ލިއޮނަލް މެސީ އެތުލެޓިކޯ މެޑްރިޑްގައި ހުރި ނަމަ ބާސެލޯނާ އާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި، މޮޅުވާނީ އެތުލެޓިކޯ މެޑްރިޑް ކަމަށް އެޓީމުގެ ކޯޗު އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.
ރޭ ގެ މެޗުގައި ބާސާގެ އެންމެ ބޮޑު ތަފާތަކަށް ވީ، މެސީ އެވެ. ބާސާ 1-0 ން މޮޅުވީ، މެސީ ކާމިޔާބު ކުރި ހިތްގައިމު ފްރީކިކުންނެވެ. މުޅި މެޗުގައިވެސް ތަފަތަކަށް ފެނުނީ، އެ ހީލެޖުމުން ކެރިއަރުގެ 600 ވަނަ ލަނޑު ޖެހި މެސީ އެވެ.
"އަހަރެމެން މެސީ ގެނެސް އެތުލެޓިކޯގެ ޖޯޒީ އޭނާ ލައިގެން ހުރި ނަމަ، އެތުލެޓިކޯ 1-0 ން މޮޅު ވާނެ،" މެޗަށް ފަހު ވާހަކަ ދައްކަމުން ސިމިއޯނޭ ބުންޏެވެ. "އަހަރެމެން ޝައްކެއް ނުކުރަން އަހަރެމެންނަށް އަހަރެމެންގެ ޓާގެޓާ ހަމަޔަށް ވާސިލު ވެވޭނެ ކަމާމެދު."
ސިމިއޯނޭ ބުނީ އެތުލެޓިކޯ މެޑްރިޑް ވާދަ ކުރަމުން ދަނީ، 14 އަހަރު ވަންދެން ބާސެލޯނާ އާއި ރެއާލް މެޑްރިޑް ޑޮމިނޭޓް ކުރަމުންދާ ދުވަސް ވަރެއްގައި ކަމަށެވެ. އެ ދެ ޓީމުގެ ތެރެއިން ވަދެ އެތުލެޓިކޯ އަށް ޖާގަ އެއް ލިބުމަކީ އެ ޓީމަށް ހޯދުނު ކާމިޔާބެއްގެ ގޮތުގައި ސިމިއޯނޭ ސިފަ ކުރި އެވެ.
ރޭގެ މެޗުގައި، ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ އޭނާގެ ޓީމު ކުޅުވާފައި ވަނީ، 4-4-2 ގެ ގޭމް ޕެލޭނަށެވެ. އެއީ އޭނާ އެތުލެޓިކް ކުލަބުގައި އާންމުކޮށް ބޭނުން ކުރާ ފޯމޭށަނެވެ. އެތުލެޓިކޯގެ ގޭމް ޕްލޭން އާންމުކޮށް ބިނާ ވަނީ 4-4-2 ފޯމޭށަނަށެވެ.
"އަހަރެން ވަރަށް ޝައުގުވެރިވި ކަމެއް 4-4-2 ފޯމޭށަންގައި ބާސެލޯނާ ޓީމު ވަރަށް އޮގަނައިޒްކޮށް އޮވެފައި ހަމައެޔާއެކު ޑިފެންސްގައި ވަރަށް ޓައިޓް ކޮށް ފެނުން، އޭގެ މަނައަކީ 4-3-3 އަށް ނުފެއްތިޔަސް ރަނގަޅަށް ކުޅެވޭނެކަން އެބަ އެނގެޔޭ،" 4-4-2 ގެ އެކްސްޕާޓެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ސިމިއޮނޭ ބުންޏެވެ.