ޖަރުމަނުގައި ބާއްވާ އައިޓީބީ ފެއާ އަށް ދާން، ވިސާ އަށް އެދުނު މީހުންގެ ތެރެއިން ވިސާ ހަމަ ނުޖެހުނީ ތިން މީހުންނަށް ކަމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވީ ވިސާ ހަމަ ނުޖެހުނު މީހުންނަށް ވިސާ ނުލިބުނީ ޑޮކިއުމެންޓްތަކުގެ މައްސަލައެއްގައި ކަމަށެވެ.
"ޖަރުމަނަށް ވިސާ ހަމަނު ޖެހުނީ ލިޔެކިޔުންތައް ހަމަނުވާތީ. އެމްއެމްޕީއާރްސީގެ ފަރާތުން ދިޔަ ހުރިހާ މީހުންނަށް ވިސާ ލިބުނު،" އެ އޮފިޝަލް ވިދާޅުވި އެވެ.
ވިސާ ނުލިބުނު މީހުންނަށް ވިސާގެ މައްސަލަ ކުރިމަތިވީ ބޭންކް ސްޓޭޓްމެންޓާއި ހޮޓެލް ބުކިންގްގައި މައްސަލައެއް ޖެހިގެންނެވެ.
ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ ކަމަށްވާ އައިޓީބީ އަށް ދާން ވިސާ އަށް އެޕްލައިކުރި ޓޫރިޒަމް ދާއިރާގެ ބައެއް މީހުންނަށް ވިސާ ނުލިބުނު ކަމަށް ވިސާއަށް އެޕްލައި ކުރި ބައެއް މީހުން އިއްޔެ ވަނީ ބުނެފަ އެވެ.
"ވަރަށް ހެއްވާ ރީޒަން އެއް އެ މީހުން [ޖަރުމަނު] އިން ދައްކަނީ. އެއީ ރާއްޖެ އަނބުރާ ނައިސް ފާނެއޭ ބުނެފައި ހުރީ. އެ ނޫން ވެސް އެ ކަހަލަ ވާހަކަ ތަކެއް ދައްކާފައި ހުރީ،" ވިސާ އަށް އެޕްލައި ކުރަން ސްރީލަންކާ އަށް ދިޔަ މީހަކު ނަން ނުޖެހުމަށް އެދި ބުނެފައިވެ އެވެ.
ވިސާ ނުލިބުނު މީހުން ބުނެފައިވާ ގޮތުގައި "ވިސާގެ ތާށިކަން" އައިކަމަށް ބެލެވެނީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެންނެވެ.
މި އަހަރު އައިޓީބީ ފެއާ އަށް ރާއްޖޭން ޓޫރިޒަމް ދާއިރާގެ ރިސޯޓުތަކާއި ޓްރެވަލް އެޖެންޓުން ހިމެނޭ ގޮތަށް 104 ފަރާތަކުން 300 އަށްވުރެ ގިނަ މީހުން ދަތުރުކުރާނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ އަށް ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ޖަމާވެ އެވެ. މި ފެއާއަކީ ރާއްޖެ އަށް ގިނަ ފައިދާ ތަކެއް ލިބިގެންދާ ޓޫރިޒަމް ފެއާއެކެވެ.