަލަކުން މިފަހަރު ވަނީ އޮސްކާ ލައިވް ވެސް ކޮށްފަ އެވެ. އައިސް ޓީވީން ވަނީ އޮސްކާގެ ރެޑް ކާޕެޓް އިވެންޓާއި މެއިން އިވެންޓް ވަގުތުން ޓެލެކާސްޓުކޮށްފަ އެވެ. މި ހަފްލާގެ ރިޕީޓް މިރޭ 8:30 ގައި އައިސް ޓީވީން ދައްކާނެ އެވެ.