ކުޅިވަރު

ޔުނައިޓެޑް ފަހުވަގުތު މޮޅުވީ ނަސީބަކުން

ކްރިސްޓަލް ޕެލަސް ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓަޑް 3-2 ން މެޗު ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު ވުގުތު އެވެ. ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ ފަހު ވަގުތު މޮޅުވީ ނަސީބު ރަނގަޅު ވުމުން ކަމަށެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުގައި، އެ ޓީމުގެ ފުރަތަމަ ލަނޑު ކްރިސްޓިއަން ބެންޓެކޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކުރީ އެންޑްރޯސް ޓައުންސެންޑް އެވެ. މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބު ކުރި އެ ލަނޑޫ ގޯލަށް ވަނީ ޔުނައިޓަޑްގެ ޑިފެންޑަރު ވިކްޓާ ލިންޑްލޮފް ގައިގައި ޖެހިފަ އެވެ. އެހެންވެ އެ ބޯޅަ އަށް ހަރަކާތް ކުރުމަށް ޔުނަިއޓަޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަށް މިސްރާބު އޮޅިގެން ދިޔަ އެވެ.

ޕެލަސްއިން ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ޕެޓްރިކް ވޭން އަންހޯލްޓް އެވެ.

ޔުނައިޓަޑުގެ ފުރަތަމަ ލަނޑު 55 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ ކްރިސް ސްމޯލިންގް އެވެ. އޭނާ ލަނޑު ޖެހީ އެންޓޯނިއޯ ވެލެންސިއާ ތަނަވަސް ކޮށްދިން ފުރުސަތެއް ގައެވެ. ދެ ވަނަ ލަނޑު 76 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮމެޔޫ ލުކާކޫ އެވެ. މެޗުގެ 91 ވަނަ މިނެޓްގައި ޔުނައިޓަޑް މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ނިމެންޔާ މަޓިޗް އެވެ.

"މެޗުގެ އެންމެ ފަހު މިނެޓް ކޮޅުގައި މެޗެއް ކާމިޔާބު ކުރަން އަބަދުވެސް ބޭނުން ވަނީ ނަސީބު، ބައެއް ފަހަރު މޮޅުވާ ޓީމަށް ހައްގު ވަނީ މަރުހަބާ، އެކަމަކު އަހަންނަށް ހީވަނީ [ޕެލަސްގެ ކޯޗް] ރޯއީ ހޮޖްސަން ކަންތައް ކުރީ އެންމެ ރަނގަޅަށް ހެން." މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ މޮޅުވުމުގައި ކުޅުންތެރިން ވެސް ތިބީ އާދަޔާ ހިިލާފު ރަނގަޅު އެޓިޓިޔުޑެއްގައި ކަމަށެވެ. މޮޅާއެކު ޔުނައިޓަޑް ވަނީ އަލުން ދެ ވަނަ އަށް ޖެހިލާފަ އެވެ. އެއީ ތިން ވަނައިގައި އޮތް ލިވަޕޫލަށްވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ސިޓީ އާއި ދެމެދު އޮތީ ބޮޑު ފަރަގެކެވެ. އެއީ 16 ޕޮއިންޓެވެ.