ހަބަރު

ދައުލަތް ހުއްޓުވާލިޔަ ނުދޭނަން، ދާނީ ހަމަ ކުރިއަށް: އާޒިމާ

  • މަޝްވަރާއަަށް ތައްޔާރު
  • ހުރިހާ މުއައްސަސާއެއް އޮތީ އެކުގަ
  • ގާނޫނު ނަގަހައްޓައި ތަރައްގީ ގެންނާނެ

މަގާމުތަކުގައި ތިއްބެވީ ސަރުކާރު ހުއްޓުވާލައި ކުޑަ ކަކޫ ޖެއްސުމަށް ފުރުސަތު ދެއްވަން ނޫން ކަމަށާއި އެކަމަށް ފުރުސަތު ބަޔަކަށް ލިބިދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، ގާނޫނު އަސާސީއިން ބޭރުން ބޮޑު ޖަރީމާއެއް ހިންގުމަށްފަހު މުޅި ގައުމު އެކަމަށް ހުސްކޮށް ތަރައްގީތައް ހުއްޓުވާލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށެވެ. އާޒިމާ އިޝާރަތް ކުރެއްވީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާއެކު ދައުލަތަށް ދިމާވި އުނދަގޫ ހާލަތަށެވެ.

"ކާކަށްތޯ މި ހައްގު ލިބުނީ، ކާކަށްތޯ މި ހައްގު ދިނީ، މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަންކަން، ކިތައް ދުވަހު ތޯ އަޅުގަނޑު މިކަމުގަ ތިބެންވީ ތަރައްގީގެ މަސައްކަތްތައް ހުއްޓާލާފަ، މިއޮތް ހުރިހާ ތަރައްގީގެ މަސައްކަތްތައް ހުއްޓާފަ ގައުމު މި އޮންނަން ޖެހުނީ މިކަމުގަ،" އާޒިމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަގާމުގަތަކުގަ ތިބެގެން ދައުލަތް އިނދަ ޖައްސާލާ އަޅުގަނޑުމެންގެ ގައުމު ހުއްޓުވައި ގާނޫނު އަސާސީގެ ބޭރުން އަމަލުކުރުމަށް ފުރުސަތު ނުދޭނަން، އަޅުގަނޑުމެން ސަރުކާރު މިއޮތީ މިކަމަށް ވަރަށް ބޮޑަށް ފާރަވެރިވެ، ދައުލަތުގެ ހުރިހާ މުއައްސަސާއެއް މިއޮތީ އެކުގަ، އެ ފުރުސަތު ލިބޭނެ ކަމަށް ހީނުރައްވާތި، އެއަށް ޖާގައެއް ނެތް، ރާއްޖޭގެ މިނިވަންކަމާ ކުޅުމަށް ވެސް ޖާގައެއް ނެތް، ދައުލަތް ހުއްޓުވާކަށް ވެސް ޖާގައެއް ނެތް، ގާނޫނީ ހަމަތަކުގެ މަތިން އަޅުގަނޑުމެން ދާނީ ކުރިއަށް، ތަރައްގީގެ މަގުގައި އަޅުގަނޑުމެންނާ ބައިވެރިވާން އާދޭ، ތަރައްގީގެ މަގުގަ އަޅުގަނޑުމެން ދާނީ ކުރިއަށް،"

އާޒިމާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިޔާލު ތަފާތުވުންތަކެއް އުޅުމަކީ އޭގެ ތެރެއަށް ބޭރުގެ ބަޔަކު ވައްދައި ރާއްޖެ ބޭރު ސިފައިންގެ އަތް ދަށަށް ގެންދަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ހާލަތު ރަނގަޅުކުރަން ބޭނުންނަމަ ކުރަން ޖެހެނީ މަޝްވަރާ ކަމަށެވެ. ސިޔާސީ މަޝްރަހު ފިނިކުރުމަށް މިހާތަނަށް އަށް ފަހަރެއްގެ މަތިން ރައީސް އަބްދުﷲ ޔާމީން މަޝްވަރާއަށް ދައުވަތު ދެއްވާފައިވާކަން އާޒިމާ ފާހަގަކުރެއްވި އެވެ. މަޝްވަރާގައި ވެސް ބޭރުގެ ބަޔަކު ޝާމިލުކުރާނެކަން ވެސް ނިންމަންޖެހޭނީ ފުރަތަމަ އަމިއްލައަށް އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން އަޅުގަނޑުމެން ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އަޅުގަނޑުމެން ބޭރުގެ ބައެއްގެ ދޮރުގަ ޓަކި ޖެހީމަ ދެން މި އަންނަނީ އެހާ ސިންޕަލް ކަމެއް ހެއްޔެވެ؟، ކޮން އަގެއް ހެއްޔޭ އަޅުގަނޑުމެން މި ދައްކަނީ، ކޮން އަގެއްހޭ ދައްކަން މި ތައްޔާރުވަނީ،" އާޒިމާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށްފަހު އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު އިދިކޮޅުގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވެފައިވާ އާޒިމާ ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައި ވެސް ނުކުރެވޭނެ ކަންކަން ހުންނަންޖެހޭނެ ކަމަށެވެ. ސަރުކާރު ދެކެ ރުޅި އައި ނަމަވެސް ގައުމު ދެކެ ލޯބިވާންޖެހޭނެ ކަމަށެވެ. ސިޔާސީ ހަސަދަވެރިކަމުގައި ގައުމު ވިއްކާލައިގެން ނުވާނެ ކަމަށެވެ.

އާޒިމާ ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖެ އެރުމަށް ފާޅުގައި ގޮވާލައްވަމުންދާ ބޭފުޅުންނަށް ސަޕޯޓްކޮށް އެ ބޭފުޅުންނަކީ ރާއްޖޭގެ ވެރިކަމަށް ގެންނަން ޖެހޭ ބައެއްކަން ގަބޫލުކުރާ މީހުން އުޅޭ ކަމަށާއި އެފަދަ މީހުން ގައުމިއްޔަތާމެދު ވިސްނާލަންޖެހޭ ކަމަށެވެ.

ސަރުކާރު އޮތީ ވަރަށް ސާބިތުކަމާއެކުކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ ގާނޫނު ތަންފީޒުކުރުމަށް ކަމަށްވީ ނަމަވެސް ނުވަތަ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށްވީ ނަމަވެސް އެކަން ސަރުކާރުން ކުރާނެ ކަމަށެވެ. އެކަން ކުރާނީ ވެސް ރާއްޖޭގައި ރާއްޖޭގެ ގާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ. ސަރުކާރުގެ ވިސްނުމާއި ސިޔާސަތަކީ އެއީ ކަމަށެވެ.