ހޮލީވުޑް

ފްރާންސެސްގެ އޮސްކާ އެވޯޑު ވަަގަށް ނަގައިފި

އޮސްކާސް 2018 ބޭއްވިތާ ގިނަ އިރުތަކެއް ނުވެ އުޅެނިކޮށް، މިފަހަރު އެވޯޑުގައި ބެސްޓް އެކްޓްރެސްގެ އެވޯޑު ގެންދިޔަ ފްރާންސެސް މެކްޑޯމަންގެ އޮސްކާ އެވޯޑު ޓްރޮފީ ވަގަށް ނަގައިފި އެވެ.

ލޮސް އެންޖަލަސްގެ ފުލުހުން ރިޕޯޓްކުރި ގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރެވޭ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ އޮސްކާ ހަފްލާއަށްފަހު ބޭއްވި ހާއްސަ ޖާފަތް -- ދަ ގަވަނާސް ބޯލް އޮސްކާ އާފްޓަ ޕާޓީ -- ގައި ޓްރޮފީ ބަހައްޓާފައި ހުއްޓާ ވަގަށް ގެންދިޔަ ކަމަށެވެ.

އުމުރުން 47 އަހަރުގެ އެ ފިރިހެން މީހާ ފުލުހުންގެ ބަލުމުގެ ދަށުގައި ހުރިއިރު ކަފާލާތުގެ ދަށުން އޭނާ ދޫކުރުމަށް ކަނޑައަޅާފައިވާ އަގަކީ 20 ހާސް އެމެރިކާ ޑޮލަރެވެ. އެ މައްސަލާގައި ވަރަށް އަވަހަށް އޭނާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފްރާންސެސްގެ ރެޕްރެޒެންޓޭޓީވްއެއް ޔޫއެސް ޓްޑޭއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ވަގަށް ނެގި އޮސްކާ އެވޯޑް ޓްރޮފީ މިހާރު ވަނީ އަނބުރާ ލިބިފަ އެވެ.

"ފްރާންސެސް ހުރީ އަނބުރާ އެވޯޑު އަތަށް ލިބުމުން އެކަމާ އުފަލުން." އޭނާ ބުންޏެވެ.

އެ ޓްރޮފީ ވަގަށް ގެންދިއުމުގެ ކުރިން ފްރާންސެސް ވަނީ ގަވާނާސް ބޯލް ޕާޓީގެ ތެރެއިން އެ ޓްރޮޕީގައި އޭނާގެ ނަން ކަނޑާނަގާފަ އެވެ.

ފްރާންސެސްއަށް މިފަހަރު ބެސްޓް އެކްޓްރެސްގެ އޮސްކާ ލިބުނީ "ތްރީ ބިލްބޯޑްސް އައުޓް ސައިޑް އެބިން، މިޒޮރީ" ގައި އޭނާ ދެއްކި ހުނަރަށެވެ.