ކުޅިވަރު

ނޭމާ ނެތަސް ޕީއެސްޖީ ފަސޭހައެއް ނުވާނެ

ޕީއެސްޖީގެ ފޯވަޑް ނޭމާ ޖޫނިއާ ނެތުމަކުން، އެ ޓީމާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު ފަސޭހަ ނުވާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ނޭމާ ހުރީ އަނިޔާގަ އެވެ. އޭނާ އަށް އަނިޔާ ވެފައި ވަނީ، ފްރާންސް ލީގްގައި ވާދަވެރި މާސެލޭ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭނާ އަށް ލިބުނު އަނިޔާއާ ގުޅިގެން ކުރިއަށް ހަތަރު މަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. ނޭމާގެ ސާޖަރީ ހެއްދި ޑޮކްޓަރުން ބުނެފައި ވަނީ ނޭމާ ފިޓް ވާނީ ވޯލްޑްކަޕް ފެށުމުގެ ދެ ހަފުތާ ކުރިން ކަމަށެވެ.

"ނޭމާ ނެތުމަކުން އެއްވެސް ކަމެއް ބަދަލެއް ނުވާނެ، ބަދަލު ވަންޏާ ބަދަލު ވާނީ އޭނާ ނެތުން، ސަބަބަކީ އޭނާ އަކީ ދަނޑު މަތިގައި ހުރެއްޖެނަމަ އުންމީދު އޮތް ކުޅުންތެރިޔެއް،" ޒިދާން ބުންޏެވެ. "އެއްވެސް ކަމެއް ބަދަލު ނުވާ ސަބަބަކީ އެމާގަމަށް ކުޅެން ހުންނާނެ އެހެން ކުޅުންތެރިޔެއް އިތުރު ރޫހެއްގައި ހުރި ކުޅުންތެރިޔެއް."

ނޭމާގެ މަގާމަށް ނެރޭނެ ކަމަށް ބެލެވެނީ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު، އާޖެންޓިނާގެ އޭންހަލް ޑީމާރިއާ އެވެ. ޒިދާން ބުނީ ޑީ މާރިއާ އަކީ ގިނަ މަގާމުތަކަށް އެއްވަރަކަށް ކުޅޭ ކުޅުންތެރިޔެއް ކަމަށެވެ.

ކޯޗެއްގެ ގޮތުގައި އޭނާގެ އަމިއްލަ ގައުމު ފްރާންސައަށް އާދެވުމުން އެުފެދޭ ޝުއޫރަކީ ކޮބައިތޯ ސުވާލު ކުރުމުން ޒިދާން އޭނާ އަކީ ޕްރިސްގެ މީހެއް ނޫން ކަމަށާއި އޭނާ އަކީ މާސެލޭގެ މީހެއް ކަމަށެވެ. ނަމަވެސް ޕެރިސްއަށް އާދެވުމުންވެސް ހިތްހަމަޖެހުމެއް ލިބޭ ކަމަށް ޒިދާން ބުންޏެވެ.

ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗު ފަށާނީ، ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:45 ގަ އެވެ.