އޮސްކާސް އެވޯޑްސް

އޮސްކާގައި ސްރީދޭވީ އަދި ޝާޝީ ކަޕޫރުގެ ހަނދާން އާކޮށްފި

ހޮލީވުޑްގައި ދޭ އެންމެ ގިނަ ދުވަސްވީ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ އޮސްކާ އެވޯޑުގެ މި އަހަރުގެ އެވޯޑު ދީފި އެވެ. އޮސްކާ އެވޯޑް ދޭތާ މިއީ 90 ވަނަ އަހަރެވެ.

މިއަހަރުގެ އޮސްކާ އެވޯޑު ހަފުލާގައި ވަނީ ފާއިތުވި އަހަރު ދުނިޔެ ދޫކޮށްފައިވާ ހޮލީވުޑާއި އެކި ފިލްމު އިންޓަސްޓްރީތަކަށް ހިދުމަތްކޮށްފައިވާ ފަންނާނުންގެ ހަނދާތައް އާކޮށްފަ އެވެ. ދުނިޔެ ދޫކޮށްފާއިވާ ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ސްރީދޭވީ އަދި ޝާޝީ ކަޕޫރުގެ ހަނދާންވެސް އާކޮށްފަ އެވެ.

ސްރީދޭވީ މަރުވީ މިދިޔަ މަހު 24 ގައި އޭނާގެ ފިރިމީހާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއްގެ ކައިވެންޏަށް ދުބާއީއަށް ގޮސްހުއްޓަ އެވެ. ސްރީދޭވީ މަރުވީ އޭނާ ހުރި ހޮޓަލުގެ ގާބިލިތެރެއަށް ގެނބިގެންނެވެ. އޭނާގެ ކުއްލި މަރާއެކު ބޮލީވުޑަށް ވަނީ ކަޅުކަން ވެރިވެފަ އެވެ. ސްރީދޭވީއަކީ އިންޑިއާ ސިނަމާގެ އެންމެ ފުރަތަމަ ސުޕަސްޓާ ބަތަލާ އެވެ. އޭނާ ވަނީ 300 އަށްވުރެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.

އޮކްސާގައި ދުނިޔެ ދޫކޮށްފައިވާ ފަންނާނުންނަށް ދިން ޓްރިބިއުޓް.

ހަނދާންއާކުރި އަނެއް ބޮލީވުޑްގެ މަޝްހޫރު ބަތަލް ޝާޝީ ކަޕޫރު މަރުވީ މިދިޔަ ޑިސެމްބަރު މަހު ހަތަރެއްގަ އެވެ. އުމުރުން ހަތަރު އަހަރުގައި ފިލްމީ ދާއިރާއަށް ނިކުތް ޝާޝީ ކަޕޫރު ވެސް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ. ފިލްމު ކުޅުމުގެ އިތުރުން އޭނާ ވަނީ ފިލްމު ޑައިރެކްޓުކޮށް އަދި ޕްރޮޑިއުސްވެސް ކޮށްފަ އެވެ. ޝާޝީ ކަޕޫރު މަރުވީ ޗިސްމޭގެ ކެންސަރަށް ފަރުވާކުރަމުން ދަނިކޮށެވެ.

އެ ހަފްލާގައި ހަނދާންއާކުރި ދުނިޔެ ދޫކޮށްފައިވާ އިތުރު ފަންނާނުންގެ ތެރޭގައި ޖޭމްސް ބޮންޑްގެ ތަރި ރޯގާ މޫރީ އާއި މެރީ ގޯލްޑް ބާގް އާއި ޖޯހަން ޖޮނަސަން އާއި ޖޯން ހާޑް އަދި ސޭމް ޝެފާޑް ހިމެނެ އެވެ.

އެ ހުރިހާ ފަންނާނުގެ ހަނދާން އާކުރުމަށް ދިން ޓްރިބިއުޓް ލަވަ ހުށަހަޅާދިނީ އެމެރިކާގެ ރޮކް ބޭންޑެއް ކަމަށްވާ ޕާލްސް ޖޭމްސްގެ ލީޑު ވޯކަލިސްޓް އެޑީ ވެޑާ އެވެ. އޭނާ ހުށަހަޅާ ދިނީ ޓޮމް ޕެޓީގެ ލަވަ "ރޫމް އެޓް ދަ ޓޮޕް" އެވެ.