މިސްރު

މިސްރުގައި މެގަސިޓީއެއް ހަދަން ސައުދީން 10 ބިލިޔަން ޑޮލަރު

މިސްރުގެ ސީނާ ސަހަރާގައި މެގަ ސިޓީއެއް ބިނާކުރުމަަށް ސައުދީ އަރަބިއްޔާއިން 10 ބިލިޔަން ޑޮލަރު ހަރަދު ކުރުމުގެ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފިއެވެ.

ރޮއިޓާސް ބުނީ ސައުދީއާއި މިސްރުން އެއްބަސްވުމުގައި ސޮއިކުރީ ސައުދީ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާން މިސްރަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރީ މިސްރުގެ ވެރިރަށް ގާހިރާގައެވެ. އަމީރު މުހައްމަަދު މިސްރަށް ފެށްޓެވި ދަތުރުފުޅަކީ ސައުދީ ވަލީ އަހުދުގެ މަގާމު އޭނާއަށް ލިބިވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

ސައުދީން ހަރަދުކޮށްގެން މިސްރުގެ ސީނާގެ ދެކުނުގައި ތަރައްގީ ކުރަން ރާވާފައި ވަނީ 1000 އަކަ ކިލޯމީޓަރުގެ ބޮޑު ޝަހަރެކެވެ. އެ މަޝްރޫއަކީ ސައުދީ އިގުތިސާދު ތެލަށް ބަރޯސާ ކުރާ މިންވަރު ކުޑަކޮށް އިގުތިސާދު ހުޅުވައިލުމަށް އަމީރު މުހައްމަދު މިދިޔަ އަހަރު އިއުލާނު ކުރި " ނިއޯމް" މަޝްރޫއުގެ ބައެކެވެ.

ނިއޯމް އަކީ ގްރީކް ލަފުޒެއް ކަަމަށްވާ ނިއޯ (އައު) އާއި އަރަބި ލަފުޒެއް ކަމަށްވާ މުސްތަގުބަލު އެއްކޮށްގެން ހަދާފައިވާ ނަމެކެވެ. މާނައަކީ އާ މުސްތަގުބަލެވެ.

ނިއޯމް މަޝްރޫއުގެ ދަށުން ސައުދީ އަރަބިއްޔާގެ ތަބޫކް ޕްރޮވިންސްގައި ބޮޑު ޝަހަރެއް ބިނާކުރާ އިރު ހަމަ އެގޮތަށް އުރުދުންގަޔާއި މިސްރުގައި ވެސް ޝަހަރެއް ބިނާކުރަން ވަނީ ޕްލޭންކޮށްފައެވެ. ޕްލޭންގައި ވާގޮތުން ސައުދީގައި ބިނާ ކުރާ ޝަހަރު ،ގަލްފު އޮފް އަގަބާ ހުރަސްކޮށް އަޅާ ބްރިޖަކުން ގުޅާލަން ވެސް އެ ޕްލޭންގައި ވެއެވެ.

ދާހިލީ ބޮޑު ހަމަނުޖެހުމެއް ހުއްޓުވަން މަސައްކަތްކުރަމުންދާ މިސްރަކީ ސައުދީ އަރަބިއްޔާގެ ގާތް މިތުރެކެވެ. އެގޮތުން ޔަމަނުގައި ހޫސީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މިސްރުން ތާއީދުކުރަނީ ސައުދީ އަރަބިއްޔާއަށެވެ. އަދި ސައުދީން ގަތަރާ ދެކޮޅަށް މިދިޔަ އަހަރު އެޅި ފިޔަވަޅުގައި ވެސް މިސްރުން ބައިވެރިވިއެވެ.

އަމީރު މުހައްމަދު މިސްރަށް ވަޑައިިގެންނެވުމުގެ އެއް ދުވަސް ކުރިން މިސްރުގެ ސުޕްރީމްކޯޓުން ވަނީ ސައުދީގެ މަސްލަހަތު އޮތް މައްސަލައެއް ނިންމާފައެވެ. އެގޮތުން މިސްރުގެ ބާރުގެ ދަށުގައި އޮތް ދެ ޖަޒީރާ ކަމަށްވާ ތިރާންއާއި ސަނާފިރު ސައުދީއާ ހަވާލުކުރަން މިސްރު ސަރުކާރާއި ޕާލަމެންޓުން މިދިޔަ އަހަރު ނިންމި ނިންމުން ރަނގަޅު ކަމަށް މިސްރުގެ ސުޕްރީމްކޯޓުން ހޮނިހިރު ދުވަހު ނިންމިއެވެ.