ހަބަރު

ހަރުގެއަށް ވަދެ ގެއްލުން ދިން މައްސަލަ އެންއައިސީއަށް

އެމްޑީޕީގެ ހަރުގެއަށް ފުލުހުން ވަދެ ގެއްލުންދިން މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް އިދިކޮޅު ޕާޓީތަކުން ހުށަހަޅައިފި އެވެ.

ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ އެއްވުންތަައް ރޫޅާލުމަށް ބައެއް ފުލުހުން އެއްވެގެން ވަރަށް އަނިޔާވެރި ގޮތަކަށް އެކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އިހުތިޖާޖަކީ ގާނޫން އަސާސީން ލިބިދޭ ހައްގެއް ކަމަށާއި އެކަން ކުރަމުން ދަނިކޮށް ރޫޅާލުމަކީ އެއްވެސް ފުލުހަކަށް ގާނޫނުން ލިބޭނެ ބާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަމުން ދަނިކޮށް ބައެއް ފަހަރު އެސްއޯ ފުލުހުން އެމްޑީޕީގެ ހަރުގެއަށް ވަދެ ބައެއް ތަކެއްޗައް ގެއްލުން ދެމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅުމަށް އެންއައިސީއަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

"3 މާޗުގައި ބޭއްވި އެއްވުމުގެ ތެރޭގައި އެމްޑީޕީގެ ހަރުގެ ތެރެއަށް ބައެއް ފުލުހުން ވަދެ މުދަލަށް ގެއްލުން ދީފައިވާތީ އެ މައްސަލަ ވާނީ އެންއައިސީއަށް ހުށަހަޅާފައި، އަޅުގަނޑުމެން ފާހަގަކޮށްފައި ވާނެ ހަރުގެ ތެރެއަށް ވަދެ ސައުންޑް އިކުއިޕްމަންޓުތަކަށާއި އެހެން މުދަލަށް ފުލުހުންގެ ފަރާތުން ބޮޑެތި ގެއްލުންވިކަން، އޭގެ އިތުރުން އެކަން ކުރި ވަކިވަކި ފުލުހުންގެ މައުލޫމާތު އެއްކޮށް ފަރާތްތަކާ ގުޅޭ މައްސަލަ ވެސް އެންއައިސީއަށް ހުށަހަޅާނަން،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ އެފަދަ ޝަކުވާތައް ފުލުހަށާއި އެންއައިސީއަށް ހުށަހެޅި ނަމަވެސް އެކަންކަން ނުބަލާ ކަމަށާއި އެއްވެސް ފިޔަވަޅެއް އެޅިގެން ނުދާ ކަމަށެވެ. އޭގެ ސަބަބުން އެއްވުންތަކުގެ ތެރޭގައި އަނިޔާވެރިވާ ފުލުހުންނަށް އެކަމުން ހިތްވަރު ލިބި މައްސަލަ އިތުރަށް ގޯސްވަމުންދާ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންގެ ގާނޫނުގައި އެ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭ ގޮތް ސާފުކޮށް ލިޔެފައިވާނެ ކަމަށް އަމީތު ވިދާޅުވި އެވެ. އެއީ ގާނޫން އަސާސީ ނެގެހެއްޓުން ކަމަށާއި ވެރިންގެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވުމަކީ ކުށެއް ކަމަށް ވެސް އެ ގާނޫނުތަކުގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.