ހަބަރު

އެމްޑީޕީ ދިދަ ތިރިކުރުން ފުލުހުންނަށް!

އިދިކޮޅު އެމްޑީޕީ ޕާޓީގެ ސަޕޯޓް އޮންނަ މައި ރަށްރަށް ނުވަތަ ޕާޓީގެ މެޖޯރިޓީ އޮންނަ ގިނަ ރަށްރަށުގައި އެ ޕާޓީގެ ބޮޑު ދިދަ ހުރެ އެވެ. އެންމެ އުހުގައި އެ ދިދަ ވިހުރުވާލާނީ އެ ރަށެއްގައި ކަމަށް ބުނެ ވާދަވެރި ކަމެއް ވެސް އޮވެ އެވެ.

މި ދިދައިގެ ވާހަކަ މިފަހަރު މިއޮތީ އެހެން ގޮތަކަށެވެ. މި ދިޔަ ދެ ދުވަހު އިވެނީ ފުލުހުން މިވެނި ރަށެއް، ނުވަތަ އެވެނި ރަށެއްގައި ހުންނަ އެމްޑީޕީ ބޮޑު ދިދަ ތިރިކުރި ވާހަކަ އެވެ. އެއީ ކޯޓް އަމުރެއްގެ ދަށުން ކުރާ ކަމެކެވެ. އެމްޑީޕީގެ އެ ރަށްރަށުގެ ސަޕޯޓަރުން އެ ވާހަކަތައް ވަރަށް ބޮޑަށް އުފުލަ އެވެ. ދައުލަތުގެ ސިޔާސީ ޕާޓީއަކަށް ވެފައި އެމްޑީޕީ ދިދަ ވިހުރުވުމަކީ ނުރައްކަލެއްތޯ އެމީހުން ސުވާލު ކުރެ އެވެ.

އެ ސުވާލުތަކާއެކު ދިދަ ތިރިކުރަން ފުލުހުން ކުރާ މަސައްކަތުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ވެސް ހިއްސާކުރެއެވެ. ފޮޓޯތަކުން ފެންނަނީ ފުލުހުން ވަރަށް އަވަދި ނެތި އުޅޭ ތަނެވެ. އަރަންޖެހުނިއްޔާ ދިދަ ދަނޑީގެ އެންމެ ކޮޅަށް އަރައިގެން ވެސް ދިދަ ތިރިކުރެ އެވެ. ފަހަކަށް އެކަމެއް ނުބާއްވަ އެވެ.

އިއްޔެ ފުލުހުން ތިރި ކޮށްފައިވަނީ ނ. މަނަދޫގައި ހުރި އެމްޑީޕީގެ ދިދަ އެވެ. އޭގެ ކުރީ ދުވަހު ށ. ކަނޑިތީމުގައި ހުރި ދިދަ ތިރިކުރި އެވެ. އަދި ހޮޅިދަނޑި ވެސް ކޮނޑަށް ލައިގެން ފުލުހުން ގެންދިޔަ އެވެ. އޭގެ ކުރިން ހދ. ކުޅުދުއްފުށީގައި ހުރި ބޮޑު ދިދައެއް ވެސް ތިރިކުރި އެވެ.

ފުލުހުން މިކަން ކުރަމުންދަނީ މިދިޔަ އަހަރުގެ މާޗް މަހު އެކުލަވާލި އުސޫލެއް ނަގަހައްޓާށެވެ. ހޯމް މިނިސްޓްރީން އާންމު ކޮށްފައިވާ ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާބެހޭ އުސޫލުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ގައުމީ ދިދައަށްވުރެ އުސްކޮށް އެހެން އެއްވެސް ދިދައެއް ނަގައިގެންނުވާނެ ކަމަށެވެ.

ފުލުހުން ދިދަ ތިރި ކުރަނީ އެވެ. އަނެއްކޮޅުން ނަގަނީ އެވެ.