ހިތްގައިމު ކަންތައްތަކެއް ހިމަނައިގެން ކުރިއަށްދިޔަ އޮސްކާސް 2018 ގެ ރެޑް ކާޕެޓް މިއަހަރު ވެސް ވަރަށް ހާއްސަ އެވެ. ހުނަރުވެރި ގިނަ ތަރިންތަކެއްގެ ފަރިކަން ރެޑްކާޕެޓުން ފެނިގެންދިޔަ އެވެ.
އެކަމަކު ރެޑް ކާޕެޓުގައި މިފަހަރު އެންމެ ގިނަ ބަޔަކު ދެކިލުމަށް އިންތިޒާރު ކުރި ބޮލީވުޑް އަދި ހޮލީވުޑަށް ނިސްބަތްވާ ތަރި ޕްރިޔަންކާ ޗޯޕްރާ ނުފެނުމުން ގިނަ ބައެއްގެ ހިތްތައް ކުދިކުދިވި އެވެ. މިދިޔަ އަހަރުގެ އޮސްކާސް އިވެންޓުގައި މުޅިން އަލަށް ފެނިގެންދިޔަ އަދި އިވެންޓްގައި ޕްރެޒެންޓް ވެސް ކުރި ޕްރިޔަންކާ މި އަހަރުގެ އޮސްކާ އިން ނުފެނީ ކީއްވެތޯ އޭނާގެ ފޭނުން ރޭގެ ހަފްލާ ފެށުނީއްސުރެ އަހަމުންދިޔަ އެވެ.
ރެޑް ކާޕެޓް ނިމި މެއިން އިވެންޓް ފެށުމުގެ ކުރިން ޕްރިޔަންކާ ވަނީ އޭނާ މިފަހަރު އޮސްކާއަށް ނުދެވުނު ސަބަބު ހާމަކޮށްފަ އެވެ. އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޕްރިޔަންކާ ބުނީ މިފަހަރު އޮސްކާއަށް ނުދެވުނީ ބަލިވެ އުޅޭތީ ކަމަށެވެ. އެ ޕޯސްޓުގައި ޕްރިޔަންކާ ވަނީ މިއަހަރު އޮސްކާއަށް ނޮމިނޭޓްވި ފަރާތްތަކަށް މަރުހަބާ ވެސް ކިޔާފަ އެވެ. އޮސްކާ ކާމިޔާބުކުރާނެ ފަރާތްތައް ބަލަންވެސް ކެއްމަދުވެފައިހުރި ކަމަށް އޭނާ ބުނެފައިވެ އެވެ.
މީގެ މަދު ދުވެސްކޮޅެއް ކުރިން ޕްރިޔަންކާ ވަނީ މިދިޔަ މަހު މަރުވި އިންޑިއާ ސިނަމާގެ ފުރަތަމަ އަންހެން ސުޕަސްޓާ ބަތަލާ ޝްރީދޭވީގެ ހަނދާނުގައި ލިޔުމެއް ވެސް ޕޯސްޓުކޮށްފަ އެވެ. އެ ލިޔުމުގައި ޕްރިޔަންކާ ބުނެފައިވަނީ އޭނާ އެކްޓިންގް ދާއިރާއަށް އެހާ ބޮޑަށް ޝައުގުވެރިވީ ވެސް ސްރީދޭވީގެ ސަބަބުން ކަމަށެވެ.
ޕްރިޔަންކާގެ އެންމެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ނިކުތީ މިދިޔަ އަހަރު އެވެ. މިހާރު އެންމެ އަވަދިނެތި ޕްރިޔަންކާ އުޅެމުން އަންނަނީ އޭނާގެ ފުރަތަމަ އެމެރިކަން ޓީވީ ސީރީޒް "ކުއެންޓިކޯ" ގެ ސީޒަން ތިނެއްގެ މަސައްކަތުގަ އެވެ. އިތުރު ފިލްމު ޕްރޮޖެކްޓުތަކުގައިވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.